އަހުރެން ބުނާނީ ރޭއަޅުކަން ކުރަން ޢުޛުރުވެރިވާ މީހުންނަށްވެސް ޟުޙާ ނަމާދު ނުކުރަން ދެއްކޭނެ ޢުޛުރެއް ނެތް ކަމަށެވެ. އެމީހާގެ ކަންނެތްކަމާއި ސަމާލުކަން ނުދިނުން ފިޔަވައެވެ.
ސަބަބަކީ: ޟުޙާ ނަމާދުގެ ވަޤުތަކީ އިރު ލޮންސިއަކަށް އެރީންސުރެ އިރުމެދުޖެހި މެންދުރުނަމާދުގެ ވަޤުތުޖެހުމާއި ދާދި ކުޑަކުދަ ހިނދުކޮޅަކަށްވަންދެން ވަޤުތު ދެމިގެންވާ ނަމާދަކަށްވާތީއެވެ.
ސަބަބަކީ: އެއީ އެންމެ 2 ރަކްޢަތުން ދާދި ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ކުރެވެން އޮތް ނަމާދަކަށްވާތީއެވެ.
ސަބަބަކީ: 6 ގަޑިއެއްހައި އިރަށް ދެމިގެންދާ މި ވަޤުތަކީ ތިމާ ހޭލާހުއްޓައި ބައްދަލުކުރާނެ ވަޤުތަކަށްވާތީއެވެ.
ޟުޙާ ނަމާދަކީ ސުންނަތްކަން ވަރަށް ގަދަވެގެންވާ ނަމާދެކެވެ. ތިމާގެ ރިޒުޤް ތަނަވަސްވުމާއިވެސް ގުޅިފައިވާ ނަމާދެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޞިއްޔަތްފުޅެކެވެ.
ތިރީގައިވާ 2 ޙަދީޘްފުޅަށް ވިސްނައިލާށެވެ!
· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ.
أَوْصَانِي خَلِيلِي بثَلَاثٍ لا أدَعُهُنَّ حتَّى أمُوتَ: صَوْمِ ثَلَاثَةِ أيَّامٍ مِن كُلِّ شَهْرٍ، وصَلَاةِ الضُّحَى، ونَوْمٍ علَى وِتْرٍ.
މާނައީ: “އަހަރެންގެ ޚަލީލު (ނަބިއްޔާ صلى الله عليه وسلم) އަހަރެންނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. އަދި ތިމަންކަލޭގެފާނު އަވަހާރަފުޅުވެއްޖައުމަށް ދާންދެން އެކަންތައް ދޫނުކޮށް ކުރައްވާނަމެވެ. އެއީ ކޮންމެ މަހެއްގައި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދު ކުރުމަށާ އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· އަބޫ ޛައްރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ.
يُصْبِحُ علَى كُلِّ سُلَامَى مِن أَحَدِكُمْ صَدَقَةٌ، فَكُلُّ تَسْبِيحَةٍ صَدَقَةٌ، وَكُلُّ تَحْمِيدَةٍ صَدَقَةٌ، وَكُلُّ تَهْلِيلَةٍ صَدَقَةٌ، وَكُلُّ تَكْبِيرَةٍ صَدَقَةٌ، وَأَمْرٌ بالمَعروفِ صَدَقَةٌ، وَنَهْيٌ عَنِ المُنْكَرِ صَدَقَةٌ، وَيُجْزِئُ مِن ذلكَ رَكْعَتَانِ يَرْكَعُهُما مِنَ الضُّحَى.
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ހެނދުނު ކުރަނީ އެމީހެއްގެ (ހަށިގަނޑުގައިވާ) ކޮންމެ ހުޅަކަށް ޞަދަޤާތެއްވާ ޙާލުގައެވެ. ފަހެ، ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ. އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)