ފާފަކުރުން ހުއްޓައިލުމަކީ ކުރަން އެހާ އުނދަގޫކަމަކަށްވާ ސަބަބާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެސުވާލަށް ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ގިނަބައަކަށް ހިފިފައި ހުންނަ ނުރަނގަޅު އާދަތައް ދޫކޮށް ނުލެވެނީވެސް އަދި ފާފަކުރުން ހުއްޓައިނުލެވެނީވެސް އެމީހަކު އަމިއްލައަށް އަނދަވަޅެއް ކޮނެ އެވަޅުން ނުއެރޭނެހައި ފުނުގައި އޮންނާތީއެވެ. އެޙާތަށް ވެއްޓިގަންނައިރު މިކުރެވެނީ ކޮންފަދަ ތިމާއަށް ގެންލުން ބޮޑު ކަމެއް ކަމާއިމެދު ވިސްނައިވެސް ނުލެވޭތީއެވެ.
ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެތަނަވަސްކަމުން ޚަރަދުކޮށްގެން ފާހިޝް ޢަމަލުތައް ކުރަން ފަށައިފާނެއެވެ. ފާފަކުރަމުންދާއިރު ހިތަށް އަރާނީ އަހަރެން އެކަމަށް މިޚަރަދުކުރަނީ ލިބޭ ފައިދާގެ ވަރަށް މަދު މިންވަރެއް ކަމަށެވެ. އެކަމުން ވިޔަފާރިއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. މިވިސްނުމުގައި ހުއްޓައި އެކަމަށް ދެވިހިފައިފާނެއެވެ.
ފާހިޝް ޢަމަލުކުރުން ފަދަ ނުބައި ކަންކަން ކުރާއިރު ހިސާބު ޖަހަންޖެހޭނީ އެކަމަށް ކުރާ ޚަރަދެއް ނޫނެވެ! އެކަމަށް ﷲ ތަޢާލާ ލައްވަވައިފާނެ ކޯފާއަކުން ލިބިދާނެ ބޮޑު ގެއްލުމަކަށެވެ. އެއީ އެއްވެސް މީހަކަށް ޖެހޭނެ ހިސާބެއް ނޫނެވެ. އެކަމަށް ނުވިސްނައި ހުއްޓައި ﷲ ތަޢާލާގެ ކޯފާ އައިސް އަރައިހަމަކޮށްފާނެއެވެ. ވިޔަފާރީގައި ބޮޑެތި ގެއްލުންތައް ލިބެން ފަށައިފާނެއެވެ. އެހާލަތަށް ދިއުމުން ކުރަމުން އައި ފާފަތައް ހަނދާންވެ ހުއްޓާލަން ބަލާއިރު މީހާ ހުންނަނީ ބަނދެވި ތާށިވެފައެވެ. ހަފުސްވެފައެވެ. ޝައިޠޯނާ ވަނީ ހިތަށް ވެރިވެގެންފައެވެ. އެމީހެއްގެ ފަހަތުން ބެންކުތަކާއި ދަރަނިތައް ދުވާނެއެވެ.
އަހަރެންގެ ލޯމަތީގައި ހިނގައިދިއަ ކަމެއް ބުނެފާނަމެވެ. އޭނާއަކީ ބަނގުރާ ބުއިމަށް ދެވިހިފާފައި ހުރި މީހެކެވެ. ތަނަވަސް މީހެކެވެ. ބަނގުރާ ބޮމުންގޮސް އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބެން ފަށާފައިވާ މީހެކެވެ.
އެއްދުވަހަކު ޑޮކްޓަރަށް ދެއްކުމުން ބުނީ ދެން އިތުރަށް އެންމެ ތިއްކެއްވެސް ނުބުއިމަށެވެ. ފުރާނައަށް ގެއްލުންވެދާނެ ކަމަށެވެ. ޑޮކްޓަރު ކައިރިން ނުކުމެގެން ފުރަތަމަވެސް ދިއައީ ކްލަބަކަށެވެ. އެންމެ ފަހު ފަހަރަށް އަރާމުގައި އިނދެ އެތިފޮދެއް ބޮއެލުމުގެ ނިޔަތުގައެވެ.
އެތަނުގައި އިންދާ ސްޓރޯކެއް ނެހުނީއެވެ. ހޮސްޕިޓަލަށް ގެންދިއަތާ މާގިނައިރުތަކެއް ނުވެ ދުނިޔެ ދޫކޮށްފިއެވެ.
މިއީ ކުރިން މިބުނު ގޮތަށް ފާފަކުރަންފެށި އަމިއްލައަށް ހޮރުކޮނެވި އެހޮރުގެ ތެރެއިން ނުނުކުމެވި، ސަލާމަތް ނުވެވޭކަމުގެ ވަރަށް ފުރިހަމަ މިސާލެކެވެ. ވީމާ ދުނިޔެއިން އަބަދުހެން ފެންނަމުން މިދާ މިދާ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ފާފައިގެ ކަނޑުގައި ފީނާ މީހަކަށް ނުވާށެވެ! ފާފަތަކާއި ދުރުހެލިވާން މަސައްކަތްކުރާ މީހަކަށްވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން