ނިކަން ތަޖުރިބާކޮށްލަބަލަ! ލިބޭ މިންވަރު އޮޅުވާނުލައި އަނބިމީހާ ގާތުގަ ތެދަށް ބުނެ ޢާއިލާއަށް ޚަރަދުކުރުމުގަ ތެދުވެރިވާ މީހުންނަށް ތަންވަސްކަން ދާނީ އިތުރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނިކަން ތަޖުރިބާކޮށްލަބަލަ! ލިބޭ މިންވަރު އޮޅުވާނުލައި އަނބިމީހާ ގާތުގަ ތެދަށް ބުނެ ޢާއިލާއަށް ޚަރަދުކުރުމުގަ ތެދުވެރިވާ މީހުންނަށް ތަންވަސްކަން ދާނީ އިތުރުވަމުން!

ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތެއްވެސް ދެއްވަވަނީ އެ ނިޢުމަތުގައި ތިބާގެ އަނބިދަރިންނާއި ޢާއިލާވެސް ހިމެނޭ ގޮތަށެވެ. މާނައަކީ ތިބާއަށް ދެއްވަވާ މިންވަރުގައި ތިބާ އެހީތެރިވާންޖެހޭ އެންމެންގެވެސް ޙިއްޞާއެއް އޮންނާނެއެވެ.

ކޮންމެ މަހަކު ލިބޭ މުސާރަވެސް އަދި ދިރިއުޅެން ކުރާ މަސައްކަތުން ލިބޭ އާމްދަނީގައިވެސް މެއެވެ. ވީމާ ލިބޭ އާމްދަނީ އަނބިންނަށް އޮޅުވައިނުލާށެވެ! އެއީ ފަޤީރުވެ އަތްމަތި ނުތަނަވަސްވާ ކަމެކެވެ. ވީމާ ލިބޭ އާމްދަނީ އަނބިންނާއި ހިއްޞާކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ!

އަތްމައްޗަށް އަރާ މަދު ފައިސާކޮޅުވެސް ރަނގަޅު ގޮތުގައި ހޭދަކުރާނަމަ އެއިގައި ބަރަކާތް ލައްވަވަތެވެ. ރަނގަޅަށް ވިސްނައިލާށެވެ. މަހުގެ މުސާރައަށް މަދު ފައިސާކޮޅު ލިބޭ މީހުންގެ ތެރެއިންވެސް ލިބޭ މަދު ފައިސާކޮޅު ރަނގަޅު ގޮތުގައި ޚަރަދުކުރާ މީހުން ދިރިއުޅެނީ ހަމަ އުފަލުގައެވެ. ހަޤީޤަތުގައި މުއްސަނދިންނަށްވުރެ މާބޮޑަށް އުފާވެރިކަމުގައެވެ.

އެމީހެއްގެ އެކުވެރިންގެ ދިރިއުޅުމަށް ބަލާށެވެ! ލިބޭ ފައިސާގެ ޙަޤީޤަތް އަނބިމީހާއަށް އަންގައިގެން ދިރިއުޅޭ މީހުންގެ އުފާވެރިކަން ބޮޑުވާނެއެވެ. އެއީ އަނބިމީހާ ހިތްހަމަޖެހިގެން ހުންނާތީއެވެ. އަނބިމީހާއަށް ސިއްރުން ބޭކާރު ޚަރަދުތައް ކުރާ މީހުންނަށް އަބަދުވެސް ދިރިއުޅެން ޖެހިފައި އޮންނާނީ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރޭގައެވެ. އެހެނީ ލިބޭ އާމްދަނީން އަނބިދަރިންނަށް ރަނގަޅު ގޮތުގައި ހޭދަކުރާނަމަ އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ.

ﷲ ތަޢާލާއަށް ބިރުވެތިވާށޭ ބުނެފި ނަމަ ގިނަ ބައަކު ހިތަށް ގެންނާނީ އެ ދައްކަނީ ނަރަކައަށް ބިރުގަތުމުގެ ވާހަކަ ކަމަށެވެ. ނަރަކައަށް ބިރުގަންނަން ޖެހޭނެ އެވެ. އެންމެ ބޮޑަށް ބިރުގަންނަން ޖެހޭނީ ވެސް ނަރަކައަށެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ.

ﷲ ތަޢާލާއަށް ބިރުގަތުމުގެ ތެރޭގައި އަބަދުވެސް ހިމަނަންވީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެހައި ކަންކަމެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމާއި ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ ހުރިހާ ކަމެއް ކުރުމެވެ. އެންމެ ކުޑަމިނުން އަނބިދަރިންނާއި މައިންބަފައިންނާއިމެދު އަމަލުކުރުމުގައިވެސް މުއެވެ.

މީހަކަށް މާލީ ނުތަވަސްކަމެއް ކުރިމަތިވއްޖެނަމަ ﷲ ތަޢާލާއަށް ބިރުވެތިވާން ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތަށް އެވިދާޅުވަނީ ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިރުޝާދު ދެއްވުމަށެވެ. ޚަރަދުކުރަން ޖެހޭ ފަރާތްތަކަށް ޚަރަދުކުރުމަށާއި ޚަރަދު ކުރަން ނުޖެހޭ ކަންކަމަށް ޚަރަދު ނުކުރަން އިރުޝާދު ދެއްވުމަށެވެ. ﷲ ތައާލާއަށް ބިރުވެތިވާނަމަ ކުރަންޖެހޭ ފުރަތަމަ ކަންކަމުގެ ތެރޭގައި ތިމާއަށް ދެއްވަވާ އާމްދަނީގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހިފުން ހިމެނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން