ކޮއްކޮގެ ކައިވެނި ސަލާމަތްކުރަން ބޮޑުދައިތަދިން އަގުހުރި ނަޞޭޙަތް- ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ އެކަކުވެސް އަނބިމީހާގެ ސިފައަށް ބަދަލުއަންނާތީ ފޫހިވެ ދޫކޮށެއް ނުލާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކޮއްކޮގެ ކައިވެނި ސަލާމަތްކުރަން ބޮޑުދައިތަދިން އަގުހުރި ނަޞޭޙަތް- ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ އެކަކުވެސް އަނބިމީހާގެ ސިފައަށް ބަދަލުއަންނާތީ ފޫހިވެ ދޫކޮށެއް ނުލާނެ! އިން ޝާ ﷲ

އަންހެނުންގެވެސް ފިރިހެނުންގެވެސް ހަށިގަނޑަށް ދެގޮތަކުން ބަދަލުތައް އައުދެއެވެ. އެގޮތަކީ ހަށިގަނޑާއިމެދު ފަރުވާކުޑަކުރުމެވެ. ދެވަނަ ގޮތަކީ ސަމާލުކަން ދިނަސް ޤުދްރަތީ ގޮތުން އަންނަ ބަދަލުކަމެވެ.

ފިރިހެނުންވެސް، އަންހެނުންވެސް އަދި ކޮންމެ މީހަކީވެސް ޢުމުރުން ދުވަސްވުމުން ސިފައަށް ބަދަލުތަކެއް އަންނާނެ މީހެކެވެ. އަންހެނުންގެ ސިފައަށް އަވަހަށް ބަދަލު އަންނަކަމަށް ބުނެވެއެވެ. ނަމަވެސް އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ހަމަ ހުރެފައި އަންނަ ބަދަލުތަކެއްވެސް ނޫނެވެ. ސަބަބުތަކަކާއިއެކު އަންނަ ބަދަލުތަކެކެވެ.

އިންޞާފަށް ލޯބިކުރާ ހިތަކާއިގެން މިވާހަކަ ނިކަން އަޑުއަހައިލަބަލާށެވެ!

އަހަރެންގެ އަނބިމީހާއަށް 40 އަހަރުވީއިރު ބޮލުގައި ވަރަށް ގިނަ ނުރަ ހުއްޓެވެ. ބަނޑުގައި ލަކުނުތަކެއްވެސް ހުރެއެވެ. ފަލަވެފައި ސިނގު ބަނޑެއްވެސް ހުރެއެވެ. މިކަންކަން އަބަދުފެންނަން ފެށުމުން އަނބިމިހާމަތިން ފޫހިވާން ފެށިއެވެ. އަދި ޒުވާން އަންތބަކު ހޯދަން ބޭނުންވެސްވިއެވެ.

މިބާވަތުގެ ކަންކަމުގައި އެންމެ ރަނގަޅު ނަޞޭޙަތް އަހަރެންނަށް ދެނީ ބޮޑުދައިތައެވެ. ބޮޑުދައިތަ އަހަރެންނާއިމެދު ކަންކަން ކުރަނީ "ބެސްޓްފްރެންޑް" ކަންކަންކުރާ ގޮތަށެވެ. އެހެންވެ ބޮޑުދައިތަ ގާތު މިވާހަކަތައް ދައްކައިލުމުން ފެށީ ބޮޑު ތަޤްރީރެކެވެ.

1 ނުރަ ޖެހުން:

ނުރަޖެހުމަކީ ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ. މަރު ގާތްވަމުން އަންނަކަން ވިސްނައިދެއްވަވަވަން ދެއްވަވާ އިންޒާރެކެވެ. އެއިގެ އިތުރުން އަނބިމީހާގެ ބޮލުގައި ނުރަ ޖެހުމަކީ ފިރިމީހާއަށް ލައްވަވާ ވަރަށް ބޮޑު ނަޞީބެކެވެ. ސަބަބަކީ ކަޅިއަޅާ ފިރިހެނުން މަދުވާނެއެވެ. އަދި އޭނާއަށް އޭނާގެ މަރު ގާތްވާކަން ވިސްނި ހެޔޮލަފާ ދިރިއުޅުމެއް އުޅެން މަސައްކަތްކުރީމާ ފިރިމިހާއަށް ލިބޭ އުފާ މާބޮޑުވާނެއެވެ!

2 ބަނޑުގައި ހުރި ލަކުނުތައް:

ބަލަ އެލަކުނުތަކަކީ ރުކަކަށް ވަގަށް އަރައި އޮއްވާ މީހަކަށް ފެނިގެން އަވަހަށް ފައިބަން ހަދައިގެން ބަނޑުން ހަން މަށައިގެންގޮސް ލާފައި ހުރި ލަކުނުތަކެއް ނޫނެވެ. އެއީ ތިބާގެ 5 ދަރިން ވިހަން ޖެއްސުމުން ލާފައިހުރި ލަކުނުތަކެކެވެ. އެލަކުނުތައް ނުފިލައި އެހުރީ ފިލުވަން މަސައްކަތްކުރަންޖެހޭ މީހާ، ތިބާ އެކަމަށް މަސައްކަތް ނުކުރުމުންނެވެ. އެންމެ ކްރީމްފުޅިއަކުން ލަކުނުތައް ފިލުވައިލެވޭނެ ކްރީމް މިހާރު ލިބެން އެބަހުއްޓެވެ.

3 ފަލަވެފަ ސިނގު ބަނޑެއް ހުރުން:

ގޮތްބަލަންވެސް ނިކަން އަނބިމީހާ ގޮވައިގެން ހިނގަންގޮސްބަލާށެވެ! އެކަމަށް ވަގުތުނުވާނަމަ ކަސްރަތުކުރާ މެޝިނެއް ނިކަންގަނެދީބަލާށެވެ. އުނހުއުނހު! އަދި ހަމައެކަނި މެޝިނެއް ގަނެދިނުމަކުން ނުފުދޭނެއެވެ! ކަސްރަތުކުރަން ވަގުތުވެސް ހޯދައިދޭންވާނެއެވެ!

އަޅެ ނިކަން މިކަންކަން ކޮށްބަލާށެވެ! ބޮޑުދައިތައަށް ވިސްނެނީ އެކޮއިގެ ވިސްނުން މުޅިން ބަދަލުވެ އެކޮޔަށް އަނބިމީހާ މާރީތިވެސްވެދާނެހެންނެވެ!

އަހުރެން ބުނާނީ މިބޮޑުދައިތަގެ މި ނަޞޭޙަތް ޤަބޫލުކޮށްފި ނަމަ އެއްވެސް ފިރިހެނަކު މިފަދަ ކަންކަމާއި ގުޅިގެން އަނބިމީހާ ދެކެ ފޫހިނުވާނެކަމަށެވެ. އެއިގެ ބަދަލުގައި އަނބިމީހާ ދެކެ ލޯބިވުންވެސް ވާނީ އިތުރު ކަމަށެވެ

 

މިއަދު އޮންލައިން