އެންމެ ގާތް އެކުވެރިންނާއިވެސް ޙިއްޞާ ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި އެމީހާގެ ސިއްރުތަކާއި ސިއްރުކުރަންޖެހޭނެ ކަންކަން ހިމެނެއެވެ. އެކަމުގެ ކުޑަބޮޑު މިނަށް ބެލުމެއްވެސް ނެތިއެވެ.
ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެހެން މީހުންނަށް ސިއްރުކުރަންޖެހޭނެ ކަންތައްތަކެއް ކުރިމަތިވެފައިވާނެއެވެ. އެކަންކަމުގެ ވާހަކަތައް ހަމަ އެކެއްގެ ގާތުގައިވެސް ދެއްކުމަކީ މޮޔައަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. ވީމާ އަމިއްލައަށް މޮޔައަކަށް ނުވާށެވެ.
އެހެނީ އެއްވެސް މީހަކީ އަބަދު ނުވަތަ މުޅި ޢުމުރަށް ތިމާއާއިއެކު އެއގޮތެއްގައި ދެމިހުންނާނެ މީހަކު ކަމަށް ޔަޤީންކޮށްގެން ނުވާނެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ޚިޔާލު ބަދަލުވެދާނެ މީހެކެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި މިއަދު ތިބި މީހުން މާދަމާ ޚިޔާލު ތަފާތުވެ ހަތުރުންނަށް ބަދަލުވެދާނެއެވެ.
އެއިރުން ތިބާގެ ސިއްރުތައް ހާމަކުރާނެއެވެ. ފަޟީޙަތްކުރަން މަސައްކަތްކުރާނެއެވެ. އެކަން ނުކުރާނީ ހަމަ ވަރަށް މަދު މީހެކެވެ.
އެންމެ ބުއްދިވެރި ގޮތަކީ ޙަޔާތުގެ ސިއްރުތައް ބައިވެރިޔާއާއިވެސް ޙިއްޞާނުކުރުމެވެ. އެކަމަށް ހިތާމަކުރަންޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށްޓަކައެވެ.