ރޭގަނޑު ދަރިން ހޭލުމުން ކޮންމެ ފަހަރަކު މަންމައަށް ތެދުވަން ނުޖައްސައި ބައްޕަވެސް ދަރިފުޅުގެ ކަންކަން ކޮށްދިނުމަކީ ދެކަމަކަށް ޘަވާބު ލިބެންއޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރޭގަނޑު ދަރިން ހޭލުމުން ކޮންމެ ފަހަރަކު މަންމައަށް ތެދުވަން ނުޖައްސައި ބައްޕަވެސް ދަރިފުޅުގެ ކަންކަން ކޮށްދިނުމަކީ ދެކަމަކަށް ޘަވާބު ލިބެންއޮތް ކަމެއް!

ބައެއް ފިރިން އެމީހުންގެ އަނބިންނާއިމެދު ކަންބޮޑުވަނީ ބަލިވެ އޮންނަން ޖެހުމުންނެވެ. އެހިސާބުން ދަރިންގެ ކަންކަން ކުރަން މަޖުބޫރުވުމުންނެވެ. ގޭތެރޭގެ ކަންކަންވެސް އަމިއްލައަށް ކުރަންޖެހުމުންނެވެ. އެޙާލަތުގައި ކަންބޮޑު އެވެވެނީ އަނބިމީހާ ދެކެވާ ލޯބިން ކަމަކަށް ނުބުނެވޭނެއެވެ. އަނބިމީހާދެކެ ލޯބިވާނަމަ މަސައްކަތްކުރާނީ އަނބިމިހާއަށް އެހީތެރިވެދީގެން ސަލާމަތް ޞިއްހަތެއްގައި ބެހެއްޓޭތޯއެވެ.  

ގިނަ ޢަދަދެއްގެ އަންހެނުންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ ހަމަނިދި ނުނިދޭތީއެވެ. އެކަން ކުރިމަތިވާ އެއް ސަބަބަކީ ގޭތެރޭގެ މަސައްކަތާއި ދަރިންގެ ކަންކަން ބަލަހައްޓަން ޖެހުމުން އަރާމުކޮށްލާނެ ވަޤުތު ނުލިބިފައި އަދި ދަރިންގެ ކަންކަމުގައި ރޭގަނޑުވެސް އިރުއިރުކޮޅުން ހޭލަންޖެހޭތީއެވެ. މީގެ އިތުރުން ފިރިމީހާ ގެއަށް އަންނާނެ ވަޤުތަކަށް އިންތިޒާރުކުރަން ހޭލައި ހުރެވުންވެސް ހިމެނެއެވެ.  

ކޮންމެ އިންސާނެއްގެވެސް ސިކުނޑި ވަރުބަލިވާނެއެވެ. އެވަރުބަލިކަން ފިލުވައިދޭ ވަސީލަތަކީ ނިންޖެވެ. އެހެންވެ ހަމަނިދިނުލިބުމޭނަމަ ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ އެވެ.  

މިޙާލަތުގައި ބައެއް މައިންނަށް ދަރިންނާއިމެދުވެސް ފަރުވާކުޑަކުރެއެވެ. ބުނަން ބޭނުން ނުވާ ބަސްތައްވެސް ބުނެވެއެވެ. އަދި އޭނާގެ މަންމައަށްވެސް ނުބައިބަސް ބުނެވެއެވެ. އެގޮތަށް އެކަން ކުރިމަތިވާ އެއް ސަބަބަކީ ދަރިފުޅުގެ ޙާލަތު ރަނގަޅަށް ނުވިސްނި މައިންނަށް ނަޞޭޙަތުގެބަސްބުނެވޭތީއެވެ.  

ބުނެލަން ބޭނުންވަނީ ކޮންމެ ޙާލަތެއްގައި ހުރެނަމަވެސް ތިމާގެ މަންމައަށް ނުބައި ބަހެއް ބުނެވިއްޖެނަމަ މާފަށް އެދެންވާނެއެވެ. މައިމީހާގެ ހިތްޙަލާލް ހޯދަންވާނެއެވެ. އެއްވެސް މީހަކަށް ނުބައިބަހެއް ބުނެވިއްޖެނަމަ ފާފަވެރިވާއިރު މައިމީހާއަށް އެފަދަ ބަހެއް ބުނެވުމުން ފާފަވެރިވާނެ މިންވަރށް ބިރުވެތިވާންވާނެއެވެ.  

ފިރިން ގާތުގައި ބުނެލަން ބޭނުންވަނީ ތިބާއަށް ނިދިބޭނުންވާ ފަދައިން އަނބިމީހާއަށްވެސް ނިދިބޭނުންވާނެކަން ދަންނަންވާނެއެވެ. ނިދި ހަމައަށް ނުލިބޭނަމަ މިބުނި ފަދަ ނަފްސާނީ މައްސަލަތަކުގެ އިތުރުން ލޭމައްޗަށްދާ ބަލިޖެހުމާއި އެނޫންވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވާނެކަން އެނގެން ޖެހޭނެއެވެ.  

އެހެންވީމާ ރޭގަނޑު ދަރިން ހޭލުމުން ކޮންމެ ފަހަރަކު ހޭލަންޖެހޭ މީހަކީ އަނބިމީހާ ކަމުގައި ވިޔަނުދޭށެވެ. އަނބިމީހާ ނިންދަވަން ބާއްވާފައި ދަރިފުޅުގެ ކަންކަން ކޮށްލައިދޭށެވެ! އަބަދުވެސް ބުނާ ފަދައިން ދަރިންގެ ކަންކަން ކޮށްދިނުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ހަމައެއާއިއެކު އަނބިމީހާއަށް އެހީތެރިވެދިނުމަކީވެސް އަޅުކަމެކެވެ. ދަރިންގެ ކަންކަން މިބުނި މަގުން ބައްޕައިން ކޮށްދޭނަމަ އެއީ ދެ ޘަވާބު ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން