އަހުރެން ދައްކަން މިއުޅެނީ ހިތްދަތިކަން ކުރިމަތިވުމުން އެކަމުން އަރައިގަންނަން މަސައްކަތްކުރަން އޮތް ގޮތުގެ ވާހަކައެވެ. ހިތްދަތި ޙާލަތެއް ކުރިމަތިވުމުން އޮތީ އަމިއްލައަށް ބަލިކަށިވެ ނިކަމެތިވެގަތުމެއް ނޫނެވެ. އެޙާލަތު މެދުވެރިވުމުގައި ތިމާގެ އިހްމާލެއް ނުވަތަ ކުށެއް އޮތްތޯ ބަލައި އެކަން އިޞްލާޙްކުރުމެވެ. އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން އިޞްލާޙްކުރީމާ އުފާވެރިކަން ލިބެން ފަށާނެއެވެ. އިން ޝާ ﷲ
ދުޢާކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ވީމާ ހުރިހާ ޙާލަތެއްގައިވެސް ދުޢާކުރަމުން ގެންދަންވާނެއެވެ. ދެން މިދައްކާ ވާހަކަވެސް އަޑުއަހާށެވެ!
ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިތަކަށް ބެލިނަމަވެސް ކޮންމެ ދުވަހަކު، ކޮންމެ މަހަކު ނުވަތަ ކޮންމެ އަހަރަކު ފައިދާ ނުވެވެސް ހިނގައިދާނެއެވެ. ގެއްލުންވާ އަހަރުތަކެއްވެސް ހުންނާނެއެވެ.
އެމީހުންގެ ކާމިޔާބީގެ އަޞްލަކަށްވެފައި އޮންނަނީ އެމީހުންނަށް ގެއްލުންވާ އަހަރުތަކެވެ. މިސާލަކަށް 2020 ގައި ގެއްލުންވީއެވެ. އެހެންވެ އެކަމުން އަރައިގަންނަން 2021 ވަނަ އަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރާނެއެވެ. އެކަމުގެ ނަތީޖާ 2021 އަހަރު ފެންނަން ފަށާނެއެވެ. 2022 ވަނަ އަހަރު ފައިދާލިބޭނެއެވެ. މިބުނީ ޢާންމު ގޮތެއްގައި މިކަން ހިނގަމުން އަންނަ ގޮތުގެ ވާހަކައެވެ.
އެއީ ކީއްވެގެންހެއްޔެވެ؟ 2020 ގައި ގެއްލުންވި ސަބަބުތައް ދިރާސާކޮށް އެކަންކަން އިޞްލާޙްކުރީތީއެވެ. އިޞްލާޙްކުރަން އަޅަންޖެހުނު ފިޔަވަޅުތައް އެޅީތީއެވެ.
ބުނެލަން ބޭނުންވަނީ އަހުރެމެން ކޮންމެ މީހެއްގެ ދިރިއުޅުމަކީވެސް ހަމަ މިފަދަ ކަމެއް ކަމަށެވެ. ކޮންމެ ދުވަހަކީ ކާމިޔާބު ދުވަހަކަށް ނުވާނެއެވެ. ކާމިޔާބު ނޫން ދުވަސްތަކެއްވެސް ފާއިތުވެގެން ހިނގައިދާނެއެވެ. ކާމިޔާބު ނޫން ދުވަސްތައް ކާމިޔާބު ދުވަސްތަކަކަށް ބަދަލުކުރެވޭނީ ކާމިޔާބު ނުކުރެވުނު ސަބަބުތައް ނައްތާލައިގެންނެވެ. ރަނގަޅު ނޫން ގޮތުގައި ކުރެވުނު ކަންކަން އިޞްލާޙްކޮށްގެންނެވެ.
ލޮބުވެތިއަޚުންނޭވެ! އުޚުތުންނޭވެ! ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ކާމިޔާބު ދުވަހަކަށް ނުވުމަކީ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. މާޔޫސްވާންޖެހޭނީ ކަންކަން އިޞްލާޙްކުރަން މަސައްކަތްނުކުރެވޭނަމަ އެކަމަށެވެ. އިޞްލާޙްކުރަން ހެޔޮ ގޮތުގައި މަސައްކަތްކުރެވޭނަމަ ހެޔޮ ގޮތްތައް އަބަދުވެސް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން