ކޮންމެ އަންހެނަކުވެސް ކިޔައިލުން މުހިންމު!: 3 ދަރިންނާއިއެކު މަގުމަތިވެފައިވާ އެކަނިވެރިމައެއްގެ ޙާލަތު ކުއްލިއަކަށް އުފާވެރިކަމަށް ބަދަލުވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކޮންމެ އަންހެނަކުވެސް ކިޔައިލުން މުހިންމު!: 3 ދަރިންނާއިއެކު މަގުމަތިވެފައިވާ އެކަނިވެރިމައެއްގެ ޙާލަތު ކުއްލިއަކަށް އުފާވެރިކަމަށް ބަދަލުވި ގޮތުގެ ވާހަކަ-

3 ދަރިންނާއެކު މަގުމަތިވެފައިވާ އަންހެނަކަށް ބުނެވުނެވެ. "ތިބާއަށް ކުރިމަތިވެފައިވާ ޙާލަތާއިމެދު އަހުރެން ކަންބޮޑުވަމެވެ." އޭނާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "އެކަމަކު އަހުރެން ކަންބޮޑެއް ނުވަމެވެ. ބޮޑެތި ގެތަކުގައި ތަނަވަސްކަމުގައި ދިރިއުޅޭ މީހުންގެ ކަންކަން ބައްލަވައިވޮޑިގެންވާ ﷲ އަހުރެންނާއި 3 ކުދިންގެ ކަންކަންވެސް ބައްލަވައި ވޮޑިގެންވެއެވެ."  

އެވާހަކައިގައި ދެމީހުން ތިއްބައި ކާރެއް މަޑުކޮށްލާފައި ފޭބީ ދެމަފިރިންނެވެ. އަންހެން މީހާ 3 ކުދިންނަށް ކުޑަ ހަދިޔާއެއް ދިއްކޮށްލާފައި 4 މައިންގެ ޙާލާއިމެދު ސުވާލުކުރުމުން އަންހެން މީހާ ބުންޏެވެ. "ފިރިމީހާ އަހުރެން ވަރިކޮށްލާފައި ގެއިން ނެރެލީމާ މަގުމަތީގައި އުޅެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކިލާކޮށް މިތިބީ އެގޮތް ބޭނުންވާތީއެއް ނޫނެވެ. ފެންވަރައިލެވޭނެ ގޮތެއްވެސް ނެތީމައެވެ." އެހިސާބަށް ބުނެވުމާއިއެކު އޭނާއަށް ރޮވިއްޖެއެވެ.

ރޮމުން ބުންޏެވެ! "ތިއައީ މާތް އަންހެނެކެވެ. ސަލާން ނުޖަހަނީސް އެއްޗެއް ދިއްކޮށްލި ހަމައެކަނި މީހަކީ ތިއައީއެވެ! މާތް ﷲ ތިއަ ދެމަފިރިންނަށް ހެޔޮރަޙްމަތް ލައްވަވާށިއެވެ!"  

އެބަސްކޮޅުން ދެމަފިރިންނަށް ވަރަށް އަސަރުކުރިއެވެ. ކާރުގައި އެމީހުންނާއިއެކު ގެއަށް ގޮސް އެގޭގައި ތިބުމަށް ދަޢުވަތުދިނެވެ. 4 މައިންނަށް ހެޔޮކޮށް ހިތައި ބަލަހައްޓައިދޭނެކަމުގެ ޔަޤީންކަންވެސް ދިނެވެ.  

ކާރުގައި 4 މައިން ދަތުރަށް ފެށުމުން އޭނާގެ އެކުވެރި އަންހެނާއަށް ބުނެވުނެވެ. "އަހުރެންގެ އެކުވެރިޔާހައި އަހުރެންގެވެސް އީމާންކަން ވަރުގަދަނަމަ އަހުރެންނަށްވެސް މާރަނގަޅު ގޮތްތައް މިންވަރުކުރެއްވެވީސްތާއެވެ!"  

އަދިވެސް އަޑުއަހާށެވެ! އެދެމަފިރިންގެ މަސައްކަތުން އެއަންހެން މީހާއަށް ރަނގަޅު ފިރިއަކު ހޯދައިދިނެވެ. އެހިސާބުން 4 މައިންނަށް އުފާވެރި ދިރިއުޅުމެއް ލިބުނީއެވެ.  

ވިސްނާށެވެ! ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީންސުރެ ހަމައެކަކަށްވެސް ކަންބޮޑުވުންތަކުން ސަލާމަތްވެވިގެން އުޅެވިފައެއް ނެތެވެ. ބައެއް މީހުންނަށް ތަންކޮޅެއް މަދުވެދާނެއެވެ. އަނެއް ބައަކަށް ކުރިމަތިވާ ކަންކަން ތަންކޮޅެއް ކުޑަވެދާނެއެވެ. އަނެއް ބައަކަށް ކުރިމަތިވެފައިވާ ކަންކަން ގިނަވެފައި ބޮޑެތިވެދާނެއެވެ. އެއީ އެއްވެސް މީހަކަށް ބާރު ހިންގޭ ކަންކަމެއް ނޫނެވެ.

މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނަވާނީ ކޮންމެވެސް ކަމަކާއި ކަންބޮޑުވާންޖެހިފައިވާ މީހެކެވެ. އަދި އެއްވެސް ވަރެއްގެ ކަންބޮޑުވުމެއްގައި އުޅެން ޖެހިފައިނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ.  

އެންމެ ބޮޑު މައްސަލައަކަށްވަނީ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވާއިރަށް އެއީ މާބޮޑުކަމެއްގެ ގޮތުގައި ވިސްނައިދޭ ބައަކު އުޅޭތީއެވެ. އެފަދަ މީހުން ދައްކާ ވާހަކަތައް އަޑުއަހާވަރަކަށް ކަންބޮޑުވުންތައް ދާނީ އިތުރުވަމުންނެވެ. އެކަމަށް ވިސްނެމުންގޮސް ކުރިމަތިވެފައިވާ ޙާލަތުން އަރައިނުގަނެވޭނެކަމަށް ޤަބޫލުކުރެވޭ ޙާލަތަށްވެސް ކަންކަން ދާނެއެވެ. މާޔޫސްވެ އަތުނަފައިން ގޯސްހެދެނީ މިބުނި ޙާލަތަށް ދިއުމުންނެވެ.  

ޔަޤީންކުރާށެވެ! ތިބާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަކީ ބޮޑު މައްސަލައެއްކަމަށް ވިސްނައިދޭ އެއްވެސް މީހަކީ ތިބާއަށް ހެޔޮއެދޭ މީހެއް ނޫނެވެ! ހެޔޮއެދޭ މީހަކުނަމަ ވިސްނައިދޭނީ މިކިޔައިދިންމަގުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން