ފުރަތަމަ ކަމަކީ ތިމާ އެންމެ ބޭނުންވާ ކަންކަމާއި ތަކެއްޗާއި ތިމާ ބޭނުންވާ ގޮތް ބައިވެރިޔާއަށް ރަނގަޅަށް ކިޔައިދިނުމެވެ. އެއިރުން އަނެކާއަށް ކަމެއް ކޮށްދޭއިރު އޭނާ އުފާވާނެ ގޮތަށް އެކަމެއް ކުރަން ފަސޭހަވެގެންދާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނަނީ އެފަދަ ވާހަކަތައް ދެމަފިރިންގެ މެދުގައި ނުދެއްކިފައެވެ.
ދެންވާ ގޮތަކީ ފިރިމީހާއަށް ލިބުނު ދަތުރެއްގައި ބޭރަށް ގޮސްފައި އަނބިމީހާއަށް ގެނައީ ރަތްކުލައިގެ ފޮތިގަނޑެކެވެ. އެއީ އަނބިމީހާ ލާން ބޭނުންވާ ކުލައެއް ނޫނެވެ. ދެން ކަންތައް ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަން ކުރިން އެނގިފައި އޮތްނަމަ ހަމަ ގައިމުވެސް އަނބިމީހާއަށް ހުތުރު ކުލައެއްގެ ފޮތިގަނޑެއް ނުގެންނާނެއެވެ.
އަހުރެން ބުނާނީ ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވި އޮއްވައި މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ރީތި ނޫންނަމަވެސް ޝުކުރުވެރިކަމާއިއެކު ފޮތިގަނޑުގެ ބޭނުންކުރާށެވެ. އަދި ތިބާ ބޭނުންވާ ފޭރާމާއި ކުލަތައްވެސް ކިޔައިދޭށެވެ. އެއިރުން އެކަން ތަކުރާރެއް ނުކުރާނެއެވެ.
މިމިޘާލުގެ އަލީގައި ބުނަމެވެ. ފިރިމީހާ އެއްޗެއް ދިނުމުން އެއީ ތިމާ އެންމެ ބޮޑަށް ބޭނުންވެގެން ހުރި އެތި ކަމުގައި ނުވުމުން ޝަކުވާ ނުކުރާށެވެ! ދިން އެތީގައި ހިފާށެވެ. ޝުކުރުވެރިވާށެވެ. އެއިރުން ފަހުން ތިބާ ބޭނުންވެގެން ހުރި އެތި ލިބެން ފަސޭހަވާނެއެވެ. ނޫންނަމަ ފިރިމީހާ ފޫހިވެ ހަދިޔާ ދިނުން ހުއްޓައިވެސް ލައިފާނެއެވެ.
ދެވަނަ މިޘާލެއްވެސް ބުނެލާނަމެވެ. އަނބިމީހާ ކޮށްދިންކަންތައް ފިރިމީހާ އެންމެ ބޮޑަށް ބޭނުންވާ ފެންވަރަށް ކުރެވިފައި ނެތުމެވެ. މިޘާލަކަށް ކެއްކި އެއްޗެތީގައި އެންމެ މީރު ރަހަ ނުލުމެވެ. އެދުވަހު ލާން ހިތުގައި އޮތް ހެދުން އިސްތިރިކޮށްފައި ނެތުމެވެ.
މިފަދަ ކަމަކާއި ގުޅިގެންވެސް ނުރުހުމުގެ ބަސް ނުބުނެ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ. އެއިރުން ދާނީ ތިބާ އެންމެ ބޮޑަށް ބޭނުންވާ ގޮތަށް ހުރިހާ ކަންކަންވެސް ބަދަލުވަމުންނެވެ. އިން ޝާ ﷲ
ޔަޤީންކުރާށެވެ! ބޮޑާހޭކުމާއި ރުޅި އާއި ނަފްރަތުން އެއްވެސް ކަމެއް ޙައްލެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް ޙައްލުވާނީ ރިވެތި ގޮތުގައި މުޢާމަލާތުކުރުމުންނެވެ. ރިވެތި ގޮތުގައި މުޢާމަލާތުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދީނުގައި ލައްވަވާފައިވަނީވެސް ހަމައެ ސަބަބަށްޓަކައެވެ.
- އަލަފް / މިއަދުނޫހަށް