"އަހުރެން ޟުޙާ ނަމާދުކުރަން ފަށަން ޤަޞްދުކޮށްގެން ހުންނަތާ ހަފްތާއެއްވީއިރުވެސް ފަށައިގަނެވޭނެ ގޮތެއް ނުވިއެވެ. ކުރަން އުޅޭއިރަށް ކޮންމެވެސް ކަމެއް ކުރިމަތިވެ ހުރަސްއެޅެނީއެވެ. ދެން އަހުރެން ކުރަންފެށި ކަމަކީ މެންދުރު ނަމާދަށްފަހު ރަވާތިބު ސުންނަތުގެ އިތުރުން 2 ރަކްޢަތުން 4 ރަކްއަތް ކުރަންފެށީއެވެ. އެވަޤުތު ކުރަން އުނދަގޫވެއްޖެނަމަ ކުރިއާލައި ޢަބްރުނަމާދަށް ގޮސް މަސްޖިދު ސުންނަތުގެ އިތުރުން 4 ރަކްޢަތް ކުރަނީއެވެ.
އެގޮތަށް 2،3 ދުވަހު ކުރާއިރަށް ޟުޙާ ނަމާދުގެ ވަޤުތުގައި ޟުޙާނަމާދުކުރަން ފެށިއްޖެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އެކަން ފަހިވެގެން އެދިއައީ ޝައިޠޯނާއަށް އަމާން ނުދީ ހިތްވަރުކޮށްލީމައެވެ."
މިހުރީ މީސްތަކުންނަށް ކުރެވިފައި ހުންނަ ތަޖުރިބާތަކެވެ. އަހުރެމެންނަށް އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. ޢަމަލުކުރަން މަސައްކަތްކުރުމެވެ.
އަޅުކަން ކުރަން ފަށައިގަންނަން ބޭނުންވި ނަމަވެސް ޢަމަލީ ގޮތުން ކުރަން ފަށައި ނުގެނެވޭ ބައަކު ތިބެއެވެ. އެކިއެކި ހުރަސްތައް ކުރިމަތިވާތީއެވެ. ބައެއް މީހުން އިންތިޒާރުކުރާނީ ކޮންމެވެސް ރަނގަޅު ދުވަހަކަށެވެ. ޙަޤީޤަތުގައި މިވާ ގޮތަކީ އެމީހާގެ ހިތުގެ މައްޗަށް ޝައިޠޯނުންގެ ބާރުގަދަވެފައިވުމެވެ.
އަހުރެންގެ ނަޞޭޙަތަކީ ކިތަންމެ ބޮޑަށް ހިތްވަރުކޮށްލައިގެން ނަމަވެސް އަޅުކަންކުރަން ފެށުމެވެ. އަޅުކަމާއި ތިމާއާއި ދެމެދަށް އެޅޭ ކޮންމެ ހުރަހަކީ ޝައިޠޯނާ އަޅާ ހުރަހެއްކަމަށް ވިސްނާލުމުން ހުރަސްތައް ނައްތައިލަން ހިތްވަރު ލިބޭނެއެވެ. އަދި ފަސްނުޖެހި އަޅުކަންކުރަން ފެށުމުން ތިބާގެ ހިތުގެ މައްޗަށް ހެޔޮ ޢަމަލުތައް ގަދަވެގަނެ ޝައިޠޯނާ ބޭރަށް ނެރަލައި ބާކީކޮށްލާނެއެވެ.
މިޘާލެއްވެސް ބުނެލާނަމެވެ. ނަމާދުކުރަމުން އަންނަ މީހަކު ނަމަ ބަންގި ގޮވަންވާއިރަށް މިސްކިތަށް ދިއުމަށް މަސައްކަތްކުރާނެއެވެ. ނުކުންނަން އުޅޭ އިރަށް ކޮންމެވެސް މީހެއްގެ ފޯނުކޯލެއް އަންނާނެއެވެ. ނުވަތަ ކޮންމެވެސް ކަމެއް ކުރިމަތިވާނެއެވެ. މިފަދަ ކޮންމެ ކަމަކީ ޝައިޠޯނާގެ ކިބައިން އަންނަ ހަމަލާތަކެވެ. ނަމާދަށް ދިއުމަށް އަޅާ ހުރަސްތަކެވެ.
ވީމާ މިސްކިތަށް ނުކުންނާނެ ވަޤުތު ކުރިއާލައި ކަނޑައަޅާށެވެ. އެގޮތުން 5 މިނިޓް ނުވަތަ 10 މިނިޓް ނުވަތަ އެނޫންވެސް އެމީހަކަށް ފަސޭހަ މިނެއް ކުރިއާލައި ކަނޑައަޅާށެވެ. އެވަޤުތު ޖެހުމުން އެހުރެވެނީ ނަމާދުގެ ޒޯނުގައިކަމަށް ބަލާށެވެ! ނަމާދު ނިމި މިސްކިތުން ފެއިބެންދެން އެޒޯނުން ނުނުކުންނާށެވެ!
އެގޮތަށް ޢަމަލުކުރަން ފެށުމުން ޝައިޠޯނާއަށް ޖެހޭނީ ތިބާ އާއި ދުރަށް ޖެހޭށެވެ! އެއިރުން ތިބާއަށް އެހުރެވެނީ ޝައިޠޯނާގެ މައްޗަށް ގަދަވެ ގަނެވިގެން ކަމުގައިވާތީއެވެ. އިން ޝާ ﷲ މިމަގުން މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން