މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ މާފުހޯދަންޖެހޭ މީހުންގެ ކިބައިން މާފަށް ނުއެދިހުއްޓައި މަރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ މާފުހޯދަންޖެހޭ މީހުންގެ ކިބައިން މާފަށް ނުއެދިހުއްޓައި މަރުވުން!

އަހުރެންނަށް އެނގޭ އެނގުންތަކަށްބަލާއިރު އެމީހާގެ ކިބައިން މާފަށް އެދުނުނަމަ މާފުކުރާނެ އެތައް ބައެއްގެ ކިބައިން މާފުހޯދަން ފަސްޖެހިގެން ހުއްޓައި އެތައް ބައަކަށް ދުނިޔެ ދޫކުރަން އެބަޖެހެއެވެ. އަދި އެމީހާވެސް އެބަ މަރުވެއެވެ. 

މިއީ ލިބޭ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟ ޤިޔާމަތް ދުވަހަކީ ހަމައެކަކުވެސް އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ. މައިން ދަރިންނަށްވެސް އަދި ދަރިންނަށްވެސް މާފެއް ނުކުރާނެއިރު މާފުކުރާނީ ކާކު ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. ޖެހޭނީ ތިމާކުރި ހެޔޮކަމުން ބަދަލުދޭށެވެ. މިއަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! ނިދީން ހޭލެވުމުން އަހުރެމެންނަށް ވިސްނޭނީ އެދުވަސް ފާއިތުވެގެން ހިނގައިދާނެ ކަމަށެވެ. އެފަދަ ކިތަންމެ ދުވަސްތަކެއް މާޒީވެގެންގޮސްފައިވުމުން އެދުވަސް ވަކިކަމަކަށް ޚާއްޞަވެގެން ހިނގައިދާނެކަމެއް ނުވިސްނޭނެއެވެ. 

ދުނިޔެއަށް އައުދެވުނީންސުރެ ޢުމުރުގެ ގަޑި އެދަނީ ހުއްޓުމެއް ނެތި ހިނގަމުންނެވެ. ގަޑި ހުއްޓި ފަހުނޭވާ ދުނިޔެއަށް ދޫކުރަންޖެހޭނީ ކޮންވަޤުތަކު ކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މިއަދަކީ ތިބާގެ އެންމެ ފަހު ދުވަސް ކަމުގައިވެސް ވެދާނެއެވެ. ނުވާނެކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

ވީމާ ކޮންމެ ދުވަހަކުވެސް ދުވަސް ފަށަންވީ ކުރެވިފައިވާ ފާފަތަކަށް ތައުބާވަމުންނެވެ. ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދުން ފަސްނުކުރާށެވެ. 

ދިރިއުޅެން މަސައްކަތްވެސް ކުރަންވާނެއެވެ. އެހެންކަމާއިއެކުގައިވެސް އެންމެ މުހިންމު ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވެގެން އަބަދުވެސް ހުރުމެވެ. އެހެން މީހުންގެ ކިބައިން މާފު ހޯދައި ރުހުން ލިބިގެން ހުރުމެވެ. 

މަރަށް ތައްޔާރުވެހުރުން ކިޔަނީ މިކަންކަން ކޮށްގެން ހުރުމަށެވެ. އެންމެ ބޮޑު ބުއްދިވެރިއަކީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ވިސްނައި މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ. މަރަށް ތައްޔާރުވުމަކީ މާފަހުން ކުރަން އޮތް ކަމެއް ކަމަށް ނުދެކި އެކަމަށް ޢަމަލުކުރަމުން ގެންދާ މީހާއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން