ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރުމުން ބައެއް މީހުންނަށް ވަރަށް ފަސޭހައިން އެކަން ޙާޞިލްކުރެވެއެވެ. ދާދި އަވަހަށް އެމީހުންނަކީ ތަނަވަސްބައެއް ކަމުގައި ވެގެންދެއެވެ.
އެކަން އެގޮތަށް މެދުވެރިވަނީ އޭނާގެ މޮޅުކަމަކުންނޫނެވެ. ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވަނީއެވެ. އޭނާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. ނަމަވެސް އެކަން ވިސްނެނީ ވަރަށް މަދު މީހަކަށެވެ. ތަނަވަސްކަން ލިބުމާއި ބޮޑާ، ކިބުރުވެރިއަކަށް ބަދަލުވެގެންދެއެވެ. އެކަންކަން އިޞްލާޙްނުކުރުމުން ބައެއް މީހުންނަށް ދެއްވަވާ ތަނަވަސްކަން އަނބުރައި ގެންދަވަތެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވަވައިފިނަމަ ޝުކުރުވެރިވުމުގެ ގޮތުން ކުރާ ފުރތަމަކަމަކަށްވެސް ހިތްތިރިކުރާށެވެ. ދަތިޙާލުގައި އުޅުނުއިރަށްވުރެވެސް ހިތްތިރިކުރާށެވެ!
މަތީ މަޤާމްތައް ދެއްވެވުމުން ވެސް ހަމަ މިފަދަ ގޮތްތައް މެދުވެރިވެއެވެ. ބައެއް މީހުން ބޮޑާ، ކިބުރުވެރިންނަށް ބަދަލުވެގެންދެއެވެ. އެޙާށލަތުގައި ބައެއް މީހުން ތިރިކުރައްވަވަތެވެ. އަނެއްބައަކު އިތުރަށް އިމްތިޙާނުކުރެއްވެވުމަށް ދުވަސްކޮޅަކަށް އިތުރު ފުރުޞަތުވެސް ދެއްވަވަތެވެ.
މީސްތަކުންނޭވެ! ﷲ ތައާލާ ތަނަވަސްކަން ދެއްވެވިނަމަވެސް އަދި މަތީ މަޤާމެއް ދެއްވެވި ނަމަވެސް ހިތްތިރިކުރާށެވެ. ނިކަމެތިންނަށް އަޅައިލާށެވެ. އެމީހުންނަށް އޯގާތެރިކޮށް ހިތާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ދަރަޖަ މާމަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކްގެ ދަރުސަކުން