ދެމަފިރިންގެ މެދުގަވިޔަސް ކަންކަން ކުރިމަތިވީމަ ބަސްބުނެ ފިޔަވަޅުއަޅަން އަވަސްވެގަތުމަކީ މޮޅުކަމެއް ނޫން! ފަހުން ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދެމަފިރިންގެ މެދުގަވިޔަސް ކަންކަން ކުރިމަތިވީމަ ބަސްބުނެ ފިޔަވަޅުއަޅަން އަވަސްވެގަތުމަކީ މޮޅުކަމެއް ނޫން! ފަހުން ކަރުނައަޅަންޖެހޭ ކަމެއް!

އެންމެ އަޑުގަދަވެފައި އެންމެ އަވަހަށް ފިޔަވަޅު އެޅީމާ މޮޅުމީހަކަށް ވެވުނު ޒަމާން މާޒީވެގެން ހިނގައްޖެއެވެ. އެއީ ހަމައެކަނި އެކަކު ކަންކަމުގައި ގޮތް ނިންމި ޒަމާނެވެ. މިޒަމާނުގައި ފައިދާހުރި ގޮތަށް ކަންކަން ނިންމޭނީ 2 މީހުންނަށެވެ. އެހެންވެ މިއަދު މޮޅު މީހަކަށްވެވެން އޮތީ ވަޤުތު ހޯދައިގެން ވިސްނައި އެންމެ ހަރުދަނާ ފިޔަވަޅު އަޅާ މީހަކަށް ވެވިގެންނެވެ. 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ ކާމިޔާބު މީހުންނަކީ ނުވަތަ ކެރޭ މީހުންނަކީ އެމީހަކު ކުރަން އެފަހަރަކު ހިތަށް އެރިހައި ކަމެއް ވަޤުތުން ކޮށްލަން ކެރޭ މީހުން ކަމަށެވެ. އެހެނަސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

ކާމިޔާބުމީހުންނަކީވެސް، ކެރޭ މީހުންނަކީވެސް އެންމެ ހުޝިޔާރު މީހުންނަކީވެސް ކަމެއް ކުރަން ހިތަށް އެރުމުން ވިސްނާލަން މަޑުކޮށްލާ މީހުންނެވެ. ތިމާ ކުރަން މިއުޅޭ ކަންތައް ކުރަން އެންމެ ރަނގަޅު ވަޤުތަކީ މިއީ ކަމާއިމެދުގައި ވިސްނައިލާ މީހުންނެވެ. އަދި އެކަމެއް ކުރުން އެންމެ ރަނގަޅު ވަޤުތަކީ ފަހުގެ ވަޤުތެއް ނަމަ އެކަމަށް އެންމެ ރަނގަޅު ވަޤުތުގައި އެކަންކުރާ މީހުންނެވެ. 

ކަންކަމަށް އަވަސްއަރައިގަނެގެން ކުރާނަމަ ގިނަ ފަހަރު އޮންނާނީ އެކަމެއް ކުރެވުނީތީ ފަހުން ހިތާމަކުރަން ޖެހިފައެވެ. ކަންކަން ކުރުމުގައި އަވަސް އަރައިނުގަނެ ކެތްތެރިވެލަންޖެހެނީ އެހެންވެގެންނެވެ. 

ވީހައި އަވަހަކަށް ކުރަންޖެހޭނީ ވީހާއަވަހަކަށް އެކަމެއްކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމެވެ. މީޘާލަކަށް ފާފައެއް ކުރެވުމުން ތައުބާވުން، ބަންގިގޮވުމުން ނަމާދުކުރުން، އަދި އެނޫންވެސް އެންމެހައި ހެޔޮ ޢަމަލުތަކެވެ. 

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް އެހައިފަސޭހައިން ގޯހުން ގޯހަށް ބަދަލުވެގެންދަނީ ކަންކަން ކުރިމަތިވުމުން ވިސްނާނުލައި ފިޔަވަޅު އަޅަން، ނުވަތަ ބަސްބުނަން އަވަސްވެގަނެވޭތީއެވެ. އަދި އެފިޔަވަޅެއް އެޅުމުން ނުކުމެދާނެ ނަތީޖާއަށް ނުބަލައި ފިޔަވަޅު އެޅޭތީއެވެ.  

އިސްލާމް ދީނުގައި ކެތްތެރިކަމަށް އެހައި މަތީ ދަރަޖައެއް ދެއްވަވާފައިވަނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ކެތްތެރިންނަށް ޤިޔާމަތް ދުވަހު އެހައި މަތީދަރަޖަ ދެއްވަވަނީވެސް ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން