ތިމާގެ ފިރިމީހާ ތިމާއަށް އެހީތެރިވެނުދިނުމާ ތިމާގެ ހުރި ކަންނެތްކަމާ ބޮޑާކަމުން އަނބިމީހާއަށް އެހީތެރިވެ ނުދިނުމަކީ އަނބިންނަށް އެހީތެރިވެދޭ ފިރިންނަށް ފުރައްސާރަކުރަން އޮތް ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތިމާގެ ފިރިމީހާ ތިމާއަށް އެހީތެރިވެނުދިނުމާ ތިމާގެ ހުރި ކަންނެތްކަމާ ބޮޑާކަމުން އަނބިމީހާއަށް އެހީތެރިވެ ނުދިނުމަކީ އަނބިންނަށް އެހީތެރިވެދޭ ފިރިންނަށް ފުރައްސާރަކުރަން އޮތް ސަބަބެއް ނޫން!

ފިރިމީހާ ގޭގައި ހުންނަ ވަޤުތުތަކުގައި އަނބިމީހާގެ މަސައްކަތަށް އެހީތެރިވެދިނީމާ އެއީ ދަށުދަރަޖައިގެ ކަމަކަށްވެގެން ފުރައްސާރަކުރި ޒަމާން މާޒީއާއިއެކުވެގެން ހިނގައްޖެއެވެ. އެކަމަކު އެކަންކުރާ ބައަކު މިހާރުވެސް އެބައުޅެއެވެ. މިއީ ވަރަށް ދެރަވަރު ކަމެކެވެ. މިއަދު އެއީ ކާމިޔާބު، ވިސްނުންތެރި ފިރިން އުފަލުން ކުރާކަމަކަށްވާތީއެވެ. 

ތިމާގެ ފިރިމީހާ ތިމާއަށް އެހީތެރިވެނުދިނުމަކީ އެހީތެރިވެދޭ ފިރިމީހާއަށް ފުރައްސާރަކުރަން އޮތް ސަބަބެއް ނޫނެވެ. ހަމައެގޮތަށް ތިމާގެ ހުރި ކަންނެތްކަމާއި ބޮޑާކަމުން އަނބިމީހާއަށް އެހީތެރިވެ ނުދިނުމަކީ އެހީތެރިވެދޭ ފިރިންނަށް ފުރައްސާރަކުރަން އޮތް ސަބަބެއް ނޫނެވެ. 

މިއަދުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ކިބައިން ނުބައި އަމަލުތައް ފެންނަވާހަކަ ދައްކާ ފަދައިން ފެންނަ ރަނގަޅު ކަންކަމުގެ ވާހަކަތައްވެސް ދައްކަންޖެހޭނެއެވެ. މިގޮތުން ބަލާއިރު ދުވަހުން ދުވަހަށް ޒުވާނުންގެ ކިބައިން ރަނގަޅުސިފަތައް ފެނި ކަންކަން އިޞްލާހްވަމުން އަންނަ ކަމަށް ޤަބޫލުކުރަންޖެހޭ ކަންކަމުގެ ތެރއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތެކެވެ. 

މިއަދު ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ގޭގައި ކައްކައެވެ. ގޭތެރެ ސާފުކުރެއެވެ. އެއްޗެތިވެސް ދޮވެއެވެ. އިސްތިރިވެސްކުރެއެވެ. ދަރިންވެސް ބަލައެވެ. މިފަދަ ކަންކަން ކުރުމުން އެއީ އަނބިދަށުވުން ކަމަށް ބައަކު ޤަބޫލުކުރިނަމަވެސް އެއީ އެއްވެސް ޙާލެއްގައި އަނބިދަށުވުމެއް ނޫނެވެ. އެފަދަ ޒުވާނުން ކުރިހޯދައި އެދަނީ ސުންނަތަށް ޢަމަލުކުރުމުގައެވެ. އަނބިންނަށް އެހީތެރިވެވަޑައިގެން ދެއްވެވުމާއި ގޭތެރޭގެ މަސައްކަތްކުރެއްވެވުމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މުޅި ދުނިޔެއަށްވެސް ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.   

ދިރިއުޅެމުންދާއިރު އެންމެ މުހިންމު ކަމަކީ ހަޔާތުގެ ބައިވެރިޔާގެ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ﷲ ތަޢާލާ ހުއްދަކުރެއްވެވި ހުރިހާ ކަމެއްވެސް ކޮށްދިނުމެވެ. އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުންނެވެ. އެއްވެސް ހާލެއްގައި ތިމާގެ ބާރު ދައްކައި ތިމާއަށް ކުރެވޭ ކަންކަމަކީ އެންމެ ރަނގަޅު ކަންކަން ކަމުގައި ދައްކައި، ވަކާލާތު ކުރުމެއް ނެތެވެ. 

މިހާރަކަށް އައިސް އަނބިމީހާ ހިތްހަމަ ޖައްސަން މިފަދަ ކަންކަން ކުރާ މީހުންނަށް މަލާމާތުގެ ބަސްތައް ވެސް އެބަ ބުނެއެވެ. އެއީ އެކަމުގެ މުހިންމުކަން ނުއެނގޭތީއެވެ. ޒުވާނުންނަށް ބުނާނީ އަނބިމީހާ ރުހޭނެ ވީހައި ގިނަ ކަންކަން ކުރާށެވެ! އެކަމުގައި އެހެން މީހުން ބުނާ ބަހަށް ނުވެސް ވިސްނާށެވެ! އަނބިމީހާގެ ރުހުން ލިބުމުން ކުރާނެ ފައިދާ މާ ބޮޑެވެ. އަދި ހަމަ އެފަދައިން ފިރިމީހާގެވެސް މެއެވެ. 

ހެދުން އެޅުމުގައިވެސް މިކަމަށް ސަމާލުކަން ދޭންވާނެއެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ބައިވެރިޔާ ރުހޭ ގޮތަށް ހެދުން ލުމަށް އިސްކަން ދޭންވާނެއެވެ. ބަލަންވީ އެހެން ބައަކު ރުހޭ ގޮތަކަށް ހެދުންލައިގެން އުޅުމަކަށް ނޫނެވެ. 

ވަރަށް ބޮޑަށް އިހްމާލް ވެވޭ އެއްކަމެއް އެބައޮތެވެ! އެއީ ބައިވެރިޔާ ކުރާ ރަނގަޅުކަންކަމަށް ޝުކުރު އަދާކުރުމެވެ. ބައެއް މީހުންނަށް ހީވަނީ ބައިވެރިޔާ ކަމެއް ކޮށްދިނުމުން ޝުކުރު އަދާކުރަން ނުޖެހޭނެ ކަމަށެވެ. އެއީ އެހެން އޮތް ކަމެއް ނޫނެވެ! ގިނަގިނައިން ޝުކުރު އަދާކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާ ކަމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން