އަޅުކަމާއި ދުރުގައި ގިނަ ދުވަސްތަކަކު ހުރެވުނު ފަހުން އެކަންވިސްނިއްޖެނަމަ އޮތީ ލަދުގަތުމެއް ނޫން! ބާރަށް ކުރިއަށް ދިއުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަޅުކަމާއި ދުރުގައި ގިނަ ދުވަސްތަކަކު ހުރެވުނު ފަހުން އެކަންވިސްނިއްޖެނަމަ އޮތީ ލަދުގަތުމެއް ނޫން! ބާރަށް ކުރިއަށް ދިއުން!

ދީނުގެ ކަންކަމަށް ދުރުހެލިވެގެން ހުއްޓައި ޢަމަލުތައް އިޞްލާޙްކޮށް ހެޔޮ ޢަމަލުތައް ކުރަންފެށުމުގެ ވިސްނުން ތިބާއަށް ދެއްވަވައިފިނަމަ އެކަމަށްޓަކައި ﷲ ތަޢަލާއަށް ޝުކުރުވެރިވާށެވެ! އެއީ ލެއްވެވި އެންމެ ބޮޑު ރަޙްމަތް ކަމުގައި ދެކޭށެވެ! ތިބާއަށް މަގު އޮޅި ނަރަކައާއި ދިމާއަށް ދެވެމުން ދަނިކޮށް އެހާލަތުން ސަލާމަތްވުމުގެ ވިސްނުން ދެއްވެވުމަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟  

ހަމައެއާއިއެކު ދީނީ ޢިލްމުވެރިންނާއި، ތަޤްވާވެރިންނާއިއެކު ވަގުތު ހޭދަކުރުން ގިނަކުރާށެވެ! ދަރުސްތައް އަޑުއެހުން ގިނަކުރާށެވެ! މިސްކިތުގައި، ނުވަތަ މުސައްލަ މަތީގައި އަޅުކަމުގައި ވަގުތު ހޭދަކުރުން ގިނަކުރާށެވެ! އެކަންކަމުގެ ސަބަބުން ތިބާގެ ސާބިތުކަން އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ 

މިހެން ބުނަން ޖެހެނީ އުމުރުގެ ގިނަ ދުވަސްތަކެއްގައި ފާފަކުރެވޭފަހުން، މިސްކިތްތަކާއި ދުރުގައި، ނުވަތަ ގޭގައިވެސް ނަމާދުކުރުމާއި ދުރުގައި އަހަރުތަކެއް ފާއިތުވާފަހުން އެކަން އިޙްޞާޞްކުރެވި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން ބޭނުންވުމުން ބައެއް މީހުން އެކަމަށް ލަދުވެތިވާތީއެވެ. އެހެން މީހުން ދައްކާނެ ވާހަކަތަކަށް ލަދުގަންނާތީއެވެ.  

އާދޭސްކޮށްފައި ބުނަމެވެ! އެއްވެސް މީހަކު ކިޔައިފާނެ އެއްވެސް އެއްޗަކަށް ނުވިސްނާށެވެ! ހިނައި ޠޯހިރުވެ ވުޟޫކޮށްގެން އަވަހަށް ނަމާދުކުރަންފަށާށެވެ! އަދި ފިރިހެނަކުނަމަ މިސްކިތުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާށެވެ! ކުރީ ސަފުގެ ޖާގަ ޚާއްޞަވެގެންވަނީ ވަކި މީހަކަށް ނޫނެވެ. ކުރިންސުރެ މިސްކިތަށް އަރައި އުޅޭ މީހުންނަކަށްވެސް ނޫނެވެ. އެނަމާދަކަށް އެންމެކުރިން ދިއަ މީހަކަށެވެ. އަންހެނަކު ނަމަ ވަގުތު ޖެހުމުން ފުރަތަމަ ކަމަކަށް ނަމާދުކުރުން ހަދާށެވެ!  

ފަށަމުން ބުނި ފަދައިން ހެޔޮ ވިސްނުން ﷲ ތަޢާލާ ދެއްވެވުމުން އެމީހަކަށް އޮތީ މީސްތަކުންނަށް ލަދުވެތިވުމެއް ނޫނެވެ. ޝުކުރުވެރިވެ ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.  

މީހަކު އަޅުކަންކުރަން ފެށުމުން އެމީހަކަށް ފުރައްސާރަކުރާނަމަ އެކަން އެކުރަނީ ޝައިޠޯނާގެ އެޖެންޓުންނެވެ. އެއީ މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން