ޒިނޭކުރުމުން ލިބޭނީ ވަޤުތީ އުފާކޮޅެއް! މަރުވެ ވަޅުލެވުމާއިއެކު ނަރަކައިގެ ހޫނުގަދަ އަލިފާން އެމީހަކާ ބައްދަލުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 7ސ
ޒިނޭކުރުމުން ލިބޭނީ ވަޤުތީ އުފާކޮޅެއް! މަރުވެ ވަޅުލެވުމާއިއެކު ނަރަކައިގެ ހޫނުގަދަ އަލިފާން އެމީހަކާ ބައްދަލުކުރާނެ!

މީސްތަކުންގެ ޖާހިލުކަން ބޮޑުވެ ޒިނޭކުރުމަކީ ކައްވަޅުގައިވެސް އަލިފާނުން ޢަޛާބު ދެއްވަވާނެ ބޮޑު ފާފައެއް ކަމަށް ބުނުމުންވެސް ހިތަށް ބިރުވެތިކަން ވަންނަ މީހުންގެ ޢަދަދު އަންނަނީ މަދުވަމުންނެވެ. އެހެންކަމުން ވަރަށް އާދޭހާއިއެކު މިއެދެނީ މިކަންކަމަށް ވިސްނައިލުމަށެވެ.   

ޒިނޭ ކުރުމަކީ އެންމެ ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީނުގައި ލައްވަވަފައިވަނީ އެކަމުގެ ނުބައކަން ބޮޑުކަމުންނެވެ. އެންމެ ބޮޑު އަދަބު ދެއްވަވާ ފާފައެއްކަމުގައި ލައްވަވާފައި އެވަނީ މީސްތަކުންގެ ސަލާމަތަށްޓަކައެވެ. މުޅި މުޖުތައުމުގެ މަޞްލަޙަތު އެކަމުގައި ހިމެނިފައިވާ އެތައް ކަމެއް އެފާފަ އާއި ގުޅިފައިވާތީއެވެ.  

"ޒިނޭކުރުމަކީ ބަދުނަޞީބާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އެކަމުން ލިބޭ ވަގުތީ އުފަލަށްވުރެ ދާއިމީ ހިތާމަ މާބޮޑެވެ."  

މުއްސަނދިންގެ ތެރެއިން މިބާވަތުގެ އަމަލުތައް ކުރުންމަތީގައި ދެމި ތިބި ގިނަ ބައަކު ވަނީ ފަޤީރުވެ ވަރަށް ނިކަމެތިވެފައެވެ. އަދި ކުރިއަރައި ގޮސްފައިވާ ގިނަ ވިޔަފާރިވެރިންނަކީ މިބާވަތުގެ އަމަލުތައް ނުކުރާ ރިވެތި އަޚްލާޤްގެ މަތީގައި ހަޔާތް ވޭތިކުރާ ވިޔަފާރިވެރިންކަމުގައި ވެފައިވުމަކީ މިބަޔާންކުރި ބަސްޮޅުގ ތެދުކަން އަންގައިދޭ ދިރިހުރި މިސާލެއް ނުވަތަ ހެއްކެއް ކަމަށް ފުދެއެވެ. 

ފުރަތަމަކަމަކަށް ނިކަން ވިސްނައިލަބަލާށެވެ! ތިބާއަކީ ޒިނޭކުރުންމަތީގައި ދެމިހުރި މީހަކުނަމަ ތިބާ ހިމެނިގެންދާނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބަސްވަޙީ ނުކުރައްވަވާ މީހުންގެ ތެރެއިންނެވެ. އެއީ ތިބާއަށް ކެތް ކުރެވިދާނެ ކަމެއް ކަމުގައި ހީކުރަނީ ހެއްޔެވެ؟  

"މީހަކު ޒިނޭކުރުމުގައި ދެމިހުންނަކަމުގައި ވަނީނަމަ އެ ޢަމަލުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި އުމުރުން ދުވަސްވެފައިވާ ޙާލު އޭނާ ކުރާ ޒިނޭގެ ނުބައިކަން ބޮޑުވެގެންވެއެވެ. ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.  

"ޤިޔާމަތްދުވަހުން ތިން މީހަކާއި ﷲ ތަޢާލާ ވާހަކަފުޅު ނުދައްކަވާނެއެވެ. އަދި އެބައިމީހުންގެ ފާފަތަކުން ޠާހިރުނުކުރައްވާނެއެވެ. އަދި އެބަމީހުންނަށް އެއިލާހު ބައްލަވައިވޮޑިނުގަންނަވާނެއެވެ. އެއީ: ޒިނޭ ކުރާ މުސްކުޅިޔާ އާއި ދޮގުވެރި ވެރިޔާއާއި ކިބުރުވެރި ފަޤީރުމީހާއެވެ." 

މިވަރުން ފުދުނީއެއް ނޫނެވެ. ޒިނޭކުރާ މީހާ މަރުވުމުން ކައްވަޅުގައި ވެސް އޮންނަން ޖެހެނީ ގަދަފަދަވެގެންވާ ވޭންދެނިވި އަޒާބުގައެވެ. އަލިފާނުން އަނދައަނދައެވެ.  

"ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. އެގޮތުން އެމީހުން ވާހުށީ އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއްފަދަ ތަނެއްގައެވެ. އޭގެ ދަށުން އަލިފާންގަނޑެއް ވެއެވެ. އެމީހުން އޭގެތެރޭގައި ބަރަހަނާ ޙާލުގައި ތިބޭނެއެވެ. އަދި އެ އަލިފާންގަނޑު ގަދައަށް ރޯވެ މައްޗަށްއެރުމުން އެމީހުންގެ ހަށިތަކަށް ކެތްނުކުރެވިގެން ރޮއެ ހަޅޭއްލަވައިގަނެ އެތަނުގެ މަތީބައަށް އަންނާނެއެވެ. އެތަނުން ބޭރަށް ނުކުތުމަށް އެމީހުން އެދިއެދި ތިބޭނެއެވެ. ދެން އެ އަލިފާންގަނޑު ތިރިވެ މަޑުވުމުން އަނެއްކާވެސް އެމީހުން އެތަނުގެ ތިރިއަށް ރުޖޫޢަވާނެއެވެ. ދެން މި ގޮތުގައި ތަކުރާރުވެ ޤިޔާމަތް ޤާއިމް ކުރެވެންދެން އެމީހުން ދެމިތިބޭނެއެވެ." 

ހަށިވިއްކުމުގެ ނުބައިކަމަށް ބިރުވެތިވުން ކިތަންމެހައިވެސް މުހިންމެވެ. ހަށިވިއްކަިގެން ލިބޭ ފައިސާއަކީ ހަމައެކަނި ރޭގަނޑު ސިއްރުން ހިލޭ ފިރިހެނަކަށް ހަށި ވިއްކައިގެން ލިބޭ ފައިސާއެއް ނޫނެވެ. ވަޒީފާއެއް ހޯދަން ނުވަތަ މަޤާމުގައި ދެމިހުރުމަށް ނުވަތަ މަޤާމުގެ ކުރިއެރުން ހޯދަން "ބޮޑުމީހާ" އާއިއެކު ކުރާ ޒިނޭ އަކީ ވެސް ހަށިވިއްކުން ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ އެގޮތުން ލިބޭ ނުވަތަ ދެމިހުންނަ ވަޒީފާއިން ލިބޭ މުސާރަވެސް ވާނީ ހަށިވިއްކައިގެން ލިބޭ ފައިސާ އަށް ކަމަށެވެ. ނަމަވެސް އެއްވެސް ބިރެއް ޖެހިލުމެއް ނެތި މިކަންކަން ހަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިގެންދަނީ ކުރަމުންނެވެ.  

"އެންމެ ނުބައިވެގެންވާ ފައިސާއަކީ ހަށިވިއްކައިގެންލިބޭ ފައިސާއެވެ. ހަށިވިއްކަމުން އުޅޭއަންހެނާ ރޭގަނޑުގައި އުޑުގެ ދޮރުތައް ހުޅުވާލެވޭ ވަގުތުގައި ކުރާ ދުޢާވެސް ﷲ ތަޢާލާ އިޖާބާ ނުކުރައްވާ ކަމުގައި ޙަދީޘްގައި އައިސްފައިވެއެވެ. ތިމާމެން ހަށިވިއްކުންފަދަ ނުބައިކަންތައް ކުރަނީ  ފަޤީރުކަމުން ދިރިއުޅޭނެ އެހެންގޮތެއް ނެތިގެންނޭ ބައެއް މީހުންބުނެފާނެއެވެ. އެހެން ނަމަވެސް މިއީ ޝަރީޢަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނައަޅައިދިޔުމަށް އޮތް ޢުޒުރެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ޙަލާލް ގޮތުގައި ފައިސާހޯދުމަށް އެތައް ގޮތްތަކެއް މިބިންމަތީގައި ލައްވާފައެވެ." 

އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން ކިތަންމެ ބޭނުންވި ނަމަވެސް ޒިނޭގެ ޙައްދަކީ ސިއްރުސިއްރުން ޖަހަން ޖެހޭ ޙައްދެއް ނޫނެވެ.   

"އަދި ކުރީގައި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ކަމުގައި ވަނީނަމަ އޭނާގެ މައްޗަށް ކަނޑައަޅުއްވާފއިވަނީ އެންމެ ބޮޑު ޢުޤޫބާތެވެ. އެއީ އޮތްގަލުން ތަޅާ ރަޖަމްކޮށް މަރާލުމެވެ. އެނާގެ ހަށިގަނޑުގެ ހުރިހާތަނަކަށް އޭގެ ވޭން އެޅުމަށްޓަކައެވެ.  ޙަރާމްގޮތުގައި މުޅިހަށިގަނޑުން އަރާމް ލިބިގަތްކަމަށްޓަކައެވެ. އަދި ކުރީގައި ކައިވެންޏެއް ނުކޮށްހުރެ ޒިނޭކުރާ މީހާއަށް ވަނީ ދުއްރާއިން ތެޅުމެވެ. މިކަމުގައިވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ މަތީ ޢަދަދެވެ. އެއީ ދުއްރާއިން 100 އެތިފަހަރުން ތެޅުމެވެ. އަދި އެކަންކުރާ މީހާ ފަޟީޙަތްވުމަށްޓަކައި މުއުމިނުންގެ ޖަމާޢަތަކަށް މިމަންޒަރު ފެންނަގޮތަށް މިކަން ކުރިޔަށް ގެންދަންޖެހެއެވެ. އަދި އެރަށެއްގައި އޭނާ ޒިނޭ ކުރިރަށް ނޫން  އެހެން ރަށަކަށް އެއް އަހަރު ވަންދެން އަރުވާލަން ޖެހެއެވެ." 

ތިރީގައި މިވަނީ ޒިނޭ ކުރުމާއި ބެހޭ ގޮތުން ދިސަލަފިއްޔާ ނެޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. ލިޔުން ޝާއިޢުކޮށްފައިވަނީ އަޞްލާއި އެއްގޮތަށެވެ.  

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި މީހާގެ އަބުރާއި ނަސްލު ރައްކާތެރިކުރުން ހިމެނިފަވެއެވެ. އެހެންކަމުން އިސްލާމް ދީނުގައި ޒިނޭ ޙަރާމްކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32 

މާނައީ: ”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“  

އެހެންކަމުން ޝަރީޢަތްވަނީ ޒިނޭއަށް މަގުފަހިވާ ހުރިހާ ޒަރީޢާތަކާއި މަގުތަކާއި އެއަށް ވާޞިލުވާންއޮތް ގޮތްތައް މަނާކޮށްފައެވެ. އެގޮތުން އަންހެނުންނަށް ފުރިހަމަ ޙިޖާބުން ޙިޖާބު އެޅުމަށް އަމުރުކުރައްވައި އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށް އަންގަވައި ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެކީ އެކަހެރިވެ ނުއުޅުމަށް ވަނީ އަމުރުކުރައްވާފައެވެ. 

އަދި ކުރީގައި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ކަމުގައި ވަނީނަމަ އޭނާގެ މައްޗަށް ކަނޑައަޅުއްވާފއިވަނީ އެންމެ ބޮޑު ޢުޤޫބާތެވެ. އެއީ އޮށްގަލުން ތަޅާ ރަޖަމްކޮށް މަރާލުމެވެ. އެނާގެ ހަށިގަނޑުގެ ހުރިހާތަނަކަށް އޭގެ ވޭން އެޅުމަށްޓަކައެވެ.  ޙަރާމްގޮތުގައި މުޅިހަށިގަނޑުން އަރާމް ލިބިގަތްކަމަށްޓަކައެވެ. އަދި ކުރީގައި ކައިވެންޏެއް ނުކޮށްހުރެ ޒިނޭކުރާ މީހާއަށް ވަނީ ދުއްރާއިން ތެޅުމެވެ. މިކަމުގައިވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ މަތީ ޢަދަދެވެ. އެއީ ދުއްރާއިން 100 އެތިފަހަރުން ތެޅުމެވެ. އަދި އެކަންކުރާ މީހާ ފަޟީޙަތްވުމަށްޓަކައި މުއުމިނުންގެ ޖަމާޢަތަކަށް މިމަންޒަރު ފެންނަގޮތަށް މިކަން ކުރިޔަށް ގެންދަންޖެހެއެވެ. އަދި އެރަށެއްގައި އޭނާ ޒިނޭ ކުރިރަށް ނޫން  އެހެން ރަށަކަށް އެއް އަހަރު ވަންދެން އަރުވާލަން ޖެހެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން