ޢާއިޝަތު ރަފާޙް ޢަލީ
ރޯދަހިފުމަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން، ﷲ އަށްޓަކައި ރޯދަހިފުމަށް ނިޔަތް ގަނެ، ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ. ސުންނަތް ރޯދަ ހިފުމަކީ ވަރަށް މަތިވެރި ޢަމަލެކެވެ. ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
« مَنْ صَامَ يَوْمًا فِى سَبِيلِ اللَّهِ بَاعَدَ اللَّهُ بِذَلِكَ الْيَوْمِ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا »
މާނައަކީ: "މާތް ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ޚަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ”.
އެގޮތުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ސުންނަތް ރޯދައަށް ހުރެވޭނެ ބައެއް ދުވަސްތަކަށެވެ.
· ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޯދަ:
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
تُعْرَضُ الْأَعْمَالُ يَوْمَ الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ
މާނައަކީ: “ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ.”
· ކޮންމެ މަހަކު ތިން ދުވަހު ހިފާ ރޯދަ:
أَوْصَانِي خَلِيلِي بِثَلَاثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاةِ الضُّحَى وَنَوْمٍ عَلَى وِتْرٍ
މާނައަކީ: “އަހަރެންގެ މިތުރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވަންދެންވެސް އެ ކަންތައްތައް ދުލެއް ނުކުރާނަމެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުން އަދި ޟުޙާ ނަމާދު ކުރުން އަދި ވިތުރި ކޮށްގެން ނިދުމެވެ.”
· މުޙައްރަމް މަހުގެ ރޯދަ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وأفضل الصلاة بعد الفريضة صلاة الليل)) [ رواه مسلم (1163)]
މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވީ މުޙައްރަމު މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސްނަމާދަށްފަހު އެންމެ އިތުރުކަންބޮޑު ވެގެންވީ ނަމާދަކީ ދަމު ނަމާދެވެ.”
· ދާއޫދުގެފާނުގެ ރޯދަ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
أَحَبُّ الصِّيَامِ إِلَى اللهِ صِيَامُ دَاوُدَ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا
މާނައަކީ: ”ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ."
މީގެ އިތުރުން ޢަރަފާތު ދުވަހާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވާޖިބެއް ނޫން ނަމަވެސް އެދެދުވަހު ރޯދަ ހިފުމަކީ އެކަމުގެ ފައިދާތައް ވަރަށް ބޮޑު ކަމެކެވެ. ހަމައެއާއިއެކު ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަ ހިފުމަކީ މާތްކަން ބޮޑު ޢަމަލެކެވެ.