އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވުމެވެ. ތިމަންނާ އެދޭ މިވެނިކަމެއް ނުވެދާނެ ކަމާއިމެދު ކަންބޮޑުވުމެވެ. ތައުބާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމާއިމެދު ކަންބޮޑުވުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެހެން ދީނަކަށް އަޅުކަން ކުރަމުން އައި މީހަކު އިސްލާމްވެއްޖެ ނަމަ އެމީހަކު ކުރިން ކޮށްފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވަތެވެ. ވީއިރު އަހަރެމެން މުސްލިމުން ތައުބާވުމުން މާގިނަ އަދި މާ ބޮޑެތި އިނާޔަތްތައް ދެއްވަވާނެ ކަމަށް ޝއްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ވަކި ރެއަކު ނޫނެވެ. ކޮންމެ ރެއެއްގެ ފަހުބައިގައި ތިން ވަނަ އުޑަށް ކުއްތަންވެވޮޑިގެން މީސްތަކުންގެ ތެރެއިން ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހަކީ ކޮބައިތޯ ﷲ ތަޢާލާ އެބަ ސުވާލުކުރައްވަވަތެވެ! އެއްވެސް މީހަކު ތައުބާ ނުވިނަމަވެސް ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ ޛައްރެއްގެ މިންވަރުގެ އުނިކަމެއް ނެތް އިރުގައިވެސް މެއެވެ. ނަރަކައިގަ ޖާގަ ނުފުރޭނެ އިރުވެސް މެއެވެ.
ﷲ ތައާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސް ވާނީ ކީރިތި ޤްރްއާނަށް އީމާން ނުވެވޭ މީހުންނެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަލާނގެ ރަހްމަތްފުޅާއިމެދު މާޔޫސް ނުވުމަށް ވަޙީ ކުރައްވަވައި އަންގަވައިފައެވެ. ވީމާ އަހަރެމެން އަބަދުވެސް ތިބެން ޖެހޭނީ އެކަމުގެ ޔަޤީންކަމުގައެވެ.
ﷲ ތަޢާލާއަށް އިތުބާރުކުރާ މީހާއަށް އޮތީ ސުވަރުގެ ނުވަދެވިދާނެތީ މާޔޫސްވުމެއް ނޫނެވެ. ނުވަދެވިދާނެތީ ކަންބޮޑުވުމެވެ. ކަންބޮޑުވާނަމަ ކުރަން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އެއްވެސް ހާލެއްގައި މާޔޫސްވެ ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކާއި ދުރަށް ދިއުމެއް ނެތެވެ. އޮތީ ކައިރިވެ ޢަމަލުކުރަން މަސައްކަތްކުރުމެވެ.
ދުވާލަކު 100 ފަހަރު އަސްތަޣްފާރުކޮށްގެން ފުދޭކަށް ނެތެވެ! ޤަޞްދަކާއި ނުލައިވެސް ފާފަތައް ކުރެވޭވަރު ދުވަހުން ދުވަހަށް އިތުރުވާތީއެވެ. މިކިޔައިދިނީ ގިނަކުރިވަރަކަށް ލިބެން އޮތް ފައިދާ މާބޮޑުކަން ޤަބޫލުކުރަންވީ ސަބަބުތަކެވެ.
- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން