ކަންކަމަށް ރަސޫލް ޞޢޥ އެދިވަޑައިގަންނަވާތާ އެތައް އަހަރެއް ފަހުންވެސް ޙާޞިލުވެވަޑައިގެންނެވި! ބޭނުންތައް ފުދުން ލަސްވެގެން ކަންބޮޑުވާން އަހަރެމެންމީ ކޮންބައެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކަންކަމަށް ރަސޫލް ޞޢޥ އެދިވަޑައިގަންނަވާތާ އެތައް އަހަރެއް ފަހުންވެސް ޙާޞިލުވެވަޑައިގެންނެވި! ބޭނުންތައް ފުދުން ލަސްވެގެން ކަންބޮޑުވާން އަހަރެމެންމީ ކޮންބައެއްތަ؟

ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާ އެދޭ ކަންކަން ވީހާ އަވަހަކަށް ޙާޞިލުވުމަށެވެ. ލަސްވުމަށް އެކަކުވެސް ނުއެދޭނެއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހުރެމެން ދުވަންވީ ވަޤުތުގެ ފަހަތަކުން ނޫނެވެ. ކުރަންހުރި އަޅުކަމުގެ ފަހަތުންނެވެ. ބަލަންވީ ވީހާ ގިނަ އަޅުކަން ކުރެވޭތޯއެވެ.  

ކުރަން އުޅޭ ކަންކަން ނުކުރެވިގެން، ކާމިޔާބު ނުލިބޭތީ ލަސްވެގެން އުޅޭ މީހުން ދަންނާށެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމް ދީނަށް ނަޞްރު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވި އިރު ކަންކަން ވެގެންދިއަ ގޮތަށެވެ. މީސްތަކުންނަށް ދަޢުވަތު ދެއްވެވުމުން ކުރަމުން ދިއައީ މަލާމާތާއި ފުރައްސާރައެވެ. އެކަމުގެ ސަބަބުން ހުންނަވަންޖެހިވަޑައިގަތީ ނުހަނު ބޮޑަށް ކަންބޮޑުވެވަޑައިގަތުމުގައެވެ.  

އެހެން ހުންނަވަނިކޮށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ތިމަން ﷲ ނަޞްރު ދެއްވަވައިފީމެވެ. އެފަދައިން ވަޙީކުރެއްވެވިނަމަވެސް ދެއްވެވި ނަޞްރު ލޯފުޅަށް ފެނިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގެނެއް ނުއުޅުއްވަވަތެވެ. ކެތްތެރިވެވަޑައިގެން ޔަޤީންފުޅުކަމާއިއެކު ޘާބިތުވެ ހުންނެވީއެވެ.  

އެ ނަޞްރު އެއްވެސް މީހެއްގެ ލޮލަކަށް އެއިރަކު ނުފެނުނެވެ. ފެނިގެން ދިއައީ 20 އަހަރު ފަހުން މައްކާ ފަތަޙަ ކުރެއްވެވި ދުވަހުއެވެ. އެދުވަހު މުސްލިމުންނަށް ދެއްވެވި ނަޞްރު ފެނުމުން އެންމެންނަށްވެސް ލިބިގެންދިއައީ ޙައިރާންކަމެވެ. އުފަލުން އެންމެންގެ ހިތްތައް ފޮޅިގެންދިއައެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމަށްފަހު ކެތްތެރިކަންމަތީގައި ޘާބިތުވެލާށެވެ. ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ހިތާމައަކީ އެދި ދަންނަވާ ކަންކަން ވަޤުތުން ހިންމަވައި ނުދެއްވެވިނަމަ މާޔޫސްވެ ކަންކަން މާމައްޗަށް ގެންދެވޭ ކަމެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ! ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމަށް އުންމީދުކުރާށެވެ! ވަކީލްކުރާށެވެ! ފުރިހަަމ ގޮތުގައި ވަކީލްކުރާ އަޅުން މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން