ކޮންމެ ސަބަބަކާހުރެ "ބިޒީކަން" ބޮޑުވިޔަސް ދަރިންނަށް ނުބައިބަސް ބުނެވުމަކީ ދަރިންގެ މުޅި ޢުމުރަށް ދަރިންނަށް ދެވޭ ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކޮންމެ ސަބަބަކާހުރެ "ބިޒީކަން" ބޮޑުވިޔަސް ދަރިންނަށް ނުބައިބަސް ބުނެވުމަކީ ދަރިންގެ މުޅި ޢުމުރަށް ދަރިންނަށް ދެވޭ ބޮޑު އަނިޔާއެއް!

އެއްވެސް ކަމެއްގައި އެންމެން އެއްގޮތެއް ނުވާނެއެވެ. އެންމެން ކަންކަން ކުރާނީ އެއްގޮތަކަށް ނޫނެވެ. ވީމާ މިވާހަކަ މިދައްކަނީ ކިތަންމެ ބުރަކޮށް މަސައްކަތްކުރަންޖެހުނަސް ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުންދީ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާ މައިންވެސް އެބަތިބިކަން ވިސްނުމުގައި ބަހައްޓައިގެން ހުރެއެވެ. އެކަނބަލުންނަށް ޙައްޤު ތަޢްރީފްވެސް ކުރަމުންނެވެ.  

މިހާރަކަށް އައިސް ބައެއް މައިންނަކީ ވަރަށް "ބިޒީ" ބައެކެވެ. އެމީހުންގެ "ބިޒީކަން" އެހައި ބޮޑުވަނީ ގޭތެރޭގެ މަސައްކަތާއި ދަރިންގެ ކަންކަން ކުރަމުން ފޯނުން ކުރަންޖެހޭ ކަންކަން ގިނަވުމުންނެވެ. އަނެއްބައަކު ވަޒީފާއަދާކުރަމުން ގޭތެރޭގެ މަސައްކަތްތައްކޮށް ދަރިން ބަލަންވެސް ޖެހޭތީއެވެ.  

މިބުނަނީ ކޮންމެހެން އެމީހުން ފިރިންނަށް ބޭވަފާތެރިވެ ނުބައި ގުޅުންތަކެއް ހިންގާ ވާހަކައެއް ނޫނެވެ. މިބުނަނީ ސޯޝަލް މީޑިއާބެލުމާއި އެހެންވެސް އެފަދަ ކަންކަން ކުރަން ގިނަ ވަޤުތުތަކެއް ހޭދަކުރާވާހަކައެވެ. މެދުނުކެނޑި އަންނަ ކޯލްތަކަށް ޖަވާބުދޭންޖެހޭ ވާހަކައެވެ.  

އެމަސައްކަތުގައި އުޅެނިކޮށް ދަރިފުޅު އައިސް ކަމަކު ބުނި ނަމަވެސް ވާހަކަދައްކަން ބޭނުންވި ނަމަވެސް ނިކަން ފަސޭހައިން ރުޅިގަދަވެވެއެވެ. ދަރިފުޅާއި ދިމާއަށް ބުނެގެން ނުވާނެ ބަސްތައް ބުނެވެއެވެ. އަދި ކީއްހެއްޔެވެ؟ ތުއްތު ދަރިފުޅު ރޯއަޑުއިވުނަސްމެއެވެ.  

އަންހެނުންނަށް ނިޞްބަތްކޮށް މިހެން ބުނީމާ ފިރިހެނުން ހޭނެކަމެއް ނެތެވެ. އެމީހުންވެސް ކަންކަން ކުރަނީ ހަމަ އެއްގޮތަކަށެވެ. ފިރިހެނުން ޓީވީބަލަން، ގޭމްކުޅެން، އަދި ހަމަ ސޯޝަލް މީޑިއާ ބޭނުންކުރަން އިނދެފައިވެސް ދަރިންނަށް ހަމަ އެފަދަ ބަސްތައް ބުނެއެވެ.  

ބައެއް މައިން ބަފައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިފުޅު ކުޑަވުމުން ތިމާ ބުނިބަސް ދެނެގަންނަން ނުއެނގޭނެ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެފަދަ ބަހެއް ބުނުމުން ދެރަވާން ނުވަތަ ރުޅިއަންނަށް ދަރިފުޅަށް އެނގޭނަމަ އަޑުއިވުނު ބަހުގެ އަސަރު ކުއްޖާއަށް ކުރާނެއެވެ. އެކަން ސިކުނޑީގެ ކޮންމެވެސް ދިމާއެއްގައި ހަރުލާނެއެވެ.  

ބައެއް ކުދިން ފަހުން ހަނދާން ނެތެއެވެ. އަނެއްބައި ކުދިން ހަނދާނެއް ނުނެތެއެވެ. އެހެންކަމަށްވާއިރު ތިބާގެ ދަރިފުޅު ހިމެނެނީ ކޮންބައެއްގައިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟  

އެކުވެރި މައިންބަފައިންނޭވެ! މިބަޔާންކުރި ކަންކަމަށް ފުންކޮށް ވިސްނާށެވެ! ދަރިންނަކީ އުނދަގުލެއް ކަމަށް އޮޅިގެންވެސް ނުބުނާށެވެ. ފޯނުންކުރާ ކަންކަމާއި ކޯލުތަކަށްވުރެ ދަރިންގެ ބޭނުންތަކަށް އިސްކަންދޭށެވެ! ލޯބިދޭށެވެ. ބަލަންވީ ދަރިންނަށް ލޯބިދިނުމުން އެދަރިންގެ ކިބައިން ލިބޭނެ ބަދަލަކަށް ނޫނެވެ. އުންމީދުކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން