ފާފަކުރުން ހުއްޓާލައި ފަރުޟު ނަމާދުތަކާ ރަވާތިބް ސުންނަތް ކުރާ މީހުންގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފާފަކުރުން ހުއްޓާލައި ފަރުޟު ނަމާދުތަކާ ރަވާތިބް ސުންނަތް ކުރާ މީހުންގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އެއްވެސް މީހަކު އެދޭހައިކަމެއް ދުނިޔޭގެ ޙަޔާތަކު ނުފުދޭނެއެވެ. އެއީ މިއީ ދުނިޔޭގެ ޙަޔާތްކަމަށްވީތީއެވެ. ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އިޚްލާޞްތެރިކަމާއިއެކު އަޅުކަން ކުރާމީހުންގެ ޙާޖަތްތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހެންވެ ބަލައިލަން މިއުޅެނީ ތިމާގެ ބޭނުންތައް ފުދިގެން ހުރެވެން އޮތް ގޮތަށެވެ.

އަހުރެމެންނަށް ކަންކަމަށް ދަތިވާނެއެވެ. އެއީ ދުނިޔޭގައި ނުވެނުދާނެކަމެކެވެ. އަހުރެމެންނަށް އޮތީ ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. މަސައްކަތްކުރަމުން ގެންދާއިއރު މިކަންކަމަށް ސަމާލުކަންދޭށެވެ! ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

ކަންކަމުގައި ކުރިއަށްދާން މަސައްކަތްކުރަމުއެވެ. ގިނަ ފަހަރަށް އުޅެންޖެހެނީ ހުރަސްތަކެއް ކުރިމަތިވެ މަގުބަންދުވެ ކުރިއަށް ނުދެވިގެންނެވެ. ބައެއް މީހުން ވަރަށް ގިނަ ކަންކަމުގައި އަބަދުވެސް ގެންދަނީ ﷲ ތައާލާއަށް ދަންނަވަމުންނެވެ. ވަރަށް ގިނަ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާވެސް ކުރެއެވެ. 

ނަމަވެސް އެއިގެ ތެރެއިން ޤަވާއިދުން ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟ ކުރެވޭ ފާފަތަކާއި ދުރުހެލިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

ނިކަން އަޖުމަ ބަލައިލަންވެސް ޤަވާއިދުން ފަރުޟު 5 ނަމާދު އަދާކުރަން ނިކަން ފަށައިބަލާށެވެ! ކޮންމެ ނަމާދެއްގެ ބަންގީގެ އަޑާއިއެކު މިސްކިތުގައި ހުރެބަލާށެވެ! ފަރުޟު ނަމާދާއިއެކު ކުރަން ހުރި ރަވާތިބު ސުންނަތްތައް ވެސް ކުރުމުގައި ސާބިތުވެބަލާށެވެ! ގިނަވެގެން 2 މަސް ދުވަސްވާއިރު ހަޔާތުން ބޮޑެތި ބަދަލުތައް ފެންނާނެއެވެ! ނުފުދިފައި ހުރި ގިނަކަންތައްތައް ފުދިގެންދާތަން ފެންނާނެއެވެ. 

އެހެނީ ނަމާދު ކުރުމުގައި ސާބިތުވުމަކީ އެމީހެއްގެ ވަށައިގެން ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާ ކަމެކެވެ. ނަމާދުކުރުމުގައި އިޚްލާޞްތެރިވީ މިންވަރަކުން ގިނަ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. 

ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވުމަށްޓަކައި ދެން އެންމެ މުހިންމު އެއްކަމަކީ ތިމާއަށް ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމެވެ. އެކަން މާދަމާއަށް މަޑު ނުކުރާށެވެ! މިއަދު އެކަން ކުރާށެވެ! އިޚްލާޞްތެރިވުމަކީ އެއީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވެގެން މިއުޅެނީ އަހަރެމެންނެވެ. ވީމާ ފުރަތަމަވެސް ދައްކައިދޭން ޖެހޭނީ އަހަރެމެންގެ އިޚްލާޞްތެރިކަމެވެ. 

އެގޮތުން ކުރަން މިޖެހެނީ ދެކަމެކެވެ. އެއީ ބަރާބަރަށް ނަމާދުތައް ކުރުމާއި ފާފަ ނުކުރުމެވެ. މިދެބައި ފުރިހަމަކޮށްފި މީހަކަށް އެހެން ހެޔޮ އަމަލުތައް ދާނީ އޮޓޮމެޓިކުން ކުރެވެމުންނެވެ. އެމީހަކަށްޓަކައި ބަންދުކުރެވިފައިވާ ދޮރުތައް ދާނީ ހުޅުވެމުންނެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން