ގިނަ ބައެއްގެ ރުހުން ލިބިގެން ސުވަރުގެ ވަދެވޭނެނަމަ އެތައް މިލިއަން މީހުން ތާއީދުކުރާ ފަންނާނުން ތިބޭނީ ސުވަރުގޭގައި ނޫންހެއްޔެވެ؟ ސުވަރުގެ ވައްދަވާނެ މީހުން އަހުރެންނަކަށް ނުއެނގެއެވެ. އެކަމަކު ސުވަރުގެ ވައްދަވާނެ ޝަރުޠުތަކަށް ބަލައިފިނަމަ ދުނިޔެއަށް އެންމެ މަޝްހޫރު ތަރިންގެ ތެރެއިން އެކަކުވެސް ހިމެނޭނެ ކަމަށް ބުނަން ވަރަށް އުނދަގުލެވެ. އެފަދަ މީހަކު ނުފެންނާތީއެވެ.
އެކަމުން މިއެނގެނެނީ ކޮންކަމެއް ހެއްޔެވެ؟ ދުނިޔޭގެ ކިތަންމެ ގިނަބައެއްގެ ރުހުން ލިބުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ މީހަކަށް ކުރާނެ ޙަޤީޤީ ފައިދާއެއް ނެތްކަމާއި ލިބެން އޮތީ ވޭންދެނިވި ޢަޛާބްކަން ނޫން ހެއްޔެވެ؟
ދެން މިއެނބުރިލަނީ މިރޭގެ އަޞްލު މައުޟޫއަށެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޙިޖާބް އަޅައި ނިވާ ނުވާ އަންހެނުންނާއި އަދި ޙިޖާބް އަޅައިގެން ތިބެފައިވެސް ނަގަން ވިސްނަމުންދާ އަންހެނުންވެސް ތިބޭނެއެވެ. އެއެންމެންނަށްޓަކައި އަހުރެންގެ ވިސްނުން ހާމަކޮށްލާނަމަވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން އުޅެން އޮތީ ނަފްސް އެދޭ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޢަމަލުކުރަންވީ ނަފްސް ބޭނުންވާހައި ގޮތަކަށް ނޫނެވެ. އަދި ގިނަބައަކު ރުހޭނެ ގޮތަކަށްވެސް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
ދެން ވިސްނާލަންވީ ކޮންމެ ވަޤުތެއްގައިވެސް މަރުވެ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހިދާނެކަން ޔަޤީންކުރެވޭއިރު ތިމާ ﷲ ތަޢާލާގެ ޙަޟްރަތަށް ދާނީ ﷲ ތަޢާލާއަށް ކިޔަމަންތެރި، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯއެވެ.
މިކަންކަމަކީ އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަންކަމެއް ނޫނެވެ. މުސްލިމް އަންހެނުން ފޭރާންލައި ނިވާކުރަންޖެހޭ މިންވަރު ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވަވައިފައެވެ. ވީމާ ނިވާކުރަންޖެހޭ މިންގަނޑާއި ނިވާކުރަންޖެހޭ ޙާލަތު ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ.
އެކުވެރި އުޚުތުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރާނަމަ އުފުލަންޖެހޭ ތަކްލީފްތަކެއް ހުންނާނެއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ޢަމަލުކުރުމުން ޘަވާބު ދެއްވަވަނީ އެތަކްލީފްތައް އުފުލާތީއެވެ. ތިބާ ތަކްލީފް އުފުލަން ބޭނުން ނުވާނަމަ ތިބާއަށް ޘަވާބު ޙައްޤުވާންވީ ކީއްވެގެން ހެއްޔެވެ؟
ބަލަންވީ ޙިޖާބް އެޅުމުން ކުރިމަތިވާ ތަކްލީފްތަކަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުންލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ. ވީމާ ޙިޖާބް ނާޅައި ތިބި އަންހެނުންވެސް އަދި ޙިޖާބް ނަގަން ވިސްނާ އަންހެނުންވެސް މިކަންކަމަށް ވިސްނައިލުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން