އަޚްލާޤް ގޯސްވެ އަނބިދަރިންނަށް ނުބައިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ބާޠިލްވެދާނެ ކަމުގެ ބިރު ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަޚްލާޤް ގޯސްވެ އަނބިދަރިންނަށް ނުބައިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ބާޠިލްވެދާނެ ކަމުގެ ބިރު ބޮޑު ކަމެއް!

ބައެއް މުސްލިމުން އަޅުކަން ކުރުމާއި އަޚްލާޤް ވަކިކުރެއެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ނެތްނަމަ ސުވަރުގެ ވަދެވުމަކީ ދުރުގައި އޮތްކަމެކެވެ. ހަމައެއާއިއެކު ރިވެތި އަޚްލާޤް ލިބިފައިވުމަކީ ނުވަތަ ރިވެތި އަޚްލާޤްގެ މަތީގައި އުޅުމަކީ ސުވަރުގޭގެ މަތީ ދަރަޖަތައް ޙާޞިލުކުރެވެން އޮތް ކަމެކެވެ.

ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބެން އެދޭ މީހާ، އީމާންކަންމަތީގައި މަރުވުމަށް މަސައްކަތްކުރާށެވެ! އަދި ތިމާއާއިމެދު އެހެން މީހުން ކަންކަން ކުރަން އެދޭފަދައިން އެހެން މީހުންނަށް ކަންކަންކުރާ މީހަކަށްވާށެވެ!"

(ޞަޙީޙް މުސްލިމް: 1844 ބައްލަވާ)

ރިވެތި އަޚްލާޤްގެ މަތީގައި އުޅެގެން މެނުވީ ތިމާއަކީ އެފަދަ މީހަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ކިތަންމެ ގިނަ އަޅުކަމެއް ކުރި ކަމުގައިވީނަމަވެސް އެމީހާއަކީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް އަދި މީސްތަކުންނަށް އަޚްލާޤް ނުބައި މީހަކު ކަމުގައި ވެއްޖެ ނަމަ އެމީހާ ކުރި ހުރިހާ ހެޔޮކަންތައް ގެއްލި ކާފިރުންގެ ތެރޭގައި ހިމެނި ނަރަކައަށް ވަންނަން ޖެހިދާނެ މީހަކު ކަމުގައި ވުމުގެ ބިރު ވަރަށް ބޮޑެވެ. ވީމާ އަޅުކަން ކުރުމަށް ސަމާލުކަން ދޭ ފަދައިން ތިމާގެ އަޚްލާޤް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ!

ބައެއް މީހުން ވަރަށް ފުރިހަމައަށް އަޅުކަން ކުރެއެވެ. ނަމާދުކުރެއެވެ. ރޯދަ ހިފައެވެ. ޒަކާތް ދައްކައެވެ. ޙައްޖުވެއެވެ. ގޭގައި އިނދެގެންވެސް ކަރުނަ އަޅަމުން ކީރިތި ޤްރުއާން ވެސް ކިޔަވައެވެ. ނަމަވެސް މިފަދަ ބައެއް މީހުން ޚަތިމް ބާއްވާފައި ތެދުވެ އަނބިދަރިންނާއި މައިންބަފައިންގެ ކުރިމަތީގައި ރުޅިއައިސްގެން ފުންމައިގެންދެއެވެ.

އަދި މިސްކިތުގައި ކިޔަވަން އިނދެފައިވެސް ތެދުވެ އެހެން މީހުންނާއި މުޢާމަލާތުކުރާއިރު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތް ބޮޑު ޖާހިލެއްގެ ގޮތުގައެވެ. ޚުދު އަމިއްލަ އަނބިދަރިންނާއި މައިންބަފައިންނާއި މުޢާމަލާތުކުރުމުގައިވެސް މެއެވެ.

އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް އަޚްލާޤް ރަނގަޅުކަމުގައި ވުމުގެ ބޭނުންތެރިކަން ބޮޑުކަން މިހާރު ޤަބޫލުކުރެވެނީ މަދު މީހަކަށެވެ. މިހެން ބުނަން ޖެހެނީ އެހެން މީހުންނަށް އަޚްލާޤް ރަނގަޅު މީހަކަށް ހެދިގެން ހުރެ، ނުވަތަ އެހެން މީޙުންގެ ކުރިމަތީގައި ތިމާއަކީ އަޚްލާޤް ރަނގަޅު މީހަކު ކަމުގައި ދައްކަމުން ގޭތެރޭގައި އަޚްލާޤް ނުބައި މީހުން ގިނަވާތީއެވެ.

ދީނާއި އަޚްލާޤަކީ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ އެކައްޗެކެވެ. އިސްލާމް ދީން ﷲ ތަޢާލާ ބާވައިލައްވަވާފައިވަނީ އެގޮތުގައެވެ. ރަނގަޅަށް ވިސްނާށެވެ! މީސްތަކުން ކޮންމެ ދުވަހަކު ބައިބައަށް އިސްލާމް ދީނަށް ވަންނަމުންދަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. ހަމައެފަދައިން އިސްލާމް ދީނާއިމެދު ފޫހިވާ މީހުން ފޫހިވަނީވެސް ބައެއް މުސްލިމުންގެ ކިބައިން ފެންނަ ނުރަނގަޅު އަޚްލާޤީ ސިފަތަކުގެ ސަބަބުންނެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ނުރަނގަޅު އަޚްލާޤްގެ ސަބަބުން ތިމާ ކުރާ ހެޔޮ އަމަލުތައް، އަޅުކަން ނަގައި ނުލުމަށެވެ. މީހަކަށް ޞަދަޤާތެއް ދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމުން ޞަދަޤާތް ބާޠިލުވެގެންދަނީ އެމީހާ އެކުރި އަމަލަކީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަމަކަށްވާތީއެވެ.

-- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން