މީސްތަކުން ލައްވައި ފާފަކުރުވަން ކުރަންޖެހޭ ހުރިހާ ކަމެއް ޝައިޠޯނާއަށް ވަރަށް މޮޅަށް އެނގޭނެއެވެ. އެކަމަށް އެންމެ މޮޅުވާނީ ޝައިޠޯނާއެއްވެ. އެއީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވަވާ އެންމެން ނަރަކައަށް ވައްދަން މަސައްކަތްކުރާނެ ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އޭތި ދެންނެވީންސުރެ އެނޫން އެހެން އެއްވެސް މަސައްކަތެއް އޭތި ނުކުރާތީއެވެ.
ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކުރަން މަސައްކަތްކުރާ މީހުން މީސްތަކުންގެތެރޭގައި ވަރަށް ގިނައެވެ. ކާފިރުންގެ ތެރޭގައިވެސް ވައްކަންކުރުމާއި ޖުވާކުޅުމާއި މަސްތުވާ ތަކެތި ބޭނުން ކުރުން ފަދަ ކަންކަން ނުކުރާ މީހުން ތިބެއެވެ. ހަމައެއާއިއެކު މުސްލިމުންގެ ތެރޭގައިވެސް އަދި ކާފިރުންގެ ތެރޭގައިވެސް އެންމެ ބޮޑަށް ފެތުރިފައިވާ ފާފައަކީ ފާޙިޝް ޢަމަލުތައް ކުރުމެވެ. އެކަމުން ސަލާމަތްވެ ތިބެވެނީ ވަރަށް މަދު ބައަކަށެވެ.
ސަބަބަކަށްވަނީ ފާޙިޝް ޢަމަލުތައް ކުރަން މަގުފަހިވާ ގޮތަށް ޝައިޠޯނާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ޝައިޠޯނާގެ ދަންތުރައިގައި ޖެހެވޭ މީހުން ގިނަވަމުން އަންނަ ކަމެވެ.
މުޖުތަމަޢުތަކުގައި ޒިނޭކުރުން ޢާންމުވެ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ކަންބޮޑުވާ މީހުންނަށް ބުނެލަން އޮތީ އެންމެ މުހިންމު ކަމަކީ ތިމާ އެފާފައިން ސަލާމަތްވެ ހުރުން ކަމަށެވެ. ކޮންމެ މީހަކަށްވެސް ޢަޛާބު ދެއްވަވާނީ އެމީހަކު ކުރި ފާފައަކަށެވެ. ދުނިޔޭގެ އެންމެން ކުރިނަމަވެސް ތިމާ ނުކުރާ ފާފައަކަށް އެމީހަކަށް ﷲ ތަޢާލާ ޢަޛާބެއް ނުދެއްވަވާނެތެވެ.
މިޒަމާނުގައި ފާޙިޝްކަންތައްތަކަށް ހުރިހާ ދޮރެއްވަނީ ހުޅުވާލެވިފައެވެ. ޝައިޠާނާ ވަނީ އޭއްޗާއި އޭތީގެ ބައިވެރިންގެ ޕްލޭންގެ ދަށުން ފާޙިޝްކަންތައްތަކަށް ހުރި މަގުތައް ގާތްކޮށްދީ ފަސޭހަކޮށްދީފައެވެ. އަދި އޭތީގެ މަގަށް މީސްތަކުންގެ ތެރެއިން ފާފަކުރާމީހުންނާއި ފާޖިރުން ތަބާވެ މީސްތަކުންގެ މެދުގައި ޢައުރަ ކަޝްފުކުރުންވަނީ ޢާއްމުކުރުވާފައެވެ. ޚާއްސަކޮށް އަންހެނުންގެ މޫނު ކަޝްފުކުރުމަށް ދެވޭ ދަޢުވަތަކީ ޝައިތާނާއާއި އޭތީގެ ބައިވެރިން ތަބައްރުޖަށް ދޭ ދަޢުވަތެކެވެ. އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ. އަދި ދެ ޖިންސުގެމީހުން އެއްވެއުޅުންވެސް މި ވަނީ ޢާއްމުވެފައެވެ.
އަދި ފާޙިޝް މަޖައްލާތަކާއި ފިލްމުތައް މިވަނީ ޢާއްމުވެފައެވެ. މަސާޖްޕާލާތަކާއި ސެލޫން ޕާލާތަކުގެ ނަމުގައި ހިންގާ ޒިނޭ ޕާލާތައް މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ. މިއީ ހުސް ޒިނޭއަށް މަގުފަހިވާން އޮތް މަގުތަކެވެ. އަދި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޙަރާމްގޮތުގައި ލިބޭ ދަރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. އަދި އެއީ އެހާބޮޑު ކަންތައްތައް ނޫންކަމުގައި މީސްތަކުންދެކޭ ވަރަށް މިކަންތައް މިވަނީ ޢާއްމުވެފައެވެ. މުޖުތަމަޢުގެ ކަށީގައި ހިފާފައިވާ ކަމެއްގެ ގޮތުގައެވެ. އަދި ބަނޑުގައި އޮއްވާ ޤަތުލު ކުރެވޭ ދަރިންގެ ޢަދަދުވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ ޒިނޭގެ ނުބައި ނަތީޖާއެވެ.
އެހެންކަމުން ޒިނޭއަކީ މުޅި އުއްމަތުގެ ހަލާކެވެ. ދަރިފަސްކޮޅު އޮޅުންބޮޅުންވެ ދަރިއާއި މަންމަ އާއި ބައްޕަ ވަކިނުވާ ހިސާބަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލު ނުދަނީސް މިފަދަ ކަންތައްތައް ހުއްޓުވައި އަމާނާތްތެރިކަމާއެކީ އަޅުގަނޑުމެންގެ ދަރިންތައް ތަރުބިއްޔަތުކޮށް ދީންވެރި އަޚްލާޤު ރަނގަޅު މީހުންނާއި ކައިވެނި ކުރުވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ޒިނޭ ކުރާ މީހަކާއި ކައިވެނި ކުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި މުޖުތަމަޢުގެ ނައު އަޑިޔަށް ނުދަނީސް ﷲ ތަޢާލާގެ ޙުކުމް މިބިންމަތީގައި ތަންފީޒުކޮށް ޒިނޭކުރާ މީހުންނަށާއި ބިންމަތީގައި ފަސާދަ އުފައްދާ ޒިނޭ ޕްރޮމޯޓުކުރާ ފަރާތްތަކަށް ޙައްޤު އަދަބު ދޭން އެބަޖެހެއެވެ. މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި މިކަން ކުރުން މިވަނީ މިހާރު މާބޮޑަށްވެސް ލަސްވެފައެވެ. މާތްﷲ އަޅުގަނޑުމެން އެއްމެންނަށްވެސް ހެޔޮވިސްނުން ދެއްވައި ތައުބާވެ ހެޔޮމަގަށް ރުޖޫޢަވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން