އެއްވެސް ޙާލެއްގައި މިބުނަނީ ﷲ ތަޢާލާގެ ނިންމެވުންތައް އަހުރެންނަށް އެނގޭ ކަމަކަށް ނޫނެވެ. އަހުރެން ބުނަނީ ކަންކަމާއިމެދު ވިސްނުމުން އަހުރެންނަށް ވިސްނޭ ގޮތެވެ. އެގޮތުން ބަހެއް ބުނަން މިއުޅެނީ ތިމާއަށް ކުރިމަތިވާންހުރި ކަންކަން ނުއަންގަވައި ސިއްރުކުރައްވަވާފައިވާ ޙިކުމަތާއިމެދު އަހުރެންނަށް ވިސްނޭ ގޮތެވެ.
އަހުރެމެންގެ ޙަޔާތާއި ގުޅިފައިވާ ވަރަށް މުހިންމު ވާހަކައެއް ބުނެލާނަމެވެ. މާދަމާ ކަންކަން މެދުވެރިވާނެ ގޮތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެއީވެސް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. ގިނަ ބައަކު އަބަދުވެސް އެންމެ ބޮޑަށް ވިސްނާނެ އެއްކަމަކީ މާދަމާ މިވެނިކަމެއް ވެދާނެގޮތަކާއިމެދުގައެވެ.
އެކަން އެގޮތަށް ލައްވަވާފައި އެވަނީ އަހަރެމެންނަކީ އަބަދުވެސް ކަންބޮޑުވުމެއްގައި ތިބެންޖެހޭނެ ބައަކަށްވާތީއެވެ. ކަންބޮޑުވުމެއްގައި ތިބެން ނުޖެހޭނެ ނަމަ ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކުރެވޭ މިންވަރު ކުޑަވެގެންދާނެތީއެވެ. ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ވިހާ ގިނައިން އެކަލާނގެމަތިން ހަނދުމަކުރާ ބައަކު ކަމުގައިވުމަށެވެ. އެއީ ހަމަ އަހުރެމެންނަށްޓަކައެވެ. އަހުރެމެންނަށް ރަޙްމަތް ލެއްވެވުމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާ ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ކުރަން ފަށާ ދުވަހަކީ ނުވަތަ ކުރާ އަޅުކަން އިތުރުކުރާނީ ހާސްވުމާއި ކަންބޮޑުވުންތަކުން ސަލާމަތްވެވި ހަމަޖެހުން ލިބުމުން ކަމަށް ވިސްނޭ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ އެދުވަހުގެ އިންތާޒުރަގައެވެ. އަޅުކަން ކުރަން ނުފެށިފައެވެ.
އެއިގެ ބަދަލުގައި ތިމާއަށް ކުރިމަތިވެފައިވާ ހާސްކަމާއި ކަންބޮޑުވުންތައް ފިލުވައިލެވޭނީ ﷲ ތަޢާލާ އާއި ކުއްތަން ވެވުނު ވަރަކުން ކަމަށް ޤަބޫލުކޮށްފިނަމަ މިބުނި މައްސަލަ ޙައްލުކުރެވުނީއެވެ. އަބަދުވެސް ހުރެވޭނީ އަޅުކަންކުރުންމަތީގައެވެ. ކުރިއަށް ދެވޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުންނެވެ. އިން ޝާ ﷲ
އަހުރެން ވަރަށް ގިނައިން މިކަންކަން ހަނދާންކޮށްދެމެވެ. ހަނދާންކޮށްދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ އަޅުކަންކުރަން ފަށަން ހިތުން ނިޔަތް ގަނެގެން އުޅެއުޅެ ހުރިނަމަވެސް އަޅުކަން ކުރަން ނުފެށެނީސް ދުނިޔެ ދޫކުރަންޖެހޭ މީހުން ގިނަވަމުން ދިއުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތަށް ހުސްއަތާ ދާންޖެހޭނެތީއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަކަމުގައި ވެގެންދާނެތީއެވެ. އެ ބޮޑު ދެރަލިބުމުން ސަލާމަތްވާން ވިސްނައިދެވޭތޯއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން