ފަރުޟް ނަމާދުކުރަން ގޮނޑީގައި އިންނަން ހުއްދަވާނީ ކޮޅަށް ހުރެގެން ނަމާދުނުކުރެވޭނެ ނަމައެވެ. އެމީހާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދެން އޮތީ ސުންނަތް ނަމާދުތަކެވެ. ކޮޅަށް ހުރެވޭ މީހާއަށްވެސް ސުންނަތް ނަމާދުތަކުގައި އިށީނދެއިނދެވިދާނެއެވެ. ނަމަވެސް ޘަވާބުން ބައެއް އުނިވާނެއެވެ.
އަހުރެން ބުނާނީ ނަމާދުކުރުމަށް ލޯބިކުރާ މީހަކު އެމީހަކަށް ކޮޅަށް ހުރެވޭނެ ނަމަ އިށީނދެއިނދެގެން ނަމާދުނުކުރާނެ ކަމަށެވެ. ސަބަބަކީ އޭނާ ބޭނުންވާނީ ކުރާ ނަމާދުން ވީހާގިނަ ޘަވާބު ލިބުމަށްކަމަސްވާތީއެވެ.
މަޖުބޫރުވެގެން ގޮނޑީގައި އިނދެގެން ނަމާދުކުރާ މީހާ ސަޖިދަ ދިގުކުރަން ކުރަންއޮތްކަމަކީ އެޙާލަތުގައި އޭނާއަށް ސަޖިދަކުރަން ބޯތިރިކުރެވޭ މިންވަރަކަށް ބޯތިރިކޮށްގެން ސަޖިދައިގެ ވަޤުތު ދަންމައިލުމެވެ. (ގިނަވަޤުތު ހޭދަކުރުމެވެ) ތިމާއަށް އެކަމުން ގެއްލުން ނުލިބޭނެ ވަރަށެވެ. ކެރިކުޅަދާނަވާ މިންވަރަށެވެ.
ތަހައްޖުދް ނަމާދުގައި ސަޖިދަ ދިގުކުރަންވެސް ޢަމަލުކުރާނީ މިބުނި ގޮތަށެވެ. ކުރިންވެސް މިބުނި ފަދައިން ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަށް ކުރުމުން އެއޮތީ ތިމާގެ ބައި އަދާކުރެވިފައެވެ. އެމީހެއްގެ ޢަމަލު ޤަބޫލުކުރައްވަވައި ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން