ކޮންމެ މީހަކާއިވެސް އެކުވެރިކަން ބާއްވަން އޮތުމުގެ މާނައަކީ ނުބައި ސިފަތައް ހުންނަ މީހުންނާއި ގުޅިގެން އުޅުމެއް ނޫނެވެ. އެމީހުންނަށްވެސް ހިތްހެޔޮކުރުމެވެ. ބައްދަލުވުމުން ސަލާމްކޮށްލައި ހެޔޮދުޢާކުރުމެވެ. އެކަން ސުންނަތުންވެސް އޮތީ އެނގޭށެވެ.
ގިނަ ފަހަރަށް ދެރަ ގޮތް މެދުވެރިވަނީ އަނެކާގެ ކަންކަން ރަނގަޅަށް ނުއެނގެނީސް ގުޅުންތައް އުފައްދައި ކުރިއަށްދެވޭތީއެވެ. ކައިވެނިކުރުމުގެ ކުރިންވެސް އަދި އެކުވެރިއެއްގެ ގޮތުގައި ބަލައިގަތުމުގެ ކުރިންވެސް އަނެކާ ރަނގަޅަށް ދަސްކުރަންވާނެއެވެ.
ދިރިއުޅުމުގައި އެއްވެސް ގޮތަކަށް ކައިރިކުރަން ހެޔޮވެސް ނުވާނެ 4 ބާވަތެއްގެ މީހުންވެއެވެ. އެކުވެރިންގެ ގޮތުގައިވެސް އަދި ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައިވެސް މިއިން ބާވަތެއްގެ މީހަކާއި ކައިރިވަން ހެޔޮނުވާނެއެވެ.
ފުރަތަމަ ބާވަތަކީ އެހެން މީހުންނަށް މަކަރުހަދާ މީހުންނެވެ. އެމީހުން ތިބާއަށްވެސް މަކަރުހަދާނެއެވެ.
ދެވަނަ ބާވަތަކީ އެހެން މީހުންގެ ޒާތީ ކަންކަމާއިބެހި ނުބައި ވާހަކަދައްކާ މީހުންނެވެ. އެމީހުން ތިބާ އާއިމެދުގައިވެސް ހަމަ އެމޭރުމުން ވާހަކަދައްކާނެއެވެ.
ތިންވަނަ ބާވަތަކީ ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކުރާ މީހުންނެވެ. އެމީހުންނަކީ އެމީހުންނަށް ކިތަންމެ ބޮޑު ގޯސްކަމެއް ކުރެވުނަސް އެއީ ކުރެވުނު ކުށެއް ކަމަށް ޤަބޫލު ކުރާނެ ބައެއް ނޫނެވެ. ކުށް ޤަބޫލުނުކުރާ މީހަކަށް އިޞްލާޙެއް ނުވެވޭނެއެވެ.
ހަތަރުވަނަ ބާވަތަކީ އެހެންމީހުން ކޮށްދޭ ރަނގަޅު ކަންކަމުގެ އަގުވަޒަންނުކުރާ މީހުންނެވެ. އެމީހުންނަކީ އެމީހުންނަށް ކިތަންމެ ބޮޑު ހެޔޮކަމެއް ކޮށްދިންނަމަވެސް، ކިތަންމެ ރަނގަޅަށް ކަމެއް ކޮށްދިން ނަމަވެސް އެކަން ބަލައިގަނެ ޝުކުރުވެރިވާނެ ބައެއް ނޫނެވެ.
މިސިފަތައް ހުންނަ މީހުންނާއިނ އެކުވެރިވެގެންވެސް އަދި އެފަދަ މީހަކާއި ކައިވެނިކޮށްގެންވެސް ލިބޭނެ ކުރިއެރުމެއް ނުއޮންނާނެއެވެ. އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގެ ތެރޭގައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުންނާއި ދުރުހެލިވެ ރައްކައުތެރިވެގެން ތިބުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން