ލޮބެވި އެކުވެރިންނޭވެ! ނިކަމެތި ޙާލުގައި އުޅޭތީ މީހަކު ބުނެފާނެ އެއްޗަކަށް ލަދުވެތި ނުވާށެވެ! އެމީހާ ކޮންމެ އެއްޗެއް ބުނިނަމަވެސް ވާނީ ކޮންކަމެއް ހެއްޔެވެ؟ ލަދުގަންނަންވީ ނިކަމެތި ދިރިއުޅުމެއް އުޅޭތީ މީހަކު ބުނެފާނެ ބަހަކަށް ނޫނެވެ. ލަދުގަންނަންވީ ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސިގެން އެހެން މީހުންގެ ކިބައިން ކަންކަމުގައި އެދޭށެވެ! ދަރަނިވެރިވާށެވެ!
ވިސްނާށެވެ! އެންމެންނަކީ ހުރިހާ ކަމެއްގައި އެއްފެންވަރެއްގެ ބައެއް ނޫނެވެ. އެކަން އަހުރެމެން ޤަބޫލުކުރަމުއެވެ. އެހެނަސް އެކަން ބަލައިގަތުން ވެފައި މިއޮންނަނީ ވަރަށް ބުރަކަމަކަށެވެ. ބަދަލުކޮށް އިޞްލާޙްކުރަންވީ އެކަމެވެ.
އެއްވެސް މީހަކު ބުނެފާނެ އެއްޗަކަށް ނުބަލާށެވެ! ތިމާއާއި ކުރިމަތިވާ ޙާލަތާއި އެއްގޮތަށް ދިރިއުޅުމުގެ އެންމެހައިކަންކަން ބަދަލުކުރާށެވެ! ތަނަވަސްކަން ލިބިފައިވީއިރު ދަރިފުޅު ކިޔަވަން ފޮނުވީ އަގުބޮޑު، މަޝްހޫރު ސްކޫލަކަށް ކަމުގައި ވެދާނެއެވެ. އެވަރަށް އާމްދަނީ ނުލިބޭނަމަ ފީދައްކަން ސަލާންޖަހަންވީއެއް ނޫނެވެ. ލިބޭ އާމްދަނީން ފީދެއްކޭވަރުގެ ސްކޫލަކަށް ބަދަލުކުރަންވީއެވެ. ނުވަތަ ސަރުކާރުން ހިލޭ ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރަންވީއެވެ.
ކުރިން އުޅުނީ ކާރުގައި ކަމަށްވެދާނެއެވެ. ކާރެއް ގެންގުޅެވެން ނެތްނަމަ ސައިކަލަކަށް ބަދަލުކޮށްލާށެވެ! ސައިކަލެއް ދުއްވެން ނެތް ނަމަ ބަހުގައި ދަތުރުކުރާށެވެ!
ތަނަވަސްކަމުގައި ދިރިއުޅުނުއިރު ކައި އުޅުނީ އަގު ބޮޑު މީރުތަކެތި ކަމުގައި ވެދާނެއެވެ. ނަމަވެސް އެވަރަށް އާމްދަނީ ނުލިބޭނަމަ އެ ޚަރަދެއް ނުކުރެވޭނެއެވެ. ލިބޭ އާމްދަނީ އާއި އެއްވަރަށް ގޭތެރޭގެ ޚަރަދުތައްވެސް ކުޑަކުރާށެވެ!
ނަމަވެސް ގިނަ މީހުންނަށް މިބަދަލުތަކެއް ނުގެނެވެއެވެ. އާމްދަނީ ލިބުން މަދުވުމުންވެސް ދިރިއުޅެން ބޭނުންވަނީ ގިނައިން އާމްދަނީ ލިބުނުއިރު ދިރިއުޅުނު ފެންވަރުގައެވެ. އެހެންވެއްޖެނަމަ އެއިގެ މާނައަކީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ޝުކުރުވެރި ނުވެވެނީއެވެ. ﷲ ތަޢާލާ ތިމާ ތިރިކުރެއްވެވި މިންވަރަށް ޝުކުރުވެރި ނުވެވިގެން ﷲ ތަޢާލާ މިންވަރު ކުރެއްވެވި ވަރަށްވުރެ މަތީގައި ދިރިއުޅެން ބޭނުންވަނީއެވެ. އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން