ބައިވެރިޔާ ބޭވަފާތެރިވީމާ ތިމާ ދެރަވެ ރުޅިގަދަވާފަދައިން ތިމާ ބޭވަފާތެރިވީމާ ބައިވެރިޔާއަށްވެސް ހަމައެކަންކަން މެދުވެރިވާނެކަމަށް ޤަބޫލުނުކުރެވޭ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ބައިވެރިޔާ ބޭވަފާތެރިވީމާ ތިމާ ދެރަވެ ރުޅިގަދަވާފަދައިން ތިމާ ބޭވަފާތެރިވީމާ ބައިވެރިޔާއަށްވެސް ހަމައެކަންކަން މެދުވެރިވާނެކަމަށް ޤަބޫލުނުކުރެވޭ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

ދަންނާށެވެ! ކައިވެނިކޮށް ދެމީހުންނަކީ ދެމަފިރިންކަމަށްވުމަށްފަހުގައި ދެމަފިރިންކުރެ އެކެއްގެ ވެސް އަމިއްލަ ކަންކަމެއް ނުހުންނާނެއެވެ. ހުންނާނީ ހަމަ ދެމީހުންގެ ކަންކަމެވެ. "އަހަރެންގެ ރައްޓެހިން" ބައިތިއްބައިގެން ނުވާނެއެވެ. ބައިތިއްބަންވާނީ ދެމީހުންގެވެސް ރައްޓެހިންނެވެ.  

ގިނަ ކައިވެނިތައް ރޫޅެން ދިމާވާ އެއް ސަބަބަކީ ސިއްރު ރަޙްމަތްތެރިން ގެންގުޅުމެވެ. ނުބައި މާނައެއް ރަނގަޅު މާނައެއްގެ ވާހަކަ ދެއްކުމެއް ނެތެވެ. އެއްވެސް މާނައެއްގައި ދެމަފިރިންކުރެ އެކަކުވެސް ސިއްރު ރަޙްމަތްތެރިން ގެންގުޅެގެން ނުވާނެއެވެ. އެންމެ ހެޔޮ އަމަލަކީ އަޅުކަން ކުރުން ނޫންހެއްޔެވެ؟ އަޅުކަން ކުރުމުގައި އެހީތެރިކަން ހޯދަން ނަމަވެސް ސިއްރު ރަޙްމަތްތެރިން ގެންގުޅެގެން ނުވާނެއެވެ.  

އެކެއްގެ ދެ ފުށް ހާމަކޮށްގެން އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ. ކާމިޔާބު ކުރެވޭނީ ދެ މީހުންގެ 4 ފުށް ހާމަކޮށްގެންނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ދެމަފިރިންގެ 4 ފުށް ހާމަކޮށްގެން ތެދުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމަށެވެ. އެގޮތުގައި ދިރިއުޅޭ ނަމަ އެ ދެމަފިރިއަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އަބަދުވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ!  

ރަނގަޅަށް ވިސްނާށެވެ! ދެމަފިރިން އެކުގައި ދިރިއުޅެން ކުރިމަތިލާއިރު ޤަބޫލުކުރަން ޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ދެމަފިރިންނަކީ އެކަކު ކަމެވެ. އެއީ ވަކި 2 މީހުން ކަމަށް ބަލައިގެން ކަންކަން ކުރާނަމަ ދުވަހަކުވެސް މައްސަލަތަކުން ސަލާމަތެއް ނުވެވޭނެކަމެވެ.  

މިހައިތަނަށް ކުރި ހުރިހާ ދިރާސާތަކުންވެސް އެނގެނީ ކައިވެނި އުފާވެރިކޮށްދެނީ ފައިސާ އާއި މުދަލާއި ދަރިން އެކަނި ނޫން ކަމެވެ. ކައިވެނި ކާމިޔާބު ކުރެވޭ އެންމެ ބޮޑު ބާރަކީ ތެދުވެރިކަން ކަމެވެ. އިޚްލާޞްތެރިކަން ކަމެވެ. ވީމާ ކައިވެނި ކާމިޔާބުކުރެވުމުގެ އަޞްލަކީ ހަމަ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. އެކަމުގައި ދެމީހުން ހަމަހަމަވުމެވެ.  

ކައިވެނިކޮށްގެން ދިރިއުޅޭއިރު ދެމަފިރިން އެކަކު އަނެކަކަށް ކަންކަން އެބަ ސިއްރުކުރެއެވެ. ސިއްރުކުރުމަށްފަހު އެއީ އަމިއްލަ ކަމެއް ކަމަށް އެބަ ބުނެއެވެ. ވާހަކަ ދެއްކީ ކާކާއިކަން ނުބުނަން ވެގެން ރައްޓެއްސަކާއި ކަމަށް އެބަ ބުނެއެވެ. ދެއްކި ވާހަކަ އަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އަމިއްލަ ވާހަކައެއް ކަމަށްވެސް ބުނެފާނެއެވެ. މިއީ ކޮން ގޮތަކުން ބަލައިގަނެވޭނެ ކަންކަން ހެއްޔެވެ؟  

އަނބި މީހާ ސުވާލުކުރުމުން ފިރިމީހާ އެފަދަ ޖަވާބެއް ދޭއިރު ތިމާ ސުވާލުކުރުމުން އަނބިމީހާ އެފަދަ ޖަވާބެއް ދީފި ނަމަ ދެން ތިމާއަށް ވާނެ ގޮތާއިމެދު ވިސްނަންވާނެއެވެ. ހަމައެފަދައިން ފިރި މީހާ ސުވާލުކުރުމުން އަނބިމީހާ އެފަދަ ޖަވާބެއް ދޭއިރު ތިމާ ސުވާލުކުރުމުން ފިރިމީހާ އެފަދަ ޖަވާބެއް ދީފި ނަމަ ދެން ތިމާއަށް ވާނެ ގޮތާއިމެދު ވިސްނަންވާނެއެވެ.  

މިބާވަތުގެ ކަންކަމުގައި އަނބިމީހާއަށް ނެތް މިނިވަންކަމެއް ފިރިމީހާއަކަށްވެސް ލިބިގެނެއް ނުވެއެވެ. އަދި ފިރިމީހާއަށް ލިބިގެން ނުވާ މިނިވަންކަމެއް އަނބިމީހާއަކަށްވެސް ލިބިގެނެއް ނުވެއެވެ. މާނައަކީ މިބާވަތުގެ "އަމިއްލަ" ކަންކަން ކުރުމުގެ މިނިވަންކަން ދެމަފިރިންކުރެ އެކަކަށްވެސް ލިބިފައިނުވާ ކަމެވެ.  

ޚުލާޞާޢަކީ ބައިވެރިޔާ ބޭވަފާތެރިވީމާ ތިމާ ދެރަވެ ރުޅިގަދަވާފަދައިން ތިމާ ބޭވަފާތެރިވީމާ ބައިވެރިޔާއަށްވެސް ހަމައެކަންކަން މެދުވެރިވާނެކަމަށް ޤަބޫލުނުކުރެވޭ މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސްމެއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން