ޔަޤީންކުރާށެވެ! ތިބާ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވިއްޖެނަމަ ތިބާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންވާ އަޅެކެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޔަޤީންކުރާށެވެ! ތިބާ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވިއްޖެނަމަ ތިބާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންވާ އަޅެކެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެ!

އެއްވެސް މީހަކަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެތެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަމަކުން ދެރައެއް ލިބުނަސް މާޔޫސްނުވާށެވެ! ތިބާއަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެންހުރި މީހަކުނަމަ އެކަމަކީ ތިބާއަށް ލެއްވެވި ބޮޑު ރަޙްމަތެއްކަން ޔަޤީންކުރެވޭނެ ވަޤުތު ތިބާއާ ބައްދަލުކުރާނެއެވެ. އިން ޝާ ﷲ  

އިބްނި އަލްޤައްޔިމް އަލަޖައުޒިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އިންސާނުންނަށް ކުރެވޭ އެންމެ ނުބައިކަންބޮޑު އެއް ކަމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައިވާ ނިޢްމަތްތަކުން ބޭރުކުރައްވަވައި ދެއްވެވުން އެދި ދެންނެވުމެވެ."  

އެއީ އިންސާނުންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް ބައްޔެވެ. އޭނާއަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން އެކަން ޤަބޫލުނުކުރެވި، އެވެނިކަމަކީ ނިޢްމަތަކަށްވެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަންކަމަށް (އެއީ ނިޢްމަތް ކަމުގައިވާއިރުވެސް) އެދި ދަންނަވަނީއެވެ. ދަންނަވަން ފެށުމުން ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވަވަނީއެވެ. ދަންނަވަމުން ގެންދެވުނީ ބޮޑު ގޯހަކަށް އެދިކަން އެނގެނީ އެދި ދެންނެވި ގޮތަށް ކަންކަން ހިންމަވައި ދެއްވެވުމުންނެވެ.  

މިސާލަކަށް އެމީހާ ކައިވެނިކުރަން ބޭނުންވެގެން ދުޢާކުރި މީހާ ނުލިބިދާނެއެވެ. އަދި ކައިވެނިކުރެވުން ލަސްވެސް ވެދާނެއެވެ. އެއްކައިވެންޏަށްވުރެ ގިނައިން ކައިވެނިކުރަންވެސް ޖެހިދާނެއެވެ. މިފަދަ ކޮންމެ ކަމަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަންކަމެވެ. އަހަރެމެންނަށް އޮތީ އެކަލާނގެ މިންވަރުކުރައްވަވާ ގޮތަށް ރުހި ކެތްތެރިވުމެވެ.  

އެދުނު މީހާ ޢާއި ކައިވެނި ނުކުރެވިގެން ކަންބޮޑުވާ މީހުންނަށާއި ބޭނުންވި ބައިވެރިޔާ އާއި އެކު ދިރިނުއުޅުވުމުން އަދި ކައިވެނި ކުރެވުން ލަސްވެގެން ކަންބޮޑުވާ މީހުންނަށް ބުނެލަން އޮތީ ކެތްތެރިވާށެވެ! އެކަމުގެ އެންމެ ރަނގަޅު ވަގުތުގައި މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ. އެމީހަކު ޙައްޤު މަގުގައި ހުރިނަމަ އެމީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެއެވެ. އިން ޝާ ﷲ  

ޔަޤީންކުރާށެވެ! ތިބާ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވިއްޖެނަމަ ތިބާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންވާ އަޅެކެވެ. އޭނާއާއި ކައިވެނީ ނުކުރެވުނީ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން އޮތީމައެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން