ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރެވިދާނެއެވެ. އެހެން ނަމަވެސް ދުޢާކުރުމުގައި ހިފަހައްޓަންޖެހޭނެ ބައެއް އަދަބުތައް ހުރެއެވެ. ފާހަގަކޮށްލަން މިއުޅެނީ އެފަދަ ކަމެކެވެ.
ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ބައެއް މީހުން ދުޢާކުރަނީ އަންހެން ދަރިއަކު ދެއްވެވުމަށެވެ. އަނެއްބައަކު ދުޢާކުރަނީ ފިރިހެން ދަރިއަކު ދެއްވެވުމަށެވެ. ނަމަވެސް މިއީ ދުޢާކުރަން ރަނގަޅު ގޮތެއް ނޫނެވެ.
ދުޢާކުރަންވާނީ އެދަރިއެއްގެ ސަބަބުން މިއަޅާއަށް އުފަލާ ހިތްހަމަޖެހުން ލިބޭނެ، ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުންނާނެ ދަރިއަކު ދެއްވެވުމަށެވެ. ދުޢާގައި ފިރިހެން ދަރިއަކު ނުވަތަ އަންހެން ދަރިއަކު ދެއްވެވުމަށް ލޯބިކުރާ ކަމަށް ދެންނެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ނުދެންނެވި ނަމަވެސް ތިބާގެ ހިތް އެދޭގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ
މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާބޭނުންވަނީ ފިރިހެން ދަރިއަކަށެވެ. ތިބާ ދުޢާކުރީ ފިރިހެން ދަރިއަކު ދެއްވެވުން އެދިގެންނެވެ. އެދުޢާ ޢިޖާބަކުރައްވަވައި ފިރިހެން ދަރިއަކު ދެއްވެވީއެވެ. އެކަމަކު އެދަރިފުޅުވީ "ނުލިބުނުނަމައެވެ" ހިތަށް އަރަންޖެހޭ ވަރުގެ ނުބައި ދަރިއަކަށެވެ. ލިބުނު އަންހެން ދަރިފުޅުވީ ޖަވާހިރެއ ފަދަ ކުއްޖަކަށެވެ. ދެން ބުނާނީ ކީކޭހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭހެއްޔެވެ؟
އެއްވެސް ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާކުރާއިރު ދުޢާގެ ދާއިރާ ހަނިނުކުރާށެވެ. އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. ދެއްވަވާނީ އެންމެ ފައިދާކުރާނެ ދަރިފުޅުކަން ހިތުގައި ޔަޤީންކުރާށެވެ.
އެއްވެސް ދަރިއަކު ނުދެއްވަވާ ކިތައް މިލިއަން މީހުން ދުނިޔޭގައި އެބަތިބިހެއްޔެވެ؟ އެހެންވީމާ ދަރިއަކަށް ބޭނުންވެގެން ﷲ ތަޢާލާއަށް ދެންނެވުމުން ދަރިއަކު ދެއްވަވައިފިނަމަ އެކަމަށް ޝުކުރުވެރިވާންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ.
ތިމާއަށް ދެއްވަވާނީ ތިމާއަށް ލިބެން ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ދަރިފުޅުކަން ޔަޤީންކުރުމުން ލިބުނު ދަރިފުޅުގެ ޖިންސާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން