ދަރިން ފޯނުން ބަރަހަނާ ބަލާތީ ކްނަބޮޑުވެގެން ބައެއް ބެލެނިވެރިން އައުދެއެވެ. ދަރިންނަށް ނަޞޭޙަތްދޭންވެސް އެދެއެވެ. ހިތާމައަކީ އެނުބައި އާދަ ކުދިންގެ ކިބައިގައި އަށަގަތް ނުވަތަ އެކަމަށް ޝައުޤުވެރިވި ސަބަބު އެނގޭއިރު ސަބަބަކީ މައިންބަފައިންކަމަށްވާކަމެވެ. ހިތާމައާއިއެކު ބުނަމެވެ. ޙަޤީޤަތް އެނގޭއިރު މިމައްސަލަ ގިނަ ކުދިންނަށް ކުރިމަތިވަނީ ހަމަ މައިންބަފައިންގެ ސަބަބުންނެވެ.
މިއަދަކު ނޫނެވެ. މައިންބަފައިން ކުރާ ކަންކަން ދަރިން އަބަދުވެސް ބަލާނެއެވެ. އެއީ ދަރިން އަބަދުވެސް ކުރާ ކަމެކެވެ. ވީމާ މައިންބަފައިން ފޯނުން ކުރާ ކަންކަންވެސް ބަލާނެއެވެ. ބަލައެވެ. ވީމާ ފޯނުން ބަރަހަނާ ބެލުން ފަދަ ކަންކަން ކުރާނަމަ އެކަންވެސް ދަރިންނަށް އެނގޭނެއެވެ.
އެންމެ ކުޑައިރު އެއީ ކިހައި ބޮޑު ފާފައެއްކަން ދަރިންނަށް ނުވިސްނިދާނެއެވެ. ނަމަވެސް ވިސްނާނެ ކަމެއް އެބައޮތެވެ. އެއީ އެކުދިންގެ އަޢުރަ ފޮރުވާކަމާއި ފޮރުވަން މައިންބަފައިން ބުނާ ކަމެވެ. އެކަމަށް ބަސްބުނަން ނުއެނގޭތީ އެންމެ ކުޑައިރު ބަސްނުބުނި ނަމަވެސް ކުދިންގެ ހިތުގައި ސުވާލުތައް އުފެދޭނެއެވެ.
އެންމެ ހިތާމަހުރިކަމަކީ މައިންބަފައިންގެ ކިބައިން ދަރިންނަށް މިފަދަ ކަންކަން ފެންނަނަމަ ބޮޑެތިވަމުން އަންނަވަރަކަށް އެބާވަތުގެ ކަންކަން ކުރަން ދަރިން ޝައުޤުވެރިވާނެ ކަމެވެ. ވީމާ ދަރިންނަށް ދަސްކޮށް އެދެވެނީ ވަރަށް ނުބައިކަން ބޮޑު ފާފައެއް ކުރުމަށެވެ. ފުރާވަރަށް އެރުމުން ފާޙިޝް ޢަމަލުތައް ކުރުމަށެވެ.
މިއީ މުޖުތަމަޢުގައި މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެކަމުގެ ހުރި ނުރައްކާ ބައެއް މައިންބަފައިންނަކަށް ނުވިސްނެއެވެ. މިޘާލަކަށް އެފަދަ މަންޒަރެއް ބަލަން އިންދައި ދަރިފުޅު އަންނަތަން ފެނުމުން ބެލުން ހުއްޓައިލީއެވެ. އިރުކޮޅަކުން މަންމަ ނުވަތަ ބައްޕަގެ ފޯނު ދަރިންގެ އަތަށް އެބަލިބެއެވެ. ލިބުނީމާ މިއަދުގެ 7،8 އަހަރުގެ ކުދިންނަށްވެސް ފޯނުން އިންޓަރނެޓަށް ވަދެފައި ހުރި ސައިޓުތަކަށް އަމިއްލައަށް ވަންނަން އެނގެއެވެ.
ވީމާ މިހުރީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ. ދަރިންނަކީ ޢިއްފަތްތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވޭނީވެސް ދަރިން ނަރަކައިން މިންޖުކުރެވޭނީވެސް މިފަދަ ކަންކަމަށް ސަމާލުކަންދީގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވިދާޅުވެލެއްވުން މުހިންމު އިތުރު ލިޔުމެއް!
މިވާހަކަ ދައްކަން ލަދުވެސް ގަނެއެވެ. ނުދައްކައި ހުރެވޭކަމަށްވެސް ނެތެވެ. 9 އަރުން ދަށުގެ 3 ދަރިން އެބަ ތިއްބެވެ. ދޮށީ ދެކުދިން އެކުދިންގެ ބައްޕަގެ ފޯނު ބަލައެވެ. ބައްޕަ ފޯނު ހިފައިގެން އިންނައިރު ވަގަށްވެސް ބަލައެވެ. އެކުރަނީ ކޮންކަމެއް ނުވަތަ ކީއްކުރަން ކުރާ ކަމެއްކަން ނުވިސްނުނު ނަމަވެސް ފެންނަ ކަންކަމުގެ ވާހަކައިން އަޅުގަނޑާއި ސުވާލުކުރެއެވެ. ގަންނަ ލަދުން ހުންނަން މިޖެހެނީ ފިނިވެފައެވެ.
ފިރިމީހާ ގާތު ފޯނުން ނުބައި މަންޒަރާއި ވީޑިއޯ ނުބަލަން ބުނެ ރޮއި ދެފައިގައި ހިފައި އާދޭސްކޮށްފީމެވެ. ނިކަންފަސޭހައިން އެއްބަސްވާނެއެވެ. އެކަމަކު ބެލުން ހުއްޓައެއް ނުލައެވެ. މިހާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ޖަވާބުގައި ބުނެލަން އޮތީ ތިއަޙާލަތުގައިނ ފިރިމީހާ ހުރިނަމަ ފުރަތަމަ ކަމަކަށް ޢޭނާ ފަރުޟް 5 ނަމާދުކުރާ ކަމާއިމެދު ޝައްކުއުފެދެއެވެ. އެހެންވީމާ އިތުބާރުކުރެވޭ ދީނީ ޢިލްމުވެރިއެއްގެ އެހީތެރިކަން ހޯދާށެވެ. ދެވަނަ ކަމަކަށް ތިރީގައި އެވާ ޢިބްރަތެރި ވާހަކަ ފިރިމީހާ އާއި ޝެއާކޮށްލާށެވެ! އިން ޝާ ﷲ ވިސްނި ފައިދާކުރާނެއެވެ!
މިއީ ވަރަށް އާދައާ ޚިލާފް ހާދިސާއެކެވެ. އެތައް ސުވާލުތަކެއް އުފެދޭ ހާދިސާއެކެވެ. އެ ކުޑަ ދަރިފުޅު ނިޔާވީ ހިތަށްކުރި އަސަރުން ހެއްޔެވެ؟ މައިންބަފައިން ފާފަކުރާތަން ފެނުމުން އަނގައިން ނުބުނެ ދަރިން ތިބެނީ އެކަމުން އަސަރެއް ނުކުރާތީ ހެއްޔެވެ؟ މިފަދަ ކަންކަން ލޮލަށް ފެންނައިރުވެސް މައިންބަފައިންނަށް ޢިބްރަތް ޙާޞިލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟
އެއް ރެއެއްގެ ދަންވަރު 2 ޖަހައި އެހައިކަންހާ އިރެވެ. ބައްޕައަކު ކޮޓަރީގައި އޮތީ އެވަގުތު އެކަންޏެވެ. އަނބިމީހާ އެވަގުތު އޮތީ ދަރިންގެ ކޮޓަރީގައެވެ. ބައްޕައަށް އެނދުގައި އޮވެވުނީ ބަލައިގެން ނުވާނެ ފިލްމެއް ބަލާށެވެ!
ކުއްލިއަކަށް ފެނުނީ 5 އަހަރުގެ އަންހެން ދަރިފުޅު ކުއްލިއަކަށް އައިސް ކޮޓަރިއަށަ ވަންތަނެވެ. އަވަސް އަވަހަށް ޓީވީ ނިއްވައިލިއެވެ. ނަމަވެސް ދަރިފުޅަށް ރަނގަޅަށް މަންޒަރު ފެނުނެވެ. އެވަގުތު "ބައްޕައަށް ހަލާކުހުރި!" ކަމަށްބުނެފައި ދޮރު ލައްޕާފައި ދަރިފުޅު ނުކުމެގެންދިއައީއެވެ.
ބައްޕަ ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. ރޮވެން ފެށިއެވެ. މީސްތަކުން ދަމު ނަމާދުކުރަން ހޭލާ ވަގުތު އޭނާއަށް އޮވެވުނީ ފާފައަކަށް އަރައިގަންނަން ކަމަށްވުމުންނެވެ. ކަންފަތުގައި ގުގުމަމުން ދިއައީ ދަރިފުޅު ކޮޓަރިން ނުކުންނަމުން ބުނި ބަހެވެ!
އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ފެންވަރައިގެން ދިއައީ މިސްކިތަށެވެ. ދަމުނަމާދުކުރިއެވެ. ނަމަވެސް ލޮލުން ދިއައީ ކަރުނަތައް ފައިބަމުންނެވެ. ފަތިސް ނަމާދަށްފަހު މިސްކިތުން ފައިބައިގެން ގެއަށް އައިއިރުވެސް ހުރީ ހަމަ އެހާލުގައެވެ. އެދުވަހު މަސައްކަތު ގޮސް ހުރިއިރުވެސް އޭނާ ހުރީ އެކަމުގެ ހިތާމައިގައެވެ.
ގެއަށް އައިއިރު އަނބިމީހާ އިނީ ރޯށެވެ! އޭނާއަށް ހީކުރެވުނީ ދަރިފުޅު އެވާހަކަ ދެއްކީ ކަމަށެވެ. އެހެންވެ ވަރަށް ދެރަވެ، ލަދުން ހުރެ ރޮނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޖަވާބުގައި އަނބިމީހާ ބުނީ ދެންމެ ކުއްލިއަކަށް އަނހެން ދަރިފުޅު ނިޔާވެއްޖެ ކަމަށެވެ. ލިބުނު ހިތާމަ އާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެގެންދިއައީއެވެ.
ދަރިފުޅުގެ ހަށިގަނޑު ކައްވަޅުގައި ބޭއްވީ ބައްޕަގެ އަތުންނެވެ. ބޭއްވުމަށްފަހު އޭނާގެ މޫނަށް ހިނިތުންވުމެއް އައެވެ. އެކަން ވެގެންދިއައީ މަންޒަރު ބަލަން ތިބި މީހުންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ޖަނާޒާއަށްފަހު މީސްތަކުން ސުވާލުކުރުމުން އޭނާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. "ދަރިފުޅު އަހަރެން ދޫކޮށްފައި އެދިއައީ އަހަރެން ޙައްޤުގެ މަގަށް ރުޖޫޢަކުރުވައިފައެވެ." އިތުރު އެއްވެސް ބަހެއް ނުބުނެއެވެ.
ލިބުނު ފިލާވަޅުން އޭނާ ޢިބްރަތް ޙާޞިލުކުރިއެވެ. މިއަދު އޭނާއަކީ ހުރިހާ ކަމެއްގައިވެސް މީސްތަކުންނަށް ނަމޫނާ މުސްލިމެކެވެ. ބަރާބަރަށް ރޭ އަޅުކަންކުރާ ތަޤްވާވެރިއެކެވެ.
މީސްތަކުންނޭވެ! މިވާހަކައިގައިވާ ޢީބްރަތުން ފިލާވަޅު ލިބިގަންނާށެވެ! އިންސާނަކަށްވީތީ ކުށެއް ކުރެވިދާނެއެވެ. އެކަން ޤަބޫލުކުރެވުމާއިއެކު ވީހައި އަވަހަކަށް ތައުބާވާން ޖެހޭނެއެވެ. އަދި އެ ތައުބާގެ މަތީގައި ސާބިތުވާން ޖެހޭނެއެވެ. ﷲ ތައާލާ އީ ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވަވާ "ޣަފޫރުއްރަޙީމް" އެވެ.
- ޝައިޚް ޢަބްދުލްބާރީ ޔަހްޔާގެ ޚުޠުބާއަކުން