ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ވަޒިފާއެއް ދެއްވަވާފަ! މަގުއޮޅި އާޚިރަތް ގެއްލިގެންދަނީ އެވަޒީފާ ދޫކޮށްލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ވަޒިފާއެއް ދެއްވަވާފަ! މަގުއޮޅި އާޚިރަތް ގެއްލިގެންދަނީ އެވަޒީފާ ދޫކޮށްލެވޭތީ!

ޙަޤީޤަތުގައި ދުނިޔޭގައި މީސްތަކުން ލައްވަވާފައި މިވަނީ ﷲ ތަޢާލާގެ އަޅެއްގެ މަޤާމު އަދާކުރުމަށެވެ. އެ މަޤާމުގެ ވަޒީފާއަކީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަޅުކަން ނުކުރެވޭނަމަ އެއިގެ މާނައަކީ އެމީހަކާއި ޙަވާލުކުރެއްވެވި ވަޒީފާ އަދާނުކުރެވޭ ކަމެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި "ﷲގެ އަޅާ"ގެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވާށެވެ! މަރުވުމުން އަރާމާއި އުފާ އޮތީ އެފަދަ މީހުންނަށެވެ. 

ބައެއް މީހުންނަށް އެމީހުންނަކީ މިނިވަނުން ކަމަށް ޤަބޫލުކުރެވޭކަން އެއީ ތަޤްވާވެރިކަމާއި ދުރަށް ދެވޭ އެއް ސަބަބެވެ. އެހެނީ އެއްވެސް އިންސާނަކީ މިނިވަނެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވެވީއެވެ. އެއީ ނަރަކަ އާއި ސުވަރުގެ އާއިކުރެން އެމީހަކު ބޭނުން ތަނެއް ކަނޑައެޅުމުގެ އިޚްތިޔާރެވެ. އެއްވެސް ޙާލެއްގައި އެއިގެ މާނައަކީ ތިމާއަކީ މިނިވަނެއްކަމަށްބުނެ ހިތަށް އެރިހައި ގޮތަކަށް އުޅުމުގެ މިނިވަންކަން ދެއްވެވުމެއް ނޫނެވެ. 

އިންސާނަކަށް ދެއްވެވި އެންމެ މަތީ ދަރަޖަ ދެއްވަވާފައިވަނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އެއީ ދިރިހުންނަވަނިކޮށް މިޢްރާޖެގެ ދަތުރުފުޅުގައި އެންމެ މަތީ އުޑަށް އުފުއްލަވައި ﷲ ތަޢާލާ ސީދާ ބަސްފުޅުވަޙީ ކުރެއްވެވުމެވެ. 

އެ ރޭ، އެ ވަގުތުގައިވެސް ރަސޫލް () އަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ﷲގެ ރަސޫލް ނުވަތަ ﷲ ގެ ނަބިއްޔާއެއް ނޫނެވެ. ވަޙީ ކުރެއްވެވީ ﷲ ގެ އަޅާ ކަމަށެވެ. ﷲގެ ރަސޫލް، ﷲގެ ނަބިއްޔާ، މުޙައްމަދު، އަޙްމަދު ފަދަ ނަންފުޅުތައް ހުއްޓައެވެ. ވީމާ ﷲ ގެ އަޅާ އެއީ ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފެވެ. 

ތިމާއަކީ ﷲ ތަޢާލާގެ އަޅާ ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހަކު، އެމީހަކަށް އިތުރު ދަރަޖައެއް ނުލިބިގެން އެކަމާއިމެދު ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. "ﷲގެ އަޅާ" ކަމަށްވުމުން ފުދި އިތުރުވެސް ވާނެއެވެ. ތިމާއަކީ "ﷲގެ އަޅެއް" ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ ސީދާ މަގުގައެވެ. އިސްލާމް ދީނުގެ މަގުން ކައްސާލައިގެން އެދެވެނީ ތިމާއަކީ ﷲ ތަޢާލާގެ އަޅެއް ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން