ހިތާމައެއްގަ ހުރި މީހެއްގެ ހިތަށް އަނިޔާއަކަށްވާނެ ގޮތަށް ބަސްބުނަން ހެޔޮނުވާނެ! އެކަންވާނީ ކުރެވޭ އިތުރު އަނިޔާއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިތާމައެއްގަ ހުރި މީހެއްގެ ހިތަށް އަނިޔާއަކަށްވާނެ ގޮތަށް ބަސްބުނަން ހެޔޮނުވާނެ! އެކަންވާނީ ކުރެވޭ އިތުރު އަނިޔާއަކަށް!

ހިތްދަތިކަމުގައިވާ މީހަކު ފެނިއްޖެނަމަ ހިތްވަރުދޭށެވެ! އެޙާލަތުން އަރައިގަތުމަށް އެހީތެރިވާށެވެ! އެކަންކަން ކުރެވެން ނެތްނަމަ އޭނާގެ ހިތްވަރު އިތުރަށް އެލިގެންދާނެ ފަދަ ބަސްތައް ނުބުނާށެވެ.  

ހިތްދަތިކަމުގައިވާނަމަ އެމީހަކާއި ގުޅުން ބަދަހިކުރާށެވެ! ލޯބިދޭށެވެ! އަޅައިލާށެވެ! އެހީތެރިވެދޭށެވެ. ތިބާއަކީ އޭނާއަށް ހެޔޮ އެދޭ މީހެއްކަން ޢަމަލުތަކުން ދައްކައިދޭށެވެ. އެއިރުން އޭނާގެ ސަމާލުކަން ތިބާއަށް ލިބޭނެއެވެ. ލިބުނީމާ ދެން ބުނާށެވެ! "އެކުވެރިޔާއެވެ. ވިސްނައިގެން ދުނިޔޭގައި އުޅޭށެވެ. ﷲ ތަޢާލާ އާއި ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރާށެވެ! އަބަދުވެސް އަހަރެމެންގެ ހަނދާނުގައި ބަހައްޓަން ޖެހޭނެ އެއްކަމަކީ އީމާންކަން ބަލިކަށިވުމާއި ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ފާފަކުރުމަކީ އެކަމުގެ އަސަރު އެކި ގޮތްގޮތުން ދިރިއުޅުމަށް ކުރާނެ ކަމެއް ކަމެވެ."  

މިފަދަ މޭރުމަކުން ބުނުމުން އޭނާއަށް ވިސްނޭނެއެވެ. އަދި އިޞްލާޙްވާން މަސައްކަތްވެސް ކުރާނެއެވެ. އިން ޝާ ﷲ  

މިނަޞޭޙަތް ދޭން މިޖެހެނީ ހިތްދަތިކަމެއްގައިވާ މީހަކާއި ބައްދަލުވުމުން އެމީހަކާއިމެދު ގޮތް ނިންމަން ގިނަ ބައަކު އަވަސްވެގަންނާތީއެވެ. އެއިރުން އެކުރެވެނީ އިތުރު އަނިޔާއެވެ. "އީމާންކަން ބަލިކަށީއެވެ. ފާފަކުރަނީއެވެ." ފަދަ ބަސްތައް އެމީހަކަށް ނުބުނާށެވެ!  

މިފަދަ ބަސްތައް ބުނުމުން އޭނާއަށް ލިބޭނީ އިތުރު އަނިޔާއެވެ. އަދި އެމީހަކަށް ހިތްދަތިކަން ލިބެން މެދުވެރިވި ސަބަބު ބުނަން އެހައި ފަސޭހައިން އެނގެނީ ކިހިނަކުންހެއްޔެވެ؟ ސަބަބު ބުނީ ކާކުހެއްޔެވެ؟ އީމާންކަން ވަރުގަދަ ތަޤްވާވެރިންނަށް ހިތްދަތިކަން ދިމާނުވަނީހެއްޔެވެ؟ މިހުރީ ވިސްނައިލަން ޖެހޭނެ ކަންކަމެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން