އެންމެ ގާތް އެކުވެރިންނާއިވެސް އަދި ހަމައެކަކާއިވެސް ޙިއްޞާ ކޮށްގެން ނުވާނެ އެއްކަމަކީ ތިބާއަށް ލިބޭ އާމްދަނީއެވެ. އިސްތިސްނާކުރަން އޮތީ ހަމައެކަނި ވެރިޔާއެވެ. އެކަމުގަ އިތުރު އެކަކުވެސް އިސްތިސްނާ ނުކުރާށެވެ!
ވަރަށް ގިނަ މީހުންނަށް ލިބޭ މުސާރައިގެ އިތުރުން އެމީހުން ދެން އިތުރަށް ކުރާ މަސައްކަތްތަކުންވެސް ޢާމްދަނީ ލިބޭނެއެވެ. ގިނަ މީހުންނަކީ ޢާމްދަނީ ހޯދަން އެއް މަސައްކަތަށްވުރެ ގިނަ މަސައްކަތްކުރާ ބައަކަށްވާތީއެވެ.
ހަމައެއާއިއެކު ބުރަކޮށް މަސައްކަތްކުރަން ބޭނުންނުވާ މީހުންވެސް ވަރަށް ގިނައެވެ. އެމީހުންވެސް ބޭނުންވާނީ އެންމެ ގިނަ ފައިސާއެވެ. އެެހން މީހުން ބުރަ މަސައްކަތްކޮށްގެން ހޯދާ އާމްދަނީއަށް ޙަސަދަވެސްލާނެއެވެ. ހަމައެއާއިއެކު ގިނައީ ތިމާއަށްވުރެ ގިނައިން އެހެން މީހަކަށް ލިބެން ނުއެދޭ މީހުންނެވެ.
ހަމައެއާއިއެކު އިންސާނުންގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ގިނައިން ލިބޭ ބައެއް މީހުންނަކީވެސް އެހެން މީހުންނަށް ތަނަވސްކަން ލިބެން އެދޭ ބައެއް ނޫނެވެ. އެހެން މީހުންނަށް ތަނަވަސްކަން ލިބެން އެދޭނެ މީހުންނެއް ނޫނެވެ. އެފަދަ މީހުން އެދޭނީ އެހެން މީހުންނަކީ ދަތިޙާލުގައި އުޅޭ މީހުންނަށްވުމެވެ.
މިއީ ދީނީ ގޮތުން ބެލި ނަމަވެސް ވަރަށް ނުބައި ސިފައެކެވެ. އަބަދުވެސް އެދެން ޖެހޭނީ ތިމާއަށްވުރެ ގިނައިން އަނެކުންނަށް ލިބުމަށެވެ. އެހެން މީހުންނަށްވެސް އުފަލުގައި ދިރިއުޅެވުމަށެވެ. އީމާންކަން ފުރިހަމަވާނީވެސް އެއިރުންނެވެ. އެހެނަސް އެކަމަށް ވިސްނައިލަނީ ވަރަށް މަދު ބައެކެވެ.
މިއަދު ވިސްނަންޖެހޭނީ މިއަދުގެ ޙާލަތަށެވެ. ކަންކަން ހިނގަމުން މިދާ ގޮތަށެވެ. މީސްތަކުންގެ މިޒާޖަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށް ވިސްނަންވާނެއެވެ. އެހެންކަމުން އޮތީ ބަސްމަދުކުރުމާއި ޢަމަލުތައް ގިނަކުރުމެވެ. ސިއްރުކުރަންޖެހޭ ކަންކަން ސިއްރުގެ ގޮތުގައި ހިފެހެއްޓުމެވެ.