ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ސުވަރުގޭގެ ދޮރުކޮޅުތަކުގައި ޓަކިދޭން އެންމެ ފަސޭހަވެގެންދާ އެއް ޢަމަލަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއިއެކު ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އެހެންކަމުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.
ދަސްކުރަންޖެހޭ ފިލާވަޅުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއް ފިލާވަޅަކީ އަންޞާރުންނާއި މުހާޖިރުން ފަދައިން ހުރިހާ މުސްލިމުންވެސް އަޚްވަންތަ ކަމުގެ ގުޅުމަކުން ގުޅިގެންތިބުމުގެ މުހިންމުކަމެވެ.
ވިސްނައިލާށެވެ! އެދުވަހު މުހާޖިރިއްޔަ ބޭކަލުންނާއި އަޚްވަންތަކަން ޤާއިމުކުރައްވަން އަންޞާރިއްޔަ ބޭކަލުން ފަސްޖެހިވަޑައިނުގަތީ މުހާޖިރިއްޔަ ބޭކަލުންގެ އަތްޕުޅުގައި އެވަގުތު އެއްޗެއް (މުދަލެއް) ފެންނަން ނެތް ނަމަވެސް އިސްލާމީ އަޚްވަންތަކަމުގެ ގުޅުމުން ދެ މީހަކު ގުޅިއްޖެނަމަ 2 މީހުންނަށްވެސް ﷲ ތަޢާލާ ރިޒްޤް ދެއްވަވައި ކަންކަން ފުރިހަމަކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ. ނަތީޖާ ފެނިގެންދިއައީވެސް ހަމައެފަދައިންނެވެ.
މިއަދު ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާއަށް އިތުބާރުކުރެވުން ކުޑަވީއެވެ. އަޚުންނަށް ޞަދަޤާތްކޮށްފިނަމަ ފަޤީރުވެދާނެކަމަށް ޤަބޫލުކުރެވި މާބޮޑަށް ބިރުގަނެވެނީއެވެ. އެހެންވެ ތިމާގެ އަޞްލު (ރަޙިމުގެ ގުޅުމުގެ ތެރެއިން) އަޚުންގެތެރޭގައި ނަމަވެސް ފަޤީރަކު ހުރިނަމަ އަނގައިން ބުނަންވެސް ބިރުގަންނަނީއެވެ.
ނަމަވެސް އެދުވަސް ހަނދާނަށް ގެންނާށެވެ. އަންޞާރިއްޔަ ބޭކަލުން، އެބޭކަލުންގެ ގެދޮރާއި މުދަލާއި އަދި އެންމެ ލޯބިފުޅުވާ އަނބިންވެސް ހަމަހަމައަށް ބައްސަވައިލެއްވެވީ އެވެ. ހަމައެކަނި އެދިވަޑައިގަތީ އެންމެ ކަމަކަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށެވެ. އެކަލާނގެ ރަޙްމަތަށެވެ.
ފުރަތަމަ ކަމަކަށް ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އެއަށްފަހު އެމީހެއްގެ ކިބައިގައި ފެންވަރު ހުރިވަރަކުން ވީހާގިނަ ބައަކަށް އެހީތެރިވެދޭށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރަމުން ގެންދާށެވެ. އެއިރުން އެމީހަކަށް ތަނަވަސްކަން އޮއްސަވާނެ ގޮތް ނުވެސް އެނގޭނެއެވެ. އަދި އެކަންވާނީ ސުވަރުގޭގެ ދޮރުކޮޅުގައި ޓަކިޖެހުން ފަދަ ކަމަކަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން