އަހުރެމެން ކޮންމެ މީހަކަށްވެސް ކަންކަމަށް ވިސްނަން އަބަދުވެސް އޮންނާނީ ޖެހިފައެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ ސިކުނޑިއަށް ނުތަނަވަސްކަން ލިބިގެންދާނެ ކަންކަންވެސްމެއެވެ. އެހެންވެ ސިކުނޑިއަށް ނުތަނަވަސްކަން ލިބިގެންދާ ވަޤުތުތަކުގައި ކުރަން ސުންނަތުން އެނގެން އޮތް 3 ކަމެއް ފާހަގަކޮށްލާނަމެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކޮށްލާނީ ﷲ ތަޢާލާ އާއި މެދު ވިސްނަވައިވަޑައިގަތުމަށް ހިރާ ފަރުބަދައިގެ ހޮހޮޅައިގައި ގިނަކަންޏާ ވަޤުތު ހޭދަކުރެއްވެވުމެވެ. ރަސޫލްކަން ލިބިވަޑައިގަތުމުގެ ކުރިންވެސް އެކަން ވަނީ ކުރައްވަވައިފައެވެ.
އަހުރެން މިބުނަނީ ކަންބޮޑުވާއިރަށް ގޮސް ފަރުބަދައެއްގެ ހޮހޮޅައަކަށް ވަންނާކަށް ނޫނެވެ. ހިނދުކޮޅަކަށް ނަމަވެސް މިސްކިތުގައި އިއްތިކާފަށް މަޑުކޮށްލުމަށެވެ. އަންހެނަކު ނަމަ ގޭގެ ކޮޓަރީގައިނަމަވެސް އެކަނިވެލައި ﷲ ތަޢާލާ ހަދުމަކުރުމަށެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދު ވިސްނައިލުމަށެވެ. ދުނިޔެއާއި އަދި އާޚިރަތާއިމެދުގައިވެސް ވިސްނައިލުމަށެވެ.
ދެވަނަ ކަމަކަށް ފާހަގަކުރާނީ ޤުރްއާން ކިޔަވައި ޚާއްޞަކޮށް މާނަކިޔަން ވަޤުތު ހޭދަކުރުމެވެ. ތަފްސީރު ފޮތްތައްވެސް ކިޔަންވީއެވެ. ބޭނުންވަނީ ތިމާގެ ވިސްނުން ﷲ ތަޢާލާ އާއިއެކުގައިވުމެވެ.
ތިންވަނަކަމަކަށް ފާހަގަކޮށްލާނީ ކަންކަން ކުރަމުންވެސް، މަސައްކަތުގައި އުޅެމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމާއި ހެޔޮ ކަލިމަތައް ކިޔުން ގިނަކުރުމެވެ.
މިތިން ކަމަކީވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ވަރަށް ފުރިހަމައަށް ޘާބިތުވާ 3 ކަންތަކެވެ. މިނޫން ކަންކަން ވެސް ހުންނާނެއެވެ. މި 3 ކަންތައް މިފާހަގަކުރަނީ މިއީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަން ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން