ތިމާއަށް އެހީވާ އަޚާއަށް ނުވަތަ އުޚުތާއަށް ނުބަލައި ރަޙިމުގެ ގުޅުން ދަމަހައްޓައި ހެޔޮކޮށް ހިތާނަމަ އެންމެންގެ ލޯބިލިބި ތަނަވަސްކަން އިތުރުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިމާއަށް އެހީވާ އަޚާއަށް ނުވަތަ އުޚުތާއަށް ނުބަލައި ރަޙިމުގެ ގުޅުން ދަމަހައްޓައި ހެޔޮކޮށް ހިތާނަމަ އެންމެންގެ ލޯބިލިބި ތަނަވަސްކަން އިތުރުވާނެ! އިން ޝާ ﷲ

މީހަކު ބައްދަލުކޮށްފައި ބުންޏެވެ. "ދިރިއޅުމުގައި މިއުޅެނީ ކުރިއަރައިނުގަނެވިގެންނެވެ. އަނބިމީހާވެސް ދަރިންވެސް އަހުރެން ދެކެ ލޯބިވާ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ޢާއިލާގެ މީހުންގެ ކިބައިންވެސް ފެންނަނީ ހަމައެފަދަ ގޮތްތަކެވެ. އެއިގެ އިތުރުން ދިރިއުޅެން ކުރާ މަސައްކަތުގައިވެސް ކުރިމަތިވަނީ ކަންބޮޑުވުމެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިޔަސް ކުރިއަކަށް ނުދެވެއެވެ. ކުރަންވީ ކަމެއް ނުއެނގުނެވެ." 

އަހުރެން ބުނީމެވެ. ބަލަންޖެހޭނެ ކަންކަން ބައިވަރެވެ. އެހެންވީމާ ފަހަރަކު ކަމެއްގެ ވާހަކަ ދައްކަމާ ހިނގާށެވެ. "ފުރަތަމަ ކަމަކަށް މައިންބަފައިންނަށް ހެޔޮކޮށް ހިތޭހެއްޔެވެ؟ އަނބިދަރިންނަށް އަޅައިލެވޭ ހެއްޔެވެ؟ އަޚުންނާއި އުޚުތުންނަށް ބާއްވަންޖެހޭ ގުޅުން ބޭއްވޭ ހެއްޔެވެ؟"  

އޭނާގެ ޖަވާބަކަށްވީ އެކަންކަމުގައި އިހްމާލްވެވޭ ކަމަށެވެ. 3 އަޚަކާއި ވާހަކަވެސް ނުދައްތާ އަހަރަކަށްވުރެ ގިނަވެދާނެ ކަމަށެވެ. އަހުރެން ބުނީމެވެ. "ތިއަފަދަ ކަންކަމުގައި އެންމެ ފުރަތަމަވެސް ބަލަންވީ ހެޔޮ ގޮތުގައި ރަޙިމުގެ ގުޅުން ދެމެހެއްޓޭކަމެވެ. އެކަމުގައި ތިބާ ތިއަވަނީ ފޭލްވެފައެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނާއި ޖެހިފައިވާ މައްސަލަތަކަށް ނުބަލާށެވެ. ތިބާ ތިބާގެ ދައުރު އަދާކުރަންފަށާށެވެ. ގިނަ ދުވަހެއް ނޫނެވެ. 40 ދުވަސްކޮށްފައި އެނބުރި އަންނާށެވެ! އިތުރު ކަންކަމަށް ވިސްނާނީ އެއިގެ ފަހުންނެވެ."  

އެމީހާ 40 ދުވަސް ހަމަނުކޮށް އައިސް ބުނީ ކަންކަން ބަދަލުވާން ފަށައިފިކަމަށެވެ. ހެޔޮ ބަދަލުތައް އެބަ އަންނަ ކަމަށެވެ. އެހިސާބުން އަހުރެން އެދުނީ އެގޮތުގައި ދެމިހުރުމަށާއި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމަށެވެ.  

ރަނގަޅަށް އަޑުއަހާށެވެ! ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޙާލު ބަލާ މީހާގެ ޙާލު ބެލުމެއް ނޫނެވެ. ޒިޔާރަތްކުރާ މީހާއަށް ޒިޔާރަތް ކުރުމެއްވެސް ނޫނެވެ. ހަދިޔާދޭ މީހާއަށް ހަދިޔާ ދިނުމެއްވެސް ނޫނެވެ.  ތިމާއަށް އެހީތެރިވެދޭ މީހާއަށް އެހީތެރިވެދިނުމެއްވެސް ނޫނެވެ.  

ޙަޤީޤީ މާނައިގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ގުޅުމެއް ނުބާއްވާ، ގުޅުން ކަނޑާއިރުވެސް ގުޅުން ދަމަހައްޓަން މަސައްކަތްކުރުމެވެ. އަނެކާ ތިމާއާއިމެދު ކަންކަންކުރާ ގޮތަށް ނުބަލައި އަނެކާއަށް ހެޔޮކޮށް ހިތުމެވެ. އެހެނީ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ ސަބަބަކީ އެކަމަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ކަމެވެ.  

ރަޙިމަށް ﷲ ތަޢާލާ އެއިލާހުގެ "އައްރަޙްމާން" އިސްމުފުޅުން ނަންދެއްވާފައިވުމުން ވެސް ރަޙިމުގެ ގުޅުމުގެ މުހިންމުކަން އެނގިގެންދެއެވެ. ކޮންމެ ޙާލަތެއްގައިވެސް ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާށެވެ! ރަޙިމުގެ ގުޅުން ކަނޑާލައިފިނަމަ ﷲ ތަޢާލާ ތިބާ އާއި ގުޅުން ކަނޑުވަވައިލައްވަވާފެކަމަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން