ހަމަ އެއް މެސެޖެކެވެ. ދުނިޔެ ނިމެންދަނީއެވެ. ޤިޔާމަތްވުން ގާތްވަނީއެވެ. މިއީ އަބަދުހެން ދެވޭ މެސެޖެކެވެ. ހަނދާންކޮށް ނުދިނަސް އެންމެންނަށްވެސް އެނގޭ ކަމެކެވެ. ފަހުޒަމާނުގެ ޢަލާމާތްތައް މިދަނީ ފައުޅުވަމުންނެވެ. ހަނދުމަކޮށް މިދެނީ ހޭލުންތެރި ޢަމަލުތައް އިޞްލާޙްކުރާނެކަމުގެ އުންމީދުގައެވެ.
މިހާރުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުން ދައްކައި އުޅޭ އެންމެ ގިނަ ވާހައަކީ އެހެން މީހުންގެ ނުބައިކަމުގެ ވާހަކައެވެ. މީސްތަކުންނަށް ނުބައި ބަސްތައް ބުނުމެވެ. މީހެއްގެ ރަނގަޅުކަމުގެ ވާހަކަ ދައްކާނީ މަދު މީހެކެވެ. މީހެއްގެ ރަނގަޅު ކަމުގެ ވާހަކައެއް ދެއްކެން އޮތަސް ބަލާނީ ނުބައިކަމުގެ ވާހަކައެއް ދެއްކޭތޯއެވެ.
ކިތަންމެ ރަނގަޅު މީހަކަށް ނަމަވެސް ނުބައިކޮށް އެންމެ ކަމެއް ކުރެވުނަސް އަދި ނުބައި އެންމެ ބަހެއް ބުނެވުނު ނަމަވެސް އެކަން ފާހަގަކޮށް ގިނަބައަކު އޭނާއަށް ނުބައިބަސްތައް ބުނެއެވެ. އޭނާ ކުރި ރަނގަޅު ކަންކަމާއި ބުނި ހެޔޮބަސްތަކުގެ މަތިން ހަނދާނެއް ނުކުރެއެވެ.
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ މިކަމުން އަންގައިދެނީ ފަހުޒަމާން ގާތްވެއްޖެ ކަމެވެ. ސަބަބަކީ މިކަމަކީ ފަހު ޒަމާނުގެ ތެރެއިން ޢަލާމާތެއްކަން ޙަދީޘްފުޅުން އެނގެން އޮތުމެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. ސަބަބަކީ އެންމެ ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭ އެއް ސަބަބަކީ އެމީހާގެ ދުލެވެ. ދުލުން ބުނެވޭ ނުބައި ބަސްތަކެވެ. މީސްތަކުންނާއިމެދު ދެއްކޭ ވާހަކަތަކެވެ. އެވާހަކަތަކަށް ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭ ކަމެވެ.
މީހެއްގެ ސަބަބުން މުޅި މުޖުތަމައުއަށް ގެއްލުން ލިބޭ ކަންކަމުގައާއި ﷲ ތަޢާލާގެ ދީނަށް އުނިކަން އަންނަ ފަދަ ކަންކަމުގައި މެނުވީ މީހުންގެ ވާހަކަ ނުދައްކާށެވެ. އެފަދަ ކަންކަމާއި ގުޅިގެން ވާހަކަ ދައްކާއިރުވެސް ޙަޤީޤަތާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކާށެވެ!
ތިމާގެ އަބުރަށް އަރައިގަނެ ގެއްލުން ދިން ނަމަވެސް ޙައްޤު ނޫން ބަހެއް ނުބުނާށެވެ. ކެތްތެރިވެ ޤިޔާމަތް ދުވަހު ތިމާއަށް ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން