ވާހަކަ ދެއްކުމުގެ ކުލަދާނަކަން ލިބިފައިވާ މީހަކަށް ދުލުން ކޮންމެ ގޮތަކަށްވެސް ބުނެވިދާނެއެވެ. މުހިންމީ ޢަމަލުކުރުމެވެ. ނަރަކައަށް ބިރުގަތުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ކޮންމެ މީހަކުވެސް ބުނާނީ އެންމެ ބޮޑަށް ބިރުގަންނަކަމަކީ ނަރަކައަށް ވަންނަންޖެހިދާނެކަން ކަމަށެވެ. ސުވާލަކީ ޢަމަލުން އެކަން ދެއްކޭ ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް އެމީހާ މަރުވާނެކަން އެނގޭނެއެވެ. އެކަން ޤަބޫލުވެސްކުރާނެއެވެ. ގިނަވެގެން މިއުޅެނީ މަރުވާނެކަމަށް ބިރު ނުގަންނަ މީހުންނެވެ. އެފަދަ މީހުންގެ އެންމެ ފައުޅުކަން ބޮޑު ސިފައަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރި ނުވެވުމެވެ.
ނަމާދު ނުކޮށް ޣާފިލުކަންމަތީގައި ތިއަ ތިބެނީ މަރަށް ބިރު ނުގަނެވޭތީއެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަންވެސް ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ފުރުޞަތު އޮއްވައި ދުލުން ތިއަ ބުނާ ބަހާއި އަމަލު ދިމާކުރަން މަސައްކަތްކުރާށެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ޤަބޫލުކުރާށކަން އަމަލުން ދައްކާށެވެ! ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށް ތިބާގެ ފަތުގައި ލިޔުއްވަން ގަދައަޅައި މަސައްކަތްކުރާށެވެ! ލިޔުވަން ކުރަން ޖެހޭ ކަމަކީ ނަމާދުކުރުމެވެ. ކޮށްފިނަމަ ލިޔުއްވަވާނެތެވެ.
ތިމާވެސް މަރުވާނެކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެކަން ޤަބޫލު ނުކުރާ މީހުންވަރަށް ގިނަ ވެއްޖެއެވެ. އެފަދަ މީހުންނަކީ ކޮބައިކަން ދެނެގަންނަން އެނގޭ ހެއްޔެވެ؟ އެއީ ކުރަން މާ އުނދަގޫ ކަމެއް ނޫނެވެ.
މިސްކިތް ކައިރީ މަޑުކޮށްލާށެވެ! ނުވަތަ މިސްކިތުގެ ސީސީޓީވީ ފުޓޭޖް ބަލައިލާށެވެ! ހަމައެކަނި ހުކުރު ނަމާދާއި ޢީދު ނަމާދަށް މިސްކިތަށް އަރާ ބައަކު އުޅޭނެއެވެ. އެއީ ތިމާވެސް މަރުވާނެ ކަމަށް ޤަބޫލުކުރާ ކަމަށް ދުލުން ބުނި ނަމަވެސް މަރުވާނެ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރާ މީހުންނެވެ.
މިފަދަ މީހުން ދެނެގަންނަން ދުނިޔޭގައި ކޮންމެވެސް ވަރެއްގެ ތަކްލީފްތަކެއް އުފުލަން ޖެހިދާނެއެވެ. ސީސީޓީވީ ފުޓޭޖް ބެލުން ފަދަ ކަންކަން ކުރަން ޖެހޭނެތީއެވެ. ނަމަވެސް ފަރުޟު 5 ނަމާދަށް އިހްމާލްވީ މީހުން ޤިޔާމަތް ދުވަހު ދެނެގަތުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެއެވެ. އެގޮތަށް ބުނަން ޖެހެނީ ކޮންމެ މީހެއްގެ ހިސާބު ބެއްލެވުމުގައިވެސް ފުރަތަމަ ބައްލަވާނީ ނަމާދަށް ކަމުގައިވާތީއެވެ. ފަރުޟު 5 ނަމާދަށް ރައްކައުތެރި ނުވެވުނު މީހުން ހިމެނިގެންދާނީ ފޭލްވި މީހުންގެ ތެރެއިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން