އަހުރެން ދައްކަން މިއުޅޭ ވާހަކައަށް ފެށުމުގެ ކުރިންވެސް ބުނެލާނަމެވެ! ކޮންމެ މީހެއްގެވެސް ގާތްތިމާގެ މީހުންނާއި އެކުވެރިން ތިބޭނެއެވެ. އެމީހުންގެ ތެރެއިން ފިރިހަމަ ޞިއްޙަތެއްގައި ޚާއްޞަކޮށް ޒުވާންކަންމަތީގައި ތިބި މީހުން ފާހަގަކޮށް އެމީހުން ނިދާވަޤުތާއި ހޭލާ ވަޤުތާއިބެހޭ ގޮތުން ނިކަްނ ސުވާލުކޮށްބަލާށެވެ! ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. 90 އިންސައްތަ މީހުންވާނީ އަވަހަށް ނިދައި އަވަހަށް ހޭލާ މީހުންނަށެވެ.
ﷲ ތައާލާ މީސްތަކުން ދުނިޔޭގައި ލައްވަވާފައި މިވަނީ ﷲ ތައާލާ އަންގަވާފައިވާ މަގުން ދުނިޔޭގައި އުޅެފިނަމަ އެމީހަކަށް ދެދުނިޔޭގެ އުފާވެރިކަންވެސް ލިބޭނެ ގޮތަށެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބޭނެ ގޮތަށެވެ. މައްސަލައަކަށްވެގެން މިއުޅެނީ އެކަންކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބަލައިނުގަނެވޭކަމެވެ.
ކޮންމެ މީހަކީވެސް ޒުވާންކަމުގައި ވީހާގިނަ ދުވަހު ހުންނަން ބޭނުންވާނެ މީހެކެވެ. އެކަން ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެ ފަދައިން ސުވަރުގެ ވަންނަން ބޭނުންނުވާނެ މީހަކުވެސް ނުހުންނާނެއެވެ. ވީމާ މިދައްކާ ވާހަކަކޮޅަށް ވިސްނައިގެން އަޑުއަހައިލަބަލާށެވެ!
ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވާން މަސައްކަތްކުރާ އަދި ދަމުނަމާދުކުރަންވެސް މަސައްކަތްކުރާ ބައެއް މީހުންނަށް ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ މައްސަލަބޮޑުވެއެވެ. ނަމާދަށް ހުންނައިރު ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ މައްސަލަ ބޮޑުވެއެވެ.
އެގޮތަށް އެކަން މެދުވެރިވާ އެއް ސަބަބަކީ ނިދިމަދުވުމެވެ. ނިދާވަގުތު ލަސްވުމެވެ. ނިދި ހަމައަށް ލިބިފައިނުވާ މީހުންނަށް ނަމާދުގައި ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. އެއީ ސިކުނޑި ވަރުބަލިވެފައި އޮންނާތީއެވެ. ދެލޯވެސް ވަރުބަލިވެފައިވާތީއެވެ. ޢިޝާ ނަމާދުކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލާ ނުހުރުމަށް ޙަދީޘްފުޅުގައި އޮތީ އެފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.
އިންސާނާގެ ޞިއްހަތަކަށްޓަކައި ފުރިހަމައަށް ނިދަން ޖެހެއެވެ. ނޫންނަމަ ލޭމައްޗަށްދިއުމާއި ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އަދި މިހާރުގެ ދިރާސާތަކުން އެނގޭގޮތުގައި ނިދިމަދުވުމަކީ މީހާގެ މޫނުން މުސްކުޅި ސިފަފެނުން އަވަސްވާކަމެކެވެ. ނިދިހަމަވުމަކީ ޒުވާންކަމުގައި ދަމަހައްޓައިދޭ ސަބަބެކެވެ.
މިފަދަ ކޮންމެ އެނގުމަކުންވެސް އެނގި ސާބިތުވަމުން މިދަނީ މީގެ 1450 އަހަރުކުރިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވަވާފައިވާ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ. ޙަދީޘްފުޅުތަކުގައި އެވަނީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި ކަންކަން ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން