ވިސްނައިލުން މުހިންމު ކަމެއް!: ތިބާއަކީ ތުއްތުއިރު މަރުވި ތިބާގެ ދަރިފުޅަށް ތިބާ ސުވަރުގެ ވައްދަވައި ދެއްވެވުމަށް ﷲ ގެ ޙަޟްރަތުގަ އެދެވޭނެ މީހެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ވިސްނައިލުން މުހިންމު ކަމެއް!: ތިބާއަކީ ތުއްތުއިރު މަރުވި ތިބާގެ ދަރިފުޅަށް ތިބާ ސުވަރުގެ ވައްދަވައި ދެއްވެވުމަށް ﷲ ގެ ޙަޟްރަތުގަ އެދެވޭނެ މީހެއްތަ؟

ކުރިން އުފަންވި މީހާ ކުރިން މަރުވުމަކީ ޢާންމުކޮށް ނުވަތަ ގިނައިން އެކަން ހިނގާ ގޮތެވެ. އެހެންކަމާއިއެކުގައިވެސް ކޮންމެ ދުވަހަކީވެސް މައިންބަފައިންގެ އަތްމަތީގައި އެތައް ބައިވަރު ދަރިންތައް މަރުވަމުންދާ ދުވަހެކެވެ. ޒުވާން ޢުމުރުގައިވެސް އެތައް ބައަކު ދުނިޔެއާއި ވަކިވެގެންދެއެވެ. އެއީ އިލާހީ ޤާނޫނެވެ. މަރުވާކަށް ވަކި ޢުމުރެއް ނެތެވެ.

ކޮންމެ މީހަކުވެސް އެންމެ ދެރަވާނެ އަދި ހިތާމަކުރާނެ އެއްކަމަކީ އެމީހެއްގެ ދަރިއަކު މަރުވުމެވެ. ދަރިން މަރުވުމުން ހިތާމަކުރަންވީ މަރުވީތީއެއް ނޫނެވެ. އެކަމަށް ހިތާމަކޮށްގެން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ކޮންމެ ފުރާނައެއްވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ލާނެ ނޭވާގެ އަދަދު ކަނޑައަޅުއްވަވައިފައެވެ. އެ ޢަދަދަށް ނޭވާލެވުމުން އެކަލާނގެ ޙަޟްރަތަށް ގެންދަވާނެތެވެ.

ހިތާމަކުރަން ޖެހޭނީ ދަރިން ގެންގުޅެވުނު ގޮތާއިމެދުގައެވެ. އެދަރިންނަށް ދޭން ޖެހޭ ލޯތްބާއި ސަމާލުކަން ދެވުނު މިންވަރާއިމެދުގައެވެ. އިހްމާލް ވެވިފައިވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމާއިމެދުގައެވެ.

ބާލިޣްވުމަށްފަހު މަރުވާ ކުދިންނާއިމެދު އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ކައްވަޅުގައި މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބު ދޭން ކުއްޖާ ތައްޔާރުކުރެވުނު މިންވަރާއިމެދުގައެވެ. ދަރިފުޅު ލައްވައި ނަމާދުކުރެވުނު ކަމާއިމެދުގައެވެ. އިސްލާމް ދީން ދަސްކޮށްދެވުނު ކަމާއިމެދުގައެވެ. ބާލިޣްވުމަށްފަހު އިސްލާމް ދީނަށް ޢަމަލު ނުކުރާނަމަ އެކަމުގެ ޢަޛާބް ދެއްވަވާނެ ކަމާއިމެދުގައެވެ.

މިފުރުޞަތުގައިވެސް ފާހަގަކޮށްލާނަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މުކައްލަފަކަށްވަނީ 18 ނުވަތަ ވަކިޢަދަދަކަށް އަހަރުފުރުމަކުންނޫނެވެ. ބާލިޣްވުމާއި ބުއްދިފުރިހަމަވުމުންނެވެ. ވީމާ ބިރުވެތިވާންވީ އެކަމަށެވެ. ބިރުވެތިވާންވީ ދަރިންނާއިމެދު މައިން ބަފައިންގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެތީއެވެ.

ކޮންމެ މީހަކީވެސް ކޮންމެވެސް މިންވަރެއްގެ ތަކްލީފެއްގައި އުޅެންޖެހިފައިވާ މީހެކެވެ. އެއްވެސް މީހަކީ އެމީހާ އެދޭ ހުރިހާ ކަންކަން ފުރިހަމަވެފައި ހުރި މީހެއް ނޫނެވެ. ބައެއް މީހުން އެންމެ ބޮޑަށް ކަން ބޮޑުވާ އެއްކަމަކީ އެމީހުންގެ ޢާއިލާގެ ކޮންމެވެސް މީހެއް، ދަރިއެއް ކުއްލި ގޮތަކަށް ދުނިޔެ ދޫކުރުމެވެ. ސުވާލަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއްހެއްޔެވެ؟ ފުރަތަމަ ކުރަންވީ އެ ސުވާލެވެ.

މީސްތަކުންނޭވެ! ޅަފަތުގައި ދަރިން މަރުވުމަކީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ނިޢްމަތެކެވެ. އެ ނިޢްމަތް ލިބުމުގައިވެސް ދަރަޖަތަކެއް ހުރެއެވެ. ފުރަތަމަ ކަމަކީ ބާލިޣްނުވާ ކުޑަކުދިން މަރުވުމުން އެކުދިންގެ ފުރާނަތައްވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޤިޔާމަތް ދުވަހު އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވައި ދެއްވެވުމަށް އެދޭނެތެވެ. ނަމަވެސް އެދުމުގެ ފުރުޞަތު ލިބޭނީ ﷲ ތަޢާލާ އެ ފުރުޞަތު ދެއްވެވި ކުއްޖަކަށެވެ. އެއިގެ މާނައަކީ މައިންބަފައިންނަކީ ތަޤްވާވެރިންކަމުގައިވާންޖެހޭނެ ކަމެވެ. ސުވަރުގެ ލިބުން ޙައްޤު ބައަކު ކަމުގައި ވާންޖެހޭނެ ކަމެވެ. ނޫންނަމަ އެ ފުރުޞަތެއް ނުދެއްވަވާނެތެވެ.

އިތުރު ކުޑަކުޑަ މިސާލެއްވެސް ބަޔާންކޮށްލާނަމެވެ. ދެ މީހެއްގެ ދެ ދަރިން މަރުވީއެވެ. ހަމަ އެއް އުމުރެއްގެ ދަރިންނެވެ.

އެތަނުން އެކަކީ އެމީހާގެ ދަރިފުޅަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ވަރަށް ލޯބިން ދަރިފުޅު ގެންގުޅުނު މީހެކެވެ. ދެވަނަ މީހާއަކީ ދަރިފުޅަށް އެހައި ބޮޑަށް ސަމާލުކަން ދިން މީހެއް ނޫނެވެ. މިހާލަތުގައި ދަރިފުޅަށް ސަމާލުކަން ދިން މީހާއަށް ކުރާ އަސަރު ވަރަށް ބޮޑުވާނެއެވެ. ސަމާލުކަން ނުދޭ މީހާއަށް ކުރާ އަސަރު ކުޑަވާނެއެވެ. ވީމާ ދެ މީހުންނަށް ދެއްވަވާ ނިޢްމަތް ތަފާތުވާނެއެވެ. ބޮޑަށް އަސަރު ކުރި މީހާ، އަސަރުކުރުމާއިއެކުވެސް ﷲ ތައާލާ މިންވަރުފުޅު ކުރެއްވެވި ގޮތަށް ޝުކުރުވެރިވެ ކެތްތެރިވެއްޖެ ނަމަ ދެއްވަވާ ނިޢްމަތްތައް އެތައް ގުނައެއް އިތުރުވާނެއެވެ.

މިކަމުން އެނގިގެންދަނީ މިންވަރަށް އީމާންވުމާއި މިންވަރަށް ޝުކުރުވެރިވުމުގެ މުހިންމު ކަމެވެ. ކެތްތެރިވުމުގެ މުހިންމު ކަމެވެ. ﷲ ތަޢާލާ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން