ގިނަ ބައަކަށް ހިފިފައިވާ އެންމެ ނުބައި އެއްޢާދައަކީ އެެހެން މީހުންގެ ކުށް ދެއްކުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްލާހުވާނީ އެހެން މީހުންނަށް ކުރެވޭ ކުށްތަކުގެ ވާހަކަ މީސްތަކުންގެ ތެރޭގައި ދެއްކިވަރަކުން ކަމަށެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.
ދާދިފަހުން ހިނގިކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ މިސްކިތުގެ ޖަމާއަތަށް ގޮސް ނަމާދުކުރާ ދެމީހުންނެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ގޮނޑީގައި ނަމާދުކުރަން ފެށީއެވެ. އިށީނދެއިންނައިރު ފައި ބެހެއްޓޭގޮތުން ޖެހެނީ ފައިތިލައިގެ ކުރި އެކަންޏެވެ. އެކަން ފާހަގަކުރެވުނީމާ އަހުރެން ބުނީމެވެ. "ތިއަ ގޮތަށް މެދުވެރިވަނީ ފައިތިލަ ފަހަތަށް ގެނެވޭތީއެވެ. ފައިތިލަ ތަންކޮޅެއް ކުރިއަށް ޖައްސައިލާށެވެ. އެއިރުން އުނދަގުލަކާއި ނުލައި ފައިތިލަ އެކުގައި ތަޅުމުގައި ޖެއްސޭނެއެވެ. ފައިތިލަ އެކުގައި ޖައްސަން މަސައްކަތްކުރަންވާނެއެވެ."
އެދެމީހުންގެ ގާތުގައިވެސް މިވާހަކަ ބުނީ ވަކިވަކިންނެވެ. އިތުރު މީހަކަށް އަޑުނުއިވޭނެ ވަރަށެވެ. އެދެމީހުން އެކަން ބަލައިގަނެ އިސްލާޙްކުރިއެވެ.
މިބުނި ގޮތަށް ކަންތައް ނުކުރީމާ ވާގޮތް ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ!
މިސްކިތަށް އަރާ އެންމެންނަށްވެސް މަރުޙަބާކިޔަންވާނެއެވެ! އެމީހަކު ލަދުގަންނަވާލައި މާޔޫސްކޮށްލައިގެން ނުވާނެއެވެ. އެކަމަކުވެސް ބައެއް މީހުންގެ ކިބައިން ކަންކަން ފެންނަނީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ.
މިޘާލަކަށް މިސްކިތަށް އެރިމީހާއަކީ ޢާންމުކޮށް މިސްކިތަށް އަރައި ނުއުޅޭ މީހަކު ނަމަ އޭނާ ލައިގެން ހުރި ފޭރާމުގައި މައްސަލައެއް ހުރެދާނެއެވެ. މިކިޔައިދެނީ އަހުރެން ކުޑައިރު ހިނގި ކަމެކެވެ.
މިސްކިތަށް އެރި މުހިންމު ޒުވާނެކެވެ. އޭނާ ލައިގެންހުރި ޓީޝާޓުގައި ސިންގާއެއްގެ ފޮޓޯއެއް އިނެވެ. އެހެންވެ ބޮޑު އިމާމް އެންމެންގެ ކުރިމަތީގައި ގަދައަޑުން ބުނީ އެބާވަތުގެ ފޭރާން ލައިގެން މިސްކިތަށް ނުއެރުމަށެވެ.
އެތަނުގައި ހުރި ތަންކޮޅެއް ކުޑަ އިމާމަކު އޭނާއަށް ހިތްވަރުދީ މައްސަލަ ޙައްލުކޮށްދޭން މަސައްކަތްކުރިއެވެ. އެފަދަ ޙާލަތުގައި މަތިން ލާނެ ކޯޓު މިސްކިތުގައި ހުރެއެވެ. އެއިން ކޯޓެއް ލައިގެން ނަމާދުކުރުމުން މައްސަލަ ޙައްލުވީއެވެ.
އެޒުވާނާ ގަތް ލަދުން ބުނީ އޭނާ އެންމެންގެ ކުރިމަތީގައި އެގޮތަށް ފަޟީޙަތްކުރީތީ ދެން މިސްކިތަށް ނާރާނެ ކަމަށެވެ. މިލިބުނު ބޮޑު ދެރައަށް ނިކަން ވިސްނައިލަބަލާށެވެ.
މީސްތަކުންނޭވެ! މިފަދަ ކަންކަން ގޭތެރޭގައިވެސް ދިމާވެދާނެއެވެ. ދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ހަރުކަށި ބަސްތައް ނުބުނާށެވެ. ނުއެނގިހުރެ، ނުވަތަ އިހުމާލުން ކުރެވޭ ކަންކަން އެއީ އެހައި ބޮޑު މައްސަލައަކަށް ނުހަދާށެވެ. ޢާއިލާގެ މީހުންގެ ތެރޭގައި ލަދުގަންނަވައިނުލާށެވެ! އެކަނި ބައިންދައިގެން ނަޞޭޙަތްދޭށެވެ! ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން