ވިތުރިއަކީވެސް ރޭއަޅުކަމެއް! ނުކޮށް ތިބެން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވިތުރިއަކީވެސް ރޭއަޅުކަމެއް! ނުކޮށް ތިބެން ހެޔޮނުވާނެ!

ވިތުރިކުރުން ބޮޑުކަމަކަށްވަނީ ކަންނެތްވެވޭތީއެވެ. ފަހުން ހޭލެވޭނެ ކަމުގެ އުންމީދެއް ނެތަސް ފަހުން ކުރަން ބޭއްވޭތީއެވެ. މިއީ ޝައިޠޯނާގެ ކިބައިން އަންނަ ނުބައި ވިސްނުމެކެވެ. 

ބައެއް ފިރިހެނުން ޢިޝާ ނަމާދު ނިމި ސުންނަތް ކުރުމަށްފަހު މިސްކިތުގައި ވިތުރިކުރެއެވެ. އަދި ނަމާދަށްފަހު ފައިބައިގެންގޮސް ގޭގައިވެސް ކުރެއެވެ. ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ގޭގައެވެ. ގޭގައި ކުރަން އުނދަގޫވާނަމަ މިސްކިތުގައި ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ބައެއް އަންހެނުން ޢިޝާނަމާދު ނިންމައި މުސްލަމަތިން ފައިބަނީ ވިތުރިކޮށްގެންނެވެ. އެއީވެސް މައްސަލައެއް ނޫނެވެ. 

ވިތުރިގެ ވަގުތު: 

ވިތުރި ކުރުމުގެ ވަޤުތަކީ ޢިޝާ ނަމާދުކޮށް ނިމުމުން ފެށިގެން ފަޖުރުލުމަށް ދާންދެނެވެ. ނިދުމަށްފަހު ނުހޭލެވިދާނެ މީހާއަށް އޮތީ ވިތުރިކޮށްގެން ނިދުމެވެ. ނިދުމަށްފަހު އަޅުކަންކުރަން ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮތް މީހާއަށް މޮޅު އިތުރުވެގެންވަނީ ރޭގަނޑުގެ ނިދީން ހޭލައި ދަމުނަމާދުކުރުމަށްފަހު ވިތުރީގެ ފަހުރަކްޢަތް ކުރުމެވެ. 

މާނައަކީ ނިދުމުގެ ކުރިން ވިތުރީގެ 2 ރަކްޢަތް ނުވަތަ އެމީހަކު ބޭނުންވަރަކަށް 2 ރަކްއަތުން ކުރާނީއެވެ. އެންމެ ފަހުން ކުރާ އެކަހެރި ރަކްއަތް ދަމުނަމާދަށްފަހު ކުރަން ބާއްވާނީއެވެ. 

ޙަޤީޤަތުގައި ވިތުރިކުރަން އެންމެ ރަނގަޅުވަގުތަކީ ރޭއަޅުކަމުގެ ވަޤުތެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ނިދާފައި ހޭލެވޭނެކަމުގެ ޔަޤީންކަން ނެތްނަމަ އޮތީ ވިތުރިކޮށްގެން ނިދުމެވެ. 

ވިތުރި އަކީ ވެސް ދަމުނަމެދެވެ. އެމީހަކު ކުރަން ބޭނުންވާ ޢަދަދަކަށް 2 ރަކްޢަތުން 2ރަކްޢަތުން 2 ރަކްޢަތުން ކުރަމުން ގެންދަންވީއެވެ. އަދި ފަތިސްވެދާނެ ކަމުގެ ބިރު އުފެދުމުން  1ރަކްޢަތްކޮށް ނިންމާށެވެ!  

ވިތުރި ގައި 3، 5، 7، 9، 11 ރަކްޢަތް ކުރެވިދާނެއެވެ. އަދި އެންމެ ރަކްޢަތަކުންވެސް ފުއްދައިލެވިދާނެއެވެ. 

މިހާރަކަށް އައިސް ގިނަ ބައަކު ކުރަނީ 3 ރަކްޢަތެވެ. އެއީ 2 ރަކްޢަތް ކުރުމަށްފަހު ސަލާމް ދީފައި ތެދުވެ 1 ރަކަޢަތްކޮށްފައި ނިންމުމެވެ. 3 ރަކްޢަތުކުރަނީ އެއަށްވުރެ ގިނަ ކުރެވެން ނެތިގެނެއް ނޫނެވެ. ކުރިން މިބުނިފަދައިން އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން