ސުވަރުގެ ވަނުމަށް ކުރަންޖެހޭ ދަތުރަކީ ދިގުދަތުރެކެވެ. ޙަޔާތުގެ ކޮންމެ ދުވަހަކީވެސް އެދަތުރުގެ ބައެކެވެ. ސުވަރުގެ ވަނުމަށް އެދޭމީހާއަށް އޮތީ ކޮންމެ ދުވަހަކުވެސް ދަތުރުގައި ޘާބިތުވެ ކުރިއަށް ދިއުމެވެ. މިއަދަށްވުރެ ބާރަށް މާދަމާ ކުރިއަށްދާން މަސައްކަތްކުރުމެވެ.
ބަނޫ އިސްރާއީލުގެ ގިނަ ބައަކު ހަލާކުވެގެން ދިއައީ ﷲ ތަޢާލާއަށް ބިރުވެތިވާންޖެހޭ ކަންކަމުގައި ބިރުވެތިނުވެ އަމިއްލައަށް ކަންކަން އުފައްދައި އަމިއްލައަށް އުފެއްދި ކަންކަމަށް ބިރުވެތިވެގެން އުޅުމުންނެވެ. އެގޮތަށް އުޅެން ފަށައިފިނަމަ ނަރަކަ އާއިމެދު ބިރު ކެނޑިގެންދާނެއެވެ. ނަރަކަ އާއިމެދު ބިރުކެނޑިއްޖެ ނަމަ ސުވަރުގެއަށް ވަނުމުގެ ޝައުޤުވެރިކަން ކުޑަވެގެންދާނެއެވެ. އެހިސާބުން މީހާއަށް އެ ހުރެވެނީ ﷲ ތަޢާލާއަށް ބިރުވެތިވުމުން ދުރުހެލިވެވިފައެވެ.
ކޮންމެ މުސްލިމަކުވެސް ބުނަނީ އެމީހަކީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެން ހުރި މީހަކު ކަމަށެވެ. އެހެންކަމުން އެބުނަނީ ތެދެއްކަން ޔަޤީންކޮށްލަން ބައެއް ކަންކަމަށް ބަލައިލަމާހެއްޔެވެ؟
1 ނަމާދު ވަގުތުތައް ފާއިތުވެގެން ދިއައިރު ނަމާދެއް ނުކުރެވެއެވެ. ޢިޝާ ނަމާދަށް ގޮސް ހުރިހާ ނަމާދުތަކެއް އެކުގައި ކުރަން ބަހައްޓާފައި ހުއްޓައި ޢިޝާ ނަމާދަށް ނުދެވި އުޅެނިކޮށް ވަރުބަލިވެގެން ނިދުނީއެވެ. ވީމާ ދުވަސް ނިމުނީ އެންމެ ނަމާދެއްވެސް ނުކުރެވިއެވެ.
2 އަހަރު ނިމިގެންދިއައިރު ހިސާބުތައް ނިންމައިނުލެވޭތީ ޒަކާތެއް ނުދެއްކެއެވެ.
3 ﷲ ތަޢާލާ އަންގަވާފައިވަނީ އެހެން މީހުންގެ ކަންކަމާއި ބެހި ބޭކާރު ވާހަކަތައް ނުދެއްކުމަށެވެ. އެންމެފަހުންވެސް ދެއްކީ އެފަދަ ވާހަކައެކެވެ.
4 ﷲ ތަޢާލާ އަންގަވާފައިވަނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ވަގުތު ބޭކާރު ނުކުރުމަށެވެ. އެކަމަކު ފާޑެއްގެ ފިލްމެއް ބަލަން އެތައް ގަޑިއިރެއް އެބަހޭދަކުރެއެވެ. ލިބޭ ގިނަ ވަގުތު ހޭދަކުރަނީ ކޮފީގައެވެ.
ކޮންމެ ދުވަހަކު ތިމާއަށް ކުރެވޭ އަމަލުތައް މިގޮތަށް ލިސްޓެއް ހަދައިގެން ނިކަން ބަލައިލަބަލާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރެވެނީ ކިތައް ކަންތައްކަން އެނގިގެންދާނެއެވެ. ނުކުރެވެނީ ކިތައް ކަންތައްކަން އެނގިގެންދާނެއެވެ.
ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ބޭނުމުގައި ﷲ ތަޢާލާ ދުނިޔޭގައި މީސްތަކުންނަށް ހުއްދަ ކުރެއްވެވި ކަންކަމާއި ދުރުހެލިނުވާށެވެ! ﷲ ތައާލާ ހުއްދަ ކުރެއްވެވި ކޮންމެ ކަމެއް ހުއްދަ ކުރައްވަވާފައި އެވަނީ އެ ނިޢްމަތްތަކުގެ ބޭނުން ހިފުމަށެވެ. މިސާލަކަށް ސްމާޓް ފޯނު ގެންގުޅޭށެވެ. ނަމަވެސް ހުއްދަ ކުރެއްވެވި ބޭނުންތަކަށް ބޭނުންކުރާށެވެ! ތަނަވަސްކަން ހުރި ނަމަ ރެސްޓޯރަންޓްތަކުން ކައި އުޅޭށެވެ. ނަމަވެސް ކާންވާނީ ހުއްދަ ކުރެއްވެވި ތަކެއްޗެވެ. ހުއްދަ ކުރެއްވެވި މިންވަރަށެވެ.
ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ނަރަކަ އާއި ސުވަރުގެއަށްވެސް ބިރުވެތިވާނެއެވެ. ނަރަކަ އާއިމެދު ބިރުވެތިވާނީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށްޓަކައެވެ. ސުވަރުގެ އާއިމެދު ބިރުވެތިވާނީ ސުވަރުގެ ނުވަދެވިދާނެ ކަމަށްޓަކައެވެ. މި ދެ ބިރު ހިތުގައި ނެތް މީހާއަކީ ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުރި މީހެއް ނޫނެވެ.
--އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން