ހަމައެކަނި މި 2 ކަންތައް ފުރިހަމަކޮށްދިނަސް އަނބިމީހާގެ އިނގިލިކުރީގަ ހުރެގެން އުފަލުން ހެމުން އެކުގަ އުޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ހަމައެކަނި މި 2 ކަންތައް ފުރިހަމަކޮށްދިނަސް އަނބިމީހާގެ އިނގިލިކުރީގަ ހުރެގެން އުފަލުން ހެމުން އެކުގަ އުޅެވޭނެ! އިން ޝާ ﷲ

ހެޔޮލަފާ އަނބިންގެ ޝޮޕިންގ ލިސްޓް އެހައި ދިގެއް ނުވާނެއެވެ. މިދައްކަނީ ގެއަށް ބާޒާރުން ގަންނަންޖެހޭ ތަކެތީގެ ވާހަކައެއް ނޫނެވެ. އަނބިމީހާއަށްޓަކައި ފިރިމީހާގެ ކިބައިން ބޭނުންވާ ކަންކަމުގެ ޥާހަކައެވެ. އެލިސްޓް ދިގުވެގެންދަނީ ކުރު ލިސްޓަށް ކަންކަން ކޮށްނުދޭތީއެވެ.  

ކައިވެނިކުރުމަށްފަހު ދެމަފިރިންނަކީ ބައިވެރިންނެވެ. އަންތބަކާއި ފިރިއެކެވެ. އެވަރަކުން އަދި ނުފުދެއެވެ. ޙަޤީޤީ ދެމަފިރިންނަށްވާން އެބަ ޖެހެއެވެ. އެހެންވެ ޙަޤީޤީ ދެމަފިރިންނަކީ ކޮބައިކަން ބުނެލާނަމެވެ.  ޙަޤީޤީ ފިރިންނަކީ ކައިވެނިކުރުމަށްފަހު އަނބިމީހާއާއިއެކުގައި މުޅި ހަޔާތް ހޭދަކުރަން ނިންމާ ފިރިންނެވެ. އަދި ޙަޤީޤީ އަނބިންނަކީ ފިރިމީހާއަށް ފުރިހަމައަށް އިތުބާރުކުރާ އަނބިންނެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިއަ ދެމަފިރިންގެ ކިބައިގައި ޙަޤީޤީ ދެމަފިރިންގެ ޝަރުޠުތައް އެބަފުރިހަމަވޭ ހެއްޔެވެ؟  

މިކަންކަމަށް ވަރަށް ބޮޑު ޝަރުޠެއް ވެއެވެ. އެއީ ފިރިމީހާ އޭނާގެ ވާޖިބުތައް އަދާކުރުމެވެ. ފިރިއެއްގެ ވާޖިބު އަދާކުރުމަކީ އެމީހެއްގެ ކިބައިގައި ފެންވަރުހުރިވަރަކުން އަނބިމީހާގެ ބޭނުންތައް ފުއްދައިދިނުމެވެ. ބޭވަފާތެރި ނުވެ ތެދުވެރިވުމެވެ.  

އަނބިންގެ އިތުބާރު ބޭނުންވާނަމަ މިބުނިފަދައިން ޢަމަލުކުރަންޖެހޭނެއެވެ. ބޭނުންތައް ފުއްދައި ދިނުމުގެ މާނައަކީ ހަމައެކަނި ކާންބޯން ދިނުމާއި އުނުއަންނައުނު ދިނުމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ބަލިވުމުން އަޅައިލުމާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ހިތްވަރުދިނުމެވެ.  

އެހެންވެ ބަލިވުމުން އަޅައިލުމާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ހިތްވަރުދިނުން ވެފައިއޮންނަނީ ފިރިންގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާ 2 ކަންތައް ކަމުގައެވެ. އެހެންކަމާއިއެކުގައިވެސް މި2 ކަންތަކަށް ދޭންޖެހޭ ސަމާލުކަން ދެވޭ ފިރިން ދަނީ މަދުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން މިދަނީ ގިނަވަމުންނެވެ.  

އަންތބެއްގެ ހިތުގައި ފިރިމީހާގެ މައްޗަށް އިތުބާރު އުފެދިއްޖެނަމަ އެފިރިއަކަށްވުރެ އުފަލުގައި ހުރެވޭނެ މީހަކު ނުހުންނާނެއެވެ. އެފަދަ އަނބިން އަބަދުވެސް، އަދި ކޮންމެ ޙާލަތެއްގައިވެސް ފިރިމީހާ އާއިއެކު ޘާބިތުވެތިބޭނެއެވެ.  

ކިތަންމެ ފުރިހަމައަށް ކަންކަން ކޮށްދިނަސް ޝުކުރުވެރިނުވާ ބައަކު އަބަދުވެސް ތިބޭނެއެވެ. އެމީހުންގެ ވާހަކަ ދައްކަންވެއްޖެނަމަ ޝުކުރުވެރިވާ، ރަނގަޅު މީހުންގެ ވާހަކަ ދައްކާނެ ވަޤުތެއް ނުއޮންނާނެއެވެ. ވީމާ އެމީހުންގެ މައްސަލަތައް މުޅިން ވަކި މައްސަލައެއްގެ ގޮތުގައި ބޭއްވުން ނޫން ގޮތެއް ނުއޮންނާނެއެވެ. އެހެނީ މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރިނަމަވެސް ކޮންމެވެސް ގޮތަކުން ކޮންމެވެސް ބައަކު އަބަދުވެސްދާނީ ފޭލްވަމުން ކަމަށްވާތީއެވެ. 

މިއީ އަހުރެން ބުނާ ވާހަކަތަކެއް ނޫނެވެ. ތަޖުރިބާކާރު ޢިލްމްވެރިން މިކަންކަން ބަޔާންކޮށްދެއްވާ ގޮތެވެ. ވިސްނައި ޢަމަލުކުރާ މީހުންނަށް އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

--އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން