ބައިވެރިޔާގެ ލޯތްބާއި އަޅައިލުން ނުލިބޭނަމަވެސް ފުރަތަމަ ކަމަކަށް ދަމުނަމާދުކޮށް ދުޢާކުރަންފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބައިވެރިޔާގެ ލޯތްބާއި އަޅައިލުން ނުލިބޭނަމަވެސް ފުރަތަމަ ކަމަކަށް ދަމުނަމާދުކޮށް  ދުޢާކުރަންފަށާށެވެ!

ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫ ކަމަކަށްވެގައި މިއޮންނަނީ ރޭއަޅުކަންކުރުމެވެ. ދަމުނަމާދުކުރުމެވެ. މީސްތަކުން މިއަދު އެންމެ ބޮޑަށް ޣާފިލުވެފައި މިވަނީ ދަމުނަމާދަށެވެ. އެއީ ދަމުނަމާދުން ލިބޭ ފައިދާތައް ގިނަކަން ނުއެނގޭތީއެއް ނޫނެވެ. ދުނިޔެއާއި އާޚިރަތް ހޯދަން ކުރަން އޮތް މަސައްކަތް ފަސޭހަކޮށްލެވޭތީއެވެ.

ދަމުނަމާދު ނުވަތަ ތަހައްޖުދް ނަމާދުން ލިބޭ ފައިދާތައް ގިނަގުނަވެފައި އެންމެ ބޮޑެތި ފައިދާތައް ލިބެނީ ވެސް ތަހައްޖުދު ނަމާދުންކަން އެއީ ޔަޤީން ކަމެކެވެ. އެހެނީ:

1 ﷲ ތަޢާލާ އާއި ކުއްތަންވެވުން އިތުރުވުން

2 ފާފަތއް ފުއްސަވައި ދެއްވަވާކަން ހިމެނިގެންވެއެވެ.

މި 2 ކަންތައް ޙާޞިލްވެއްޖެނަމަ އެއޮތީ ހުރިހާ ކަމެއް ޙާޞިލް ކުރެވިފައެވެ. ﷲ ތަޢާލާ އާއި އެމީހަކު ކުއްތަންވުން އިތުރުވުމާއި ފާފަތައް ފުއްސަވައިދެއްވެވުމަކީ މީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ.

ދެން އޮތީ ފުރިހަމަ ޞިއްޙަތެއް ލިބުމެވެ. ދަމުނަމާދު ޤަވާޢިދުންކުރުމަކީ ބަލިތަކަށް ޝިފާ ލިބޭ ކަމެކެވެ. ވީމާ ބަލިވެ އުޅޭނަމަ ކަންނެތްވެ ނިދަން އޮންނަންވީއެއް ނޫނެވެ. ހިތްވަރުކޮށްލާފައި ތެދުވަންވީއެވެ. ދަމުނަމާދުކޮށް ދުޢާކުރަންވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން އެއަށްވުރެ ބަރަކާތްތެރި ވަގުތެއް ނުވެއެވެ.

ދެން އޮތީ ތަނަވަސްކަމެވެ. ތަނަވަސްކަން ދެއްވެވުން އެދިގެން ދުޢާކުރަންވެސް އެންމެ ބަރަކާތްތެރިވަގުތަކީ އެއީއެވެ. އެހެނީ ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމުގައި އެދޭ މީހުންނަކީ ކޮބައިތޯ އެ ވަޤުތުގައި ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަށް އެ ވަގުތުގައި ވަހީކުރައްވަވަތެވެ.

ދެން މިބުނަނީ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައެވެ. އެއީ ބައިވެރިޔާގެ ކިބައިން ލިބެންވާ ލޯތްބާއި އަޅައިލުން ނުލިބުމެވެ. ކައިވެނި ރޫޅިދާނެތީ ކަްނބޮޑުވާންޖެހުމެވެ. މިހާލަތުގައިވެސް ރޭއަޅުކަންކޮށް ދުޢާކުރާށެވެ. ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް ކަންކަން ހިންމަވައި ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދަމުނަމާދުކުރުމަށްފަހު އެކަމަކަށް އެދިގެން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭ ކަމެއް ނޫންކަން ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އަދި މިބަޔާންކުރި ހުރިހާ ކަންކަންވެސް މިހާމަކުރީ ހަމަ ޙަދީޘްފުޅުތަކުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން