ތިމާއަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ހަމައެކަކަށްވެސް ޙިއްޞާކުރުމަކީ ތިމާގެ ދިރިއުޅުމުގަ އަމިއްލައަށް ހުޅުޖެހުން ފަދަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިމާއަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ހަމައެކަކަށްވެސް ޙިއްޞާކުރުމަކީ ތިމާގެ ދިރިއުޅުމުގަ އަމިއްލައަށް ހުޅުޖެހުން ފަދަ ކަމެއް!

ދިރިއުޅުމުގައި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ތިމާގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެއެވެ. އެންމެ ރަނގަޅު ގޮތުގައި ނުކުރެވޭ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެއީ އެހައި ބޮޑަށް ކަންބޮޑުވެ އެކަމުގެ ވާހަކަ ދައްކަން ޖެހޭ ކަމެއް ނޫނެވެ. 

ހަނދާނުގައި ބަހައްޓާށެވެ! ތިމާގެ ކިބައިގައި އުނި ސިފަތަކާއި ބަލިފައިތައް ކިޔައިދީގެން ނުވާނެއެވެ. އެކަންކަން އެނގުމުން ތިބާއަށް ގެއްލުންދޭން އެކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ ގާތްކަމެކެވެ. ގިނަ ބައަކު ކުރާ ކަމެކެވެ. އެންމެ ގާތް އެކުވެރިންވެސް ކުރާ ކަމެކެވެ.  

އުނި ސިފަތައް ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުންނާނެއެވެ. އެކަމަކުވެސް ގިނަ މީހުން އެކަން ޤަބޫލެއް ނުކުރާނެއެވެ. ޤަބޫލުކުރާނީ ތިމާއަކީ އެންމެ ފުރިހަމަ މީހާ ކަމަށެވެ. އެހެން މީހުންގެ ކިބައިގައި ހުންނަ އުނިސިފަތައް އޮޅުންފިލުވައި އެކަންކަމުގެ ވާހަކަ ދައްކަމުން އެ ހިނގަނީ އެހެންވެގެންނެވެ.  

މީގެ އިތުރުން ތިބާ ކަންކަމަށް ކުރިމަތިލުމުން ތިބާގެ ކިބައިގައި ހުންނަ އުނިސިފަތައް ހާމަކޮށް އެކަމަކަށް ހުރަސް އެޅުންވެސް އެއީ ކުރާ ކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ތިމާގެ ކިބައިގައި ހުންނަ އެބާވަތުގެ ކަންކަމުގެ ވާހަކަ ހަމަ އެކެއްގެ ގާތުގައިވެސް ކިޔައި ނުދިނުމެވެ. 

ތިމާގެ ކިބައިގައި އުނި ސިފައެއް ހުންނަކަން އިޙްޞާޞްކުރެވޭނަމަ އެކަމެއް އިޞްލާޙްކުރަން އަމިއްލައަށް މަސައްކަތްކުރާށެވެ. އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދާށެވެ. އެހެން މީހުންގެ ކިބައިން މައުލޫމާތު ހޯދާއިރުވެސް އެއީ ތިމާގެ ކިބައިގައި ހުރި އުނިސަފައެއްކަން ބަޔާންނުކުރާށެވެ. އެކަން ސިއްރުކުރާށެވެ. 

ތިބާގެ ކިބައިގައި ހުންނަ އުނިސިފައެއް އިޞްލާހްކުރަން ޢަމަލުކުރާނެ ގޮތުގެ ލަފައެއް އެހެން މީހެއްގެ ގާތުން ހޯދާނަމަވެސް އެއީ ތިބާގެ ކިބައި ހުރި މައްސަލައެއް ކަމަށް ނުބުނާށެވެ. ކޮންމެވެސް ރައްޓެއްސކަށް ކުރިމަތިވެގެން އުޅޭކަމެއް ކަމަށް ބުނާށެވެ. ތިމާގެ ދިރިއުޅުން ސަލާމަްތކުރުމަށްޓަކައި އެގޮތަށް ބުނުމަކުން ފާފައަކަށް ނުވާނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން