ބައްދަލުވާ ޒުވާނުންގެ ގާތުގައި މުސްތަޤްބަލުގައި ޙާޞިލުކުރަން ބޭނުންވާ ކަންކަމާއިބެހޭގޮތުން ސުވާލުކުރީމާ އެތައް ބައިވަރު ކަންތަކެއްގެ ވާހަކަ ދައްކައެވެ. ލިސްޓް ކިޔައިދީ ނިމުމުން އެއިން ކަމެއް ޙާޞިލުކުރަން ކުރަނީ ކޮންމަސަކަތެއްތޯ ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ. ނިދައި ހޭލަނީ ކިހާއިރަކުތޯ ސުވާލުކުރުމުން އެންމެ ގިނައިން ލިބޭ ޖަވާބަކީ އެކި ދުވަހު އެކި ވަޤުތުގައި ކަމަށެވެ. އެޖަވާބުން އެނގެނީ މެންދުރުވަންދެން ނިދަން އޮންނަކަމަށް ބުނަން ލަދުގަންނަނީކަމެވެ.
ޒުވާނުންނޭވެ! ތިމާގެ ކާމިޔާބީ ގުޅިފައިވަނީ ގެންގުޅޭ ދިގު ލިސްޓަކާ ނޫނެވެ. އެލިސްޓުގައިވާ ކަންކަން ޙާޞިލުކުރަން ކުރާ މަސައްކަތާއިއެވެ. ވީމާ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢަމަލުކޮށްފިނަމަ ކާމިޔާބު މީހަކަށް ވެވޭނެއެވެ! އިން ޝާ ﷲ
ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކަށްވެސް 2 އިޚްތިޔާރެއް ލިބިގެންދެއެވެ. އެއް އިޚްތިޔާރަކީ ހުވަފެން ބަލަން ނިދާފައި އޮތުމެވެ. އަނެއް އިޚްތިޔާރަކީ ކަންނެތްވެ ނިދަން ނުއޮވެ ތެދުވެ، ތިބާގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން ގަދައަޅައި މަސައްކަތްކުރުމެވެ.
ކޮންމެއަކަސް ހުޅަނގާއި ހުޅަނގުގެ ފިކުރުތަކަށް ލޯބިކުރާ ސިޔާސަތުގެދަށުން ބުނަނީ ހުވަފެން ބަލާށެވެ. ފެނުނު ހުވަފެނަށް ޢަމަލުވެސްކުރާށެވެ! ކާމިޔާބަކީ އެމީހަކަށް ލިބެން ހުރިނަމަ ކޮންމެވެސް ދުވަހަކުން ލިބޭނެއެއްޗެކެވެ. އެކަމާ ކަންބޯޑުވާކަށް ނުޖެހޭނެ އެވެ.
މިއަށްވުރެ ވަކިން ނުބައިކަންބޮޑު ފިކުރެއް އަހުރެން ނުދެކެމެވެ. ބުއްދީގެ ބޭނުން ކިރިޔާ ކުރިނަމަވެސް ވިސްނޭނެއެވެ. ހުވަފެނެއް ފެނުމުން އެހުވަފެނުގައި ފެނުނީ ތިމާ ޙާޞިލްކުރަންބޭނުންވާ ކަންތައްތަކެއް ނަމަ ފުރަތަމަ ޖެހޭނީ އެކަންކަން ޙާޞިލްކުރަން މަސައްކަތްކުރުން ކަމެވެ.
މިޘާލަކަށް ވަރަށް ރީތި އަންހެނަކާއެކު ދިރއުޅޭތަން ފެނިއްޖެނަމަ މަގުމަތިން ފެންނަ އެންމެ ރީތި އަންހެން މީހާ ކޮނޑަށް ލައިގެން ގެއަށް ގެނގޮސް އަޅުވެތިކުރުވާނީހެއްޔެވެ؟ ދުނިޔޭގެ އެންމެ އަގުބޮޑުކާރު ދުއްވަނިކޮށް ހުވަފެނުގައި ފެނިފައިވަނިކޮށް މަގުމަތިން ނުވަތަ ކާރުޕާކަކުން އެއިގެ ކާރެއް ފެނިއްޖެނަމަ އެއިގައި ތިބި މީހުން ބާލައި މަގުމައްޗަށް އުކާލާފައި އެކާރަށް އަރައިގެންދާނީ ހެއްޔެވެ؟
މިފަދަ ކަންކަމަށް ވިސްނައިލުމުން ކުރިން މިބަޔާންކުރި ފަދަ ހުޅަނގުގެ ސިޔާސަތުތަކާއި ވިސްނުންތަކާއި މިވަނީ ވަރަށް ބޮޑަށް ފޭލަވެފައިކަން އެބައެނގެއެވެ. މީހުންނަށް މަގުއޮޅުވާލަން ވާހަކަ ދައްކަމުން ގޮސް ދެކެވޭ ވާހަކަތައް ދެކޮޅު ނުޖެއްސޭ ހިސާބަށް ކަންކަން ދިއައީއެވެ.
ކޮންމެއަކަސް ކަންކަމަށް ވިސްނާށެވެ! ތިމާ ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަންކަންވެސް ހުވަފެނުން ދެކޭށެވެ. ހުވަފެނުން ފެނުމުން ކަންނެތްވެ ނިދަން ނުއޮވެ ފަތިހާތެދުވެ މަސައްކަތްފަށާށެވެ. ފެނުނު ހުވަފެނަކީ ޙަޤީޤަތަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް