ފިރިމީހާ ކުރާނެހާ ކަމެއްކުރަން ރުހޭނަމަ އެއީ ފިރިމީހާ ދެކެ ލޯބިވާ އަންތބެއް ނޫން! މަކަރުވެރިންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފިރިމީހާ ކުރާނެހާ ކަމެއްކުރަން ރުހޭނަމަ އެއީ ފިރިމީހާ ދެކެ ލޯބިވާ އަންތބެއް ނޫން! މަކަރުވެރިންގެ ސިފައެއް!

ފިރިމީހާ ކިތަންމެ ނުބައި ގޮތްގޮތަށް އުޅުނަސް ނަޞީޙަތް ދިނުމުގެ ޙައްޤު އަނބިމީހާއަކަށް ނުއޮންނާނެތޯ؟ މިސުވާލު މިކުރަނީ ނަބީޙަތްދިނީމަ ރުޅިއަންނާތީ!  

ސުވާލުގެ ޖަވާބަކީ ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް ނުބައި ގޮތަކަށް އުޅޭނަމަ ނަޞީޙަތްތެރިވާންޖެހޭނެއެވެ. އަނބިމީހާ ކަމަށްވުމަކީ ފިރިމީހާއަށް ރަނގަޅު ނަޞީޙަތް ދިނުމަށް އޮތް ހުރަހެއް ނޫނެވެ. އޮތީ ނަޞީޙަތް ދިނުމެވެ. ނަޞީޙަތް ދިނުމުން ރުޅިއައުމުގެ ޙައްޤެއްވެސް ނެތެވެ. ވީމާ ރުޅި އައިސްގެން ނުވާނެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އަހުރެންގެ ގާތަށް ފަރުވާ ހޯދަން އަންނަ މީހުންގެ ވާހަކަތަކަށް ބުރަވެހުރެ ޔަޤީންކަމާއިއެކު ބުނަމެވެ. ތެދުވެރިކަމެއް ނެތް، މަކަރުވެރި ފިރިހެނުން ބަލައިގަންނާނީ މަކަރުވެރި އަންހެނުންނެވެ. އެއީ ޝައްކުކުރަންވެސް ޖާގަ އޮތް ކަމެއް ނޫނެވެ.  

ރަނގަޅު އަންހެނުން ތެދުވެރިވާނެއެވެ. އެމީހުންގެ ފިރިންނަށް ބޭވަފާތެރިއެއް ނުވާނެއެވެ. ފިރިމީހާގެ ލޯތްބާއި އަޅައިލުން ހޯދުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވެސްވާނެއެވެ. އަދި ފިރިމީހާއަށް ޚިދުމަތްކުރުމަކީ އެންމެ ބޮޑު އުފާކަމުގައި ދެކޭނެއެވެ.  

އެފަދަ އަންހެނަކު އޭނާއަށް މަކަރުހަދާ، ބޭވަފާތެރި ފިރިއަކު ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް މަކަރުވެރި އަންހެނަކަށް ކޮންމެ ގޮތެއްވެސް ވަރިހަމަވާނެއެވެ. އޭނާގެ ބޭނުންތައް ފުދިގެން އުޅެވޭނަމަ ފިރިމީހާ އުޅޭ ގޮތާއި ކުރާ ކަންކަމަކީ އެއްވެސް މައްސަލައަކަށް ނުހަދާނެއެވެ.  

ގޭގައި ގެންގުޅޭ ނޯކަރުން މިޘާލަކަށް ބަލާށެވެ! އެއިގެ ތެރެއިން ބައެއް މީހުންނަށް މުސާރަ ލިބި އަދި އިތުރަށްވެސް ލިބޭނަމަ ގޭގެ ވެރިމީހާ އުޅޭ ގޮތަކާއިމެދު ކަންބޮޑެއް ނުވާނެއެވެ. ކޮންމެ ގޮތަކަށް އުޅުނަސް ހުންނާނީ ރުހިގެންނެވެ. އުފަލުންނެވެ.  

މިޢާއި ޚިލާފަށް މުސާރަދޭ ޞާޙިބު މީހާދެކެ ލޯބިވާ، ހެޔޮއެދޭ ނޯކަރުން ޢަމަލުކުރާ ގޮތް ތަފާތުވާނެއެވެ. ޞާޙިބު މީހާ، ނުރަނގަޅު ކަންކަން ކުރާނަމަ އޭނާގެ ފެންވަރުން ދެކޮޅުހަދާނެއެވެ. އަދި ޞާޙިބު މީހާ އިޞްލާޙް ނުވާނަމަ ދަތިޙާލުގައި އުޅެންޖެހުނަސް ވަޒިފާދޫކޮށްލާފައި ނުކުމެގެންދާ މީހުންވެސް ތިބޭނެއެވެ.  

ތިމާއަށް ނުރަނގަޅު ގޮތްގޮތަށް އުޅެވޭނަމަ އެކަން އެންމެ ބޮޑަށް އެނގޭނީ އެމީހަކަށެވެ. ކޮންމެ ގޮތަކަށް އުޅުނަސް އަނބިމީހާ ރުހިގެން ހުންނަނަމަ އަނބިމީހާގެ ކިބައިގައި މައްސަލައެއް އެބަހުރިކަން ޤަބޫލުކުރަންވާނެއެވެ. އެކަމުގެ ޙަޤީޤަތް ހޯދަންވާނެއެވެ.  

މިއާއި ޚިލާފްވާނީ ޙާލަތު ނިޔާކުރާ ގޮތުން މަޖުބޫރުވެގެން ފިރިމީހާ އުޅޭ ގޮތާއި ނުރުހޭއިރުވެސް މަޑުން ތިބޭ އަނބިންނެވެ. އެފަދަ އަންތބަކުނަމަ ފިރިމީހާގެ ކިބައިން މައްސަލަތައް ފެންނަން ފެށުމުން ފިރިމީހާ އިޞްލާޙްކުރަން މަސައްކަތްކުރާނެއެވެ. ފިރިމީހާ ގޮތްދޫނުކުރުމުން ދަރިންނަށްޓަކައި މަޖުބޫރުވެގެން ކެތްތެރިވެދާނެއެވެ. ނަމަވެސް އެފަދަ އަނބިންގެ ޢަމަލުތަކުން އެކަން ފާހަގަކުރެވޭނެއެވެ. އެފަދަ އަނބިން މަޑުން އެތިބެނީ ފިރިމީހާ އުޅޭގޮތަށް ރުހޭތީއެއް ނޫނެވެ. ދަރިންނަށްޓަކައި ނުވަތަ އެނޫންވެސް ސަބަބެއް އޮތުމުން ކެތްތެރިވާން މަޖުބޫރުވާތީއެވެ.

މިއީ ނަްފށާނީ ޢިލްމުވެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކަތަކެއްކަން ފާހަގަކުރެވުމުން ހުށަހަޅައިލީއެވެ!

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން